ދަރިންނަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދިނީމާވެސް ދަރިންގެ ލޯބި ނުލިބޭ އެންމެ ބޮޑު ސަބަބަށް ރައްކާތެރިވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ދަރިންނަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދިނީމާވެސް ދަރިންގެ ލޯބި ނުލިބޭ އެންމެ ބޮޑު ސަބަބަށް ރައްކާތެރިވަމާ!

ވަރަށް ގިނައިން ހުށަހެޅޭ މައްސަލައެކެވެ. "އަހަރެންގެ ދަރިންނަށް އެކުދިން ބޭނުންވި ހުރިހާ ކަމެއްކޮށްދިނީމެވެ. ބޭނުންވަރަކަށް ހޭދަކުރީމެވެ. އެކަމަކު ކުދިން ބޮޑެތިވުމުން އަހުރެންދެކެ ލޯތްބެއް ނުވެއެވެ. ޙާލެއް ނުބަލައެވެ." 

މިފަދަ ޝަކުވާތައްލިބުމުން ބަލައިލާއިރު އޭނާ އެދައްކަނީ ތެދުވާހަކައެވެ. އޭނާ ދަރިންނަށް ޚަރަދުކުރިއެވެ. ބޭނުންވާހައި އެއްޗެއް ހޯދައިދިނެވެ. ނަމަވެސް އެކުދިން އެންމެ ބޮޑަށް އެދުނު، ނުވަތަ ބޭނުންވި ކަންތައް އޮންނަނީ ކޮށްނުދެވިފައެވެ. ނުވަތަ އިހްމާލްވެފައެވެ. 

ރަނގަޅަށް ދަންނާށެވެ! ކުދިން އެއްޗެއްސަށްވެސް ބޭނުންވާނެއެވެ. ނަމަވެސް އެކުދިންނަށް އެންމެ ބޮޑަށް ބޭނުންވާނީ ބައްޕައާއިއެކުގައި ވަޤުތު ހޭދަކުރުމެވެ. ބައްޕަގެ ކިބައިން ލޯތްބާއި އަޅައިލުން ލިބުމަށެވެ. އެކަން އޮންނަނީ ކޮށް ނުދެވިފައެވެ. 

ދަރިންނަށް އަޅާލައި އެކުދިންނާއިއެކު ވަޤުތު ހޭދަކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވަމުން ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ދަރިންނާއިއެކު ވަޤުތު ހޭދަކުރުމަކީ މިސްކިތުގައި އިޢްތިކާފަށް އިނުމަށްވުރެވެސް މުހިންމު ކަމެކެވެ. އެހެން އެވިދާޅުވަނީ އަނބިދަރިން ނަރަކައިން ސަލާމަތްކުރަން ﷲ ތަޢާލާ އަންގަވާފައިވާތީއެވެ. 

ދަރިން ނަރަކައިން ސަލާމަތްކުރެވޭނީ އެކުދިން ކުޑައިރު އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވިގެންނެވެ. އިސްލާމް ދީނަށް ލޯބިޖެއްސުވިގެންނެވެ. އެކަން ކުރެވޭނީ ކުދިންނާއިއެކު ވަޤުތު ހޭދަކޮށްގެންނެވެ. އެކުދިންނަށް ދީނުގެ ކަންކަން އުނގަންނައިދީގެންނެވެ. 

ކޮންމެއަކަސް ދަރިންނަށް ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދެވުނު ނަމަވެސް ދަރިންނާއިއެކުގައި ވަޤުތު ހޭދަނުކުރާނަމަ އެކުދިންގެ ހިތުގެ ލޯތްބެއް ނުހޯދޭނެއެވެ. އެކުދިންގެ ހިތުގެ ލޯބި ނުހޯދޭނަމަ ފަށަމުން މިބަޔާންކުރި މައްސަލަ ކުރިމަތިވުން ގާތްވާނެއެވެ. މުސްކުޅިވެ ، ނުވަތަ ބަލިވެއުޅެންޖެހުމުން ތިމާއަށް ދަރިންގެ ލޯބި އެންމެ ބޮޑަށް ބޭނުންވާ ދުވަހު އޮންނާނީ ނުލިބިފައެވެ. 

ވީމާ މިއީ ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ކޮންމެ ބައްޕައަކުވެސް އަދި މަންމައަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ. 

- އަލަފް

މިއަދު އޮންލައިން