ބުއްދިވެރިންނަކީ ﷲ އަށް ނުދަރާ ދުނިޔެ ހޯދަން މަސައްކަތްކުރާމީހުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ބުއްދިވެރިންނަކީ ﷲ އަށް ނުދަރާ ދުނިޔެ ހޯދަން މަސައްކަތްކުރާމީހުން!: މުފްތީ މެންކް

ދުނިޔެއިން ޙާޞިލުކުރަން ބޭނުން ކަންކަން ޙާޞިލުނުކުރެވިގެން ތެޅިފޮޅޭ މީހުން ވަރަށް ގިނައެވެ. އެފަދަ މީހުން ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކު ދަނީ ﷲ ތަޢާލާއަށް ދަރަނިވެރިވަމުންނެވެ. ނަމާދަށް ދަރަމުންނެވެ. އެދަރަންޏަކީ މަރުވުމަށްފަހު އަދާކުރެވޭނެ ދަރަންޏެއް ނޫނެވެ. 

ބައެއް މީހުން ދުނިޔެއާއިގެން ތެޅި ފޮޅެނީ ވަކި ވަރަކަށް ނޫނެވެ. އަތުގައި ފައިސާ ނެތް ނަމަވެސް ވިޔަފާރިވެސް ކުރަން ޖެހެއެވެ. ގެދޮރުވެސް އެންމެ އުސްކޮށް ބިނާކުރަން ޖެހެއެވެ. އެހެންކަމުން ހޯދުނު ގޮތަކަށް ލޯނުތައް ހޯދައިގެން ކަންކަން ކުރަން ތެޅި ފޮޅެއެވެ. 

މިގޮތަށް މަސައްކަތް ކުރާ ގިނަބައަކު އެކަންކަމުގައި މަސައްކަތްކުރަން ތެޅިފޮޅޭ މިންވަރު ބޮޑުކަމުން ﷲ ތަޢާލާ ފަރުޟު ކުރެއްވެވި ކަންކަން މަތިން ހަނދާނެއް ނުހުރެއެވެ. އެންމެ ކުޑަމިނުން ފަރުޟު 5 ނަމާދު ކޮށްލާނެ ވަގުތުވެސް ލިބޭ ކަމަކަށް ނުވެއެވެ. 

ދެން މިފެންނަނީ ފެށި ވިޔަފާރިން މަންފާއެއް ނުލިބިގެން އުޅެނިކޮށް މަރުވާތަނެވެ. އެޅި ގެއަށް ނުވަދެވިގެން އުޅެނިކޮށް ދުނިޔެ ދޫކުރަން ޖެހޭ ތަނެވެ. ނެގި ލޯނުތައްވެސް ބޮޑު ދަރަންޏެއްގެ ގޮތުގައި އޮއްވައެވެ. 

އެހިސާބުން ދެން ކުރިމަތިލާން ޖެހެނީ ﷲ ތަޢާލާޢަށް ދަރާއޮތް ދަރަނިތަކާއިއެވެ. ނުކުރެވިހުރި ނަމާދުތަކާއިއެވެ. ކީރިތި ޤްރްއާން ކިޔަވާލައި އުނގެނުމުގެ ވަގުތު ނުހޯދިކަމުގެ ބޮޑު މައްސަލަ އާއިއެވެ. އެފަދަ އެތައް ގިނަ ބޮޑެތި ބޮޑެތި ބިޔަ ދަރަނިތަކާއިއެވެ. 

ނިކަން ބުނެބަލާށެވެ! ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ އެ ދަރަނިތައް ﷲ ތަޢަލާއަށް އަދާކުރެވޭނެ އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ؟ އަދާ ނުކުރެވުނީމާ ނަރަކަށް ދިއުން ނޫން އެއްވެސް ގޮތެއް އޮންނާނެ ހެއްޔެވެ؟

ނަމަވެސް ވިސްނާށެވެ! ﷲ ތަޢާލާއަށް ތިބާ ދަރާފައިވާ ދަރަނިތައް އަދާ ކުރެވިފައިވާނަމަ މަރުގެ މަލާއިކަތުން ވަޑައިގެން ތިބާގެ މަރު ގެންދަވާ ހިސާބުން ތިބާ އެވަނީ އުޚުރަވީ ހަޔާތުގެ އެންމެ ފުރިހަމަ ގަނޑުވަރުގައެވެ. އާޚިރަތް ތިބާއަށް ގަނޑުވަރުތައް ލިބޭނީ ސުވަރުގެއިންނެވެ. ތިބާގެ ފުރާނަ ހިއްޕަވާއިރުވެސް ތިބާއަކީ ސުވަރުގެވަންތަވެރިއެއްކަން ތިބާއަށް އެނގިގެންދާނެއެވެ. ތިބާ ދުނިޔެ ދޫކުރާނީ އުފަލުން ހިނިތުންވެ ހުރެއެވެ. 

މަރު ހިއްޕަވަން ވަޑައިގަންނަވާ މަލާއިކަތް ބޭކަލުންތައް ތިބާއަށް ފެންނާނެއެވެ. އެބޭކަލުންގެ ހަށިކޮޅުތަކުން ދުވާ މީރުވަސް ތިބާއަށް މީރުވަސް އިޙްޞާޞް ކުރެވޭނެއެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ތިބާ ދުނިޔޭގައި އުޅެފައިވަނީ އެންމެ ފުރިހަމައަށް ނަމަ ތިބާގެ ފުރާނަ ގެންދަވާ ވަގުތު ވަޑައިގަންނަވާ މަލާއިކަތް ބޭކަލުންގެ ސަބަބުން މުޅި އުދަރެސް ފުރިފައިވާތަން ތިބާޢަށް ފެންނާނެއެވެ. 

ވީމާ މަސައްކަތް ކުރަންވީ ލޯނު ނަގައިގެން ދުނިޔެ އާރާސްތުކުރަން ހެއްޔެވެ؟ ނޫނީ މަރުވުމުން އަދާކުރަންޖެހޭ ދަރަނި އަދާކުރަން ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް ބުއްދިވެރިއަކަށް ވާނީ އާޚިރަތުގެ ދަރަނި އަދާކުރަން މަސައްކަތް ކުރާ މީހާއެވެ.! 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން