ޢަލީ އިޙްޞާން ފިރާޤް
ނިންމުމުގެ ކުރިން ކޮޓަރިކޮޅުގެ ތާރީޚަށް ނިކަން ބައްލަވާ
ރަންޒަމާނުގެ އަސަރުތައް ރައްކާކުރެއްވިގޮތް ނިކަން ވިސްނަވާ
މާތް ރަސޫލާ صلّى اللّـه عليه وسلّم މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ދެ އަނބިކަނބަލުން ތިއްބެވިއެވެ. އެއީ ސައުދަތުގެފާނާއި، ޢާއިޝަތުގެފާނެވެ. އެ ދެ ބޭކަނބަލުންނަށް މަސްޖިދުއްނަބަވީއާ އިންވެގެން ދެ ކޮޓަރިކޮޅު ބިނާކޮށް ދެއްވިއެވެ. އެއަށްފަހު ޙަފްޞަތުގެފާނާ ކައިވެނިފުޅު ބެއްލެވުމަށްފަހު އެކަމަނާއަށް ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ދެކުނު ފަރާތުގައި ކޮޓަރިކޮޅެއް ބިނާކޮށްދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން ދިރިއުޅުއްވި ކޮޓަރިކޮޅުތަކަށް [ޙުޖުރާތު] މިނަމުން ނަންކިޔިގެންވެއެވެ.
އެކަލާގެފާނު ކައިވެނިބެއްލެވި ބޭކަނބަލުންގެ ތެރެއިން ކޮންމެ ބޭކަނބަލަކަށް ކޮޓަރިކޮޅެއް ބިނާކޮށްދެއްވެވިއެވެ. މީގެ ކޮންމެ ދެކޮޓަރިކޮޅެއް ދެމެދުގައިވަނީ ކިރިޔާ މީހަކަށް ހިނގާލާފަ ދެވޭ ވަރުގެ ހަނިމަގެކެވެ. މި ކޮޓަރިކޮޅުތަކުގެ ކައިރިކަމުން އެއްކޮޓަރިކޮޅުގައި ތިއްބަވައިގެން އެއްބޭކަނބަލަކު އަނެއް ބޭކަނބަލަކާ ވާހަކަފުޅު ދައްކަވައެވެ.
އެގޮތަށް ތިއްބަވައިގެން ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނު ވަރަށް ގިނައިން އެއްބޭފުޅަކު އަނެއް ބޭފުޅަކާ ވާހަކަފުޅު ދައްކަވައެވެ. އެ ކޮޓަރިކޮޅުގައި ހުރެ މީހަކު އަތް އުފުލައިލައިފިނަމަ ފުރާޅުގައި އަތް ޖެހޭވަރުވެއެވެ. ހިޖުރައިން އެގާރަ ވަނަ އަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމުން ފަސްދާނުވެޑުވުނީ ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. އެކަލޭގެފާނު ފަސްދާނުވެޑުވުމަށް ތައްޔާރު ކުރުމަށްޓަކައި ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައި ހުރި ބައެއް ފަރުނީޗަރު ނެރެން ޖެހުނެވެ.
އޭގެ ދެ އަހަރުފަހުން އަބޫބަކުރުގެފާނު އަވަހާރަވުމުން އެކަލޭގެފާނުވެސް ފަސްދާނުވެޑުވުނީ އެކޮޓަރިކޮޅުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައެވެ. އޭގެ ދިހަ އަހަރުފަހުން ޢުމަރުގެފާނު ޝަހީދުވުމުން އެކަލޭގެފާނުވެސް ފަސްދާނުވެޑުވުނީ އެކޮޓަރިކޮޅުގައެވެ. އޭގެ ތިންބޭކަލުން ފަސްދާނުވެޑުވުމަށްފަހުވެސް ޢާއިޝަތުގެފާނު ދިރިއުޅުއްވަމުން ގެންދެވީ އެކޮޓަރިކޮޅުގައެވެ.
ނަމަވެސް ޢުމަރުގެފާނު ފަސްދާނުވެޑުވުމުން މަހާނަފުޅު ހުރިތަނާ އެކަމަނާ ދިރިއުޅުއްވަމުން ގެންދެވިތަން ވަކިކޮށްލެއްވިއެވެ. އެއީ ޢުމަރުގެފާނަކީ އެކަމަނާގެ މަހުރަމަކަށްނުވެފައި، އެކަމަނާ އެކަލޭގެފާނަށް އިޙްތިރާމުކުރައްވާލެއް ބޮޑުކަމުންނެވެ.
އޭގެ ތިންބޭކަލުން ފަސްދާނުވެޑުވުމަށްފަހު، އެކޮޓަރިކޮޅުގައި ހަތަރުވަނަ މީހަކު ވަޅުލާނެ ޖާގަ އޮތެވެ. ކުރީން ޢާއިޝަތުގެފާނު ބޭނުންފުޅުވެވަޑައިގެންނެވީ އެކަމަނާގެ ފިރިކަލުން މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި ބައްޕާފުޅު އަބޫބަކުރުގެފާނުގެ އަރިހުގައި އެކަމަނާ އަވަހާރަވުމުން ފަސްދާނުވެޑުވުމަށެވެ. ނަމަވެސް އެކަމަނާ އަވަހާރަވުމުގެ ކުރީން އިބްނު ޒުބައިރަށް ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމަނާ އަވަހާރަވުމުން ބަޤީޢުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންގެ އަރިހުގައި ފަސްދާނުވެޑުވުމަށެވެ.
ފަހަރުގައި އެއީ އެތަނުގައި ޢުމަރުގެފާނު ފަސްދާނުވެޑުވުމުން އެކަލޭގެފާނަކީ އެކަމަނާގެ މަހުރަމެއްކަމުގައި ނުވާތީ ނިންމެވި ނިންމެވުމެއްކަމުގައި ވެދާނެއެވެ. ކޮންމެއަކަސް، ޢާއިޝަތުގެފާނު ދުނިޔޭގައި އިންނެވި ހާ ދުވަހު އެކަމަނާ އިންނެވީ އެކޮޓަރިކޮޅުގައެވެ. މަހާނަފުޅުތަކާއި ވަކިކޮށްލެވިފައިވާ ކުޑަކުޑަ ޖާގައިގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށްފަހު ސާޅީސް ހަތް (47) އަހަރު ދުނިޔޭގައި އިންނެވުމަށްފަހު ޢާއިޝަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ވަނަ އަހަރުގައެވެ.