ޢަލީ އިޙްޞާންފިރާޤް
ޤާސިމް ބިން މުޙައްމަދަކީ ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. އެކަލޭގެފާނު އުފަންވެވަޑައިގެންނެވީ ހިޖްރައިން 35 ވަނަ އަހަރުގައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވިތާ 25 އަހަރުފަހުންނެވެ. އެކަލޭގެފާނުވަނީ ތުއްޕުޅުއިރު މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަޞްޙާބުން ފަސްދާނުވަޑައުވައިފައިވާތަން ދެކެވަޑައިގެންފައެވެ.
ސުނަނަ އަބީދާއޫދުގައި ރިވާވެގެން އައިސްފައިވެއެވެ. މުޙައްމަދު ބިން ޤާސިމް އެއްފަހަރަކު ޢާއިޝަތުގެފާނުގެ އަރިހުގައި ދެންނެވިއެވެ. [އޭ މަންމާފުޅާއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ ދެ އަސްޙާބުންގެ ޤަބުރުފުޅު އަޅުގަނޑަށް ދައްކަވައިދެއްވަފޫނުތޯއެވެ؟] ދެން ބޮޑުދައިތާފުޅު ތިމަންކަލޭގެފާނަށް ތިން މަހާނަފުޅެއް ދެއްކެވިއެވެ. އެ މަހާނަފުޅުތައް ހުރީ ތިރިކޮށެއްވެސް ނޫނެވެ. އުސްކޮށެއްވެސް ނޫނެވެ. އެއީ ހާމަތަނެއްގައި، މަޑު ރަތްކުލައިގެ ކުދިހިލަތަކެއް އޭގެ މަތީގައި އެތުރިފައިވާ މަހާނަފުޅުތަކެކެވެ.]
{ سنن أبي داود، كتاب الجنائز، باب ما جاء في تسوية القبر حديث رقم:3218}
މުޙައްމަދު ބިން ޢުމަރު ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ މަހާނަފުޅު ހުރީ މެދަށް އުސްކޮށް، ދެފަރާތަށް ތިރިކޮށެވެ. މަހާނަފުޅުގެ މަތީގައި ހުރީ ކުދި ހިލަކޮޅުތަކެކެވެ.]
أبوبكر الآجري، غنيم بن بسطام المدني ވިދާޅުވެފައިވާ ކަމަށް ރިވާ ކުރައްވައިފައިވެއެވެ. [ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ދުވަސްވަރު ތިމަންނާ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޤަބުރުފުޅު ދެކުނީމެވެ. ޤަބުރުފުޅު ހުރީ ހަތަރު އިންޗީގެ ދިގުމިނަށް އުފުލައިފައެވެ.]
{فتح الباري 3/257}
رجاء بن حيوة ވިދާޅުވެފައިވެއެވެ. [ޙުޖުރައްތުއް ޝަރީފާގެ ފާރުތައް (މަރާމާތު ކުރުމަށްޓަކައި) ނެގުމުން، ޤަބުރުފުޅުތައް ހުރީ ދިމާއަށް ފެންނާށެވެ. އޭރު ޤަބުރުފުޅުތައް ހުރީ ވެލިގަނޑާ ގާތްގަނޑަކަށް އެއްވަރުވެފައެވެ.] رجاء بن حيوة މިތަން ދެކެވަޑައިގަތީ ހިޖްރައިން 91 ވަނަ އަހަރުގެ ތެރޭގައެވެ.
علي بن أحمد السمهودي އަކީ އެންމެފަހުން ޤަބުރުފުޅުތައް ދެކެވަޑައިގެންނެވި ބޭފުޅާ ކަމަށް ތާރީޚުގައި ލިޔެފައިވެއެވެ. އޭނާ ޤަބުރުފުޅުތައް ދެކެވަޑައިގަތީ ހިޖްރައިން 886 ވަނަ އަހަރުގައެވެ. އޭނާ ވިދާޅުވެފައިވެއެވެ. [ކޮޓަރިކޮޅުގެ ހުރިހާ ހިސާބެއްގެ ވެލިގަނޑު އޮތީ އެއްވަރަކަށެވެ. އެހެންވުމުގެ ސަބަބުން ޤަބުރުފުޅުތަކުގެ ނިޝާންތައް އެނގޭކަށްނެތެވެ. ނަމަވެސް އެތަނުގައި އެއް އުސްގަނޑު ހުއްޓެވެ. ތިމަންނާއަށް ބެލެވެނީ އެއީ ޢުމަރުގެފާނުގެ މަހާނަފުޅު ކަމުގައެވެ.]
އިސްވެދިޔަ ތަނުގައި މި ދަންނަވައިލެވެނީ އެ މަހާނަފުޅުތައް ނުވަތަ ޤަބުރުފުޅުތައް ދެކެވަޑައިގެންނެވި ބޭކަލުން ސިފަ ކުރައްވައިފައިވާ ގޮތެވެ. އެކިބޭކަލުންގެ ސިފަ ކުރެއްވުމުގައި ޚިލާފު އުފެދިފައިވަނީ އެއީ އެބޭކަލުން އެތަން ދެކެވަޑައިގެންނެވީ އެކިއެކި ދައުރުތަކުގައި ކަމުގައި ވާތީއެވެ.