ސިޙުރުވެރިޔާގެ ޙުކުމް:
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އަދި ސިޙުރުވެރިޔާގެ ޙައްދަކީ ޤަތުލުކުރުމެވެ. މިފަދައިން ޢުމަރުގެފާނާއި، ޢުޘްމާންގެފާނާއި، އިބްނު ޢުމަރު އާއި، ޙަފްޞަތުގެފާނާއި، ޖުންދުބު ބުން ޢަބްދުﷲ އާއި، ޖުންދުބު ބުން ކަޢުބު އާއި، ޤައިސް ބުން ސަޢުދު އާއި، ޢުމަރު ބުން ޢަބްދުލްޢަޒީޒު ކިބައިން ރިވާވެފައިވެއެވެ."
ސިޙުރާމެދު މުއުމިނުން:
ﷲއަށް ކިޔަމަންތެރިވާ މުއުމިނު އަޅުންގެ އަޤީދާއަކީ އެއީ ޙަޤީޤަތެއް އެކުލެވިގެންވާ، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާ ކަމެކެވެ. ނަމަވެސް ސިޙުރަކީ ﷲ ގެ ޤުދުރަތްފުޅާއި، އިރާދަފުޅުގެ ބާރުގެ ދަށުގައިވާ ކަމެކެވެ. އެއިލާހުގެ އިރާދަފުޅާ ލައިގެން މެނުވީ ސިޙުރަކުން އެއްވެސް މީހަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ.
މުސްލިމެއްގެ އީމާންތެރިކަން އިތުރުވެ، ﷲއަށް ބިރުވެތިވެ، ޙަރާމްކަންތައްތަކުން އެއްކިބާވެ، އެއިލާހަށް ތަވައްކުލުކުރުން ބޮޑުވިވަރަކަށް ޝައިޠާނާ އެމީހެއްދެކެ ބިރުގަންނަލެއް ބޮޑުވާނެއެވެ. ޝައިޠާނާ މީހާއަށް ބާރުފޯރުވުމަށް ހަށިގަނޑަށް ވަދެގަންނަނީ މީހާ ﷲ މަތިން ހަނދުމަނައްތާލައި ޣާފިލުވުމުންނެވެ. އަޅުގަނޑުމެންނަށް ސަލާމަތެއްގެ ގޮތުން ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކާއި ދުޢާތައް ކިޔައި، ﷲ ގެ އެންގެވުންތަކަށް ބޯލަނބާ ކިޔަމަންތެރިވާކަމުގައިވާނަމަ، ﷲގެ އިރާދަފުޅުން ސިޙުރުފަދަ ނުބައި ކަންތައްތަކުން ﷲ އެމީހާ ސަލާމަތްކުރައްވާނެތެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ)) الطلاق: 3 މާނައީ: “އަދި ﷲއަށް ވަކީލުކުރާމީހާ ދަންނާށެވެ! އެމީހާއަށް އެކަލާނގެ ފުދެއެވެ.”
އަޅުގަނޑުމެން ބިރުވެތިވެ، ދުޢާކޮށް ދަންނަވަންޖެހޭ ފަރާތަކީ ޢާލަމްތަކުގެ ވެރި ﷲއެވެ. އަޅުގަނޑުމެން ޤަބޫލުކުރަންވީ އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް އަދި ގެއްލުމެއްވެސް އެއިލާހުގެ އިޒުނަފުޅާލައިގެންމެނުވީ ނުލިބޭނެކަމެވެ.އަދި އަމުރުކުރައްވާފައިވާގޮތަށް އަޅުގަނޑުމެން އުޅޭކަމުގައިވަނީނަމަ، އެކަލާނގެ އަލުގަނޑުމެން ސަލާމަތްކުރައްވާނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތްތަކުގައި އިތުރުކުރަންވީއެވެ.
މިއާޚިލާފަށް ސިޙުރުވެރިންނަށާއި، ޝައިޠާނުންނަށް އަޅުގަނޑުމެން ބިރުގަތްވަރަކަށް އެމީހުން އަޅުގަނޑުމެން ބިރުގަންނަވައި ގޯނާކޮށް ހަދާނެއެވެ.
- އައްޝައިޚް މުޙައްމަދު ސިނާންގެ ލިޔުއްވުމަކުން