ރޯދަ ހިފައިދިނުން އޮތީ ރޯދަ މަހުގެ ރޯދައެއް ގެއްލި އެރޯދަ ގަޟާ ކުރުމުގެ ފުރުޞަތު ލިބި، އެކަން ނުކުރެވި ވަނިކޮށް މަރުވެއްޖެމީހާގެ މަތިންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރޯދަ ހިފައިދިނުން އޮތީ ރޯދަ މަހުގެ ރޯދައެއް ގެއްލި އެރޯދަ ގަޟާ ކުރުމުގެ ފުރުޞަތު ލިބި، އެކަން ނުކުރެވި ވަނިކޮށް މަރުވެއްޖެމީހާގެ މަތިންނެވެ!

ފަސޭހަވާނެ ކަމުގެ އުއްމީދެއް ނެތް ބަލީގައިވާ މީހާ ގެ މައްޗަށް ރޯދަ ހިފުމެއް ނެތެވެ. އަދި ގެއްލުނު ރޯދަ ގަޟާ ކުރުމެއްވެސް ނެތެވެ. އޭގެ ބަދަލުގައި ގެއްލޭ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދޭނީއެވެ. އޭނާ ދުނިޔޭގައި ހުރެއްޖެނަމަ އެކަން އަމިއްލަ އަށް ކުރާނީއެވެ. ނިޔާވެފައިވާނަމަ ވާރުތަވެރިން އެކަން ކުރާނީއެވެ.

އެހެންނަމަވެސް، އެމީހެއްގެ ބައްޔަކީ ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބައްޔަކަށް ވަނީނަމަ، ބަލީގެ ސަބަބުން އެމީހެއްގެ މައްޗަށް ރަމަޟާން މަހު ރޯދަ ހިފުން ވާޖިބު ވެގެންނެއް ނުވެއެވެ. އޭގެ ބަދަލުގައި ބަލި ފަސޭހަ ވުމުން އެހެން ދުވަސްތަކެއްގައި އެރޯދަ ގަޟާ ކުރާނީއެވެ. ބަލި ފަސޭހަ ނުވުމުގެ ސަބަބުން ރޯދަ ގަޟާ ނުކުރެވި ވާނަމަ، އެމީހެއްގެ މައްޗަށް ފާފަ އެއް ނެތެވެ. ރޯދަ ހިފުމެއްވެސް އަދި މިސްކީނަކަށް ކާންދިނުމެއްވެސް ނެތެވެ. އަދި އޭނާގެ ވާރުތަ ވެރިން އެރޯދަ ހިފައިދޭކަށްވެސް އަދި މިސްކީނުންނަށް ކާންދޭކަށްވެސް ނުޖެހޭނެއެވެ.

އެހެންނަމަވެސް، ރޯދަ ގަޟާ ކުރުމުގެ ފުރުޞަތުލިބި، އެކަން ނުކޮށް ހުއްޓާ މަރުވެއްޖެނަމަ، އޭނާގެ ވާރުތަ ވެރިން އެރޯދަ ހިފައިދިނުމަކީ އެދެވިގެންވާ ކަމެކެވެ. ވާރުތަ ވެރިންނަށް އެރޯދަތައް ހިފައިދިނުން އުނދަގޫ ކަމަކަށް ވެއްޖެނަމަ ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. 

(مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ )

މާނައަކީ: "މީހަކު މަރުވާ އިރު އެމީހަކު ހިފަން ޖެހޭ ރޯދައެއް ވާނަމަ އޭނަގެ ވަލީވެރިޔާ އެރޯދަ އެއް ހިފާ ހުށިކަމެވެ". 

މިޙަދީޘްގެ މުރާދަކީ ރޯދަ މަހުގެ ރޯދައެއް ގެއްލި އެރޯދަ ގަޟާ ކުރުމުގެ ފުރުޞަތު ލިބި، އެކަން ނުކުރެވި ވަނިކޮށް މަރުވެއްޖެމީހާގެ މަތިން ރޯދަ ހިފައިދިނުމެވެ. والله أعلم  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް   

(ރޯދައާއި ބެހޭ ގޮތުން ކުރެވޭ މިފަދަ ސުވާލުތައް ތަކުރާރުކޮށް ކިޔުންތެރިންނަށް ހުށަހަޅައިދެމުން މިގެންދަނީ ކިޔުންތެރިން ތަކުރާރުކޮށް ސުވާލުކުރައްވާތީއެވެ. އަދި އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.)

 

މިއަދު އޮންލައިން