ޢަލީ އިޙްޞާން ފިރާޤް
އުމަވީ ޚިލާފަތުގައި ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ހުރީ އެކަނބަލުންގެ ގާތްތިމާގެ މީހުންނަށް ވާރުތަވެފައެވެ. ހިޖްރައިން 91 ވަނަ އަހަރު ޚަލީފާ އަލްވަލީދު ބިން ޢަބްދުލްމަލިކު ނިންމެވީ މަސްޖިދުއްނަބަވީ ބޮޑުކުރެއްވުމަށްޓަކައި، މާތް ރަސޫލާގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ވާރުތަވެރިންގެ އަތުން ބައްލަވައިގެންނެވުމަށެވެ. އެދުވަސްވަރަށް އައިއިރު މަދީނާގައި އެއްވެސް ޞަޙާބީއަކު ނޫޅުއްވައެވެ. އެ ކޮޓަރިކޮޅުތަކުގައިވެސް އެއްވެސް މީހަކު ދިރިއެއް ނޫޅުއްވައެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މުނިކާފަ ދަރިކަލެއްކަމުގައިވާ ޢަލީ ބިން ޙުސައިން ޒައިނުލްޢާބިދީން ވަރަށް ގިނައިން އެ ކޮޓަރިކޮޅުތަކަށް ވަޑައިގަންނަވައެވެ.
ކޮޓަރިކޮޅުތައް ތަޅައިލައި އެކޮޓަރިކޮޅުތައް މަސްޖިދުއްނަބަވީގެ ތެރެއަށް ލެއްވުމުގެ ޚިޔާލާމެދު ބައެއް ޠާބިޢީން ދެކޮޅު ހެއްދެއްވިއެވެ. އެހެނީ އެކޮޓަރިކޮޅުތަކަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ސާދާ ދިރިއުޅުއްވުން އަންނަ އޮތް ޖީލުތަކަށް ފެންނާނެ ތަނެއް ކަމުގައިވާތީއެވެ. މަޝްހޫރު ޠާބިޢީ ބޭކަލެއްކަމުގައިވާ ސަޢީދު ބުނުލް މުސައްޔަބު ވިދާޅުވެފައިވެއެވެ.
[މާތްﷲ ގަންދެމެވެ. އެބައިމީހުން އެކޮޓަރިކޮޅުތައް ދޫކޮށްލިނަމަ އަހަރެން އެކަމާ އުފާކުރީމުހެވެ. އޭރުން މަދީނާ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުންނަށް، މާތް ރަސޫލާ ދުނިޔޭގައި އުޅުއްވި ދަތި ހާލުކޮޅު އެނގޭނެއެވެ. އޭރުން އެބައިމީހުން މާއްދިޔަތުގެ އުފާތައް ހޯދުމަށް އެކަކު އަނެކަކަށް ވާދަކުރުން ހުއްޓައިލަފާނެއެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ތަޅައިލައި މިސްކިތް ބޮޑު ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދެވިއިރު މަދީނާގެ ގަވަރުނަރަކަށް ހުންނެވީ ޢުމަރު ބިން ޢަބްދުލްޢަޒީޒެވެ. އެ މަންޒަރު ލޯފުޅުން ދެކެވަޑައިގެންނެވި ބޭކަލެއްކަމުގައިވާ رجاء بن حيوة ވިދާޅުވެފައިވެއެވެ.
[ވަލީދު ބިން ޢަބްދުލް މަލިކު، ޢުމަރު ބިން ޢަބްދުލް ޢަޒީޒަށް، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތައް ބައްލަވައިގެންނެވުމަށް އެންގެވިއެވެ. އެއީ އެކޮޓަރިކޮޅުތައް މިސްކިތުގެ ތެރޭގައި ހިމެނުއްވުމަށެވެ. އެކޮޓަރިކޮޅުތަކުގެ ފާރުތައް ނެގިއްޖެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި ދެ ޞަޙާބީންގެ ޤަބުރުފުޅުތަކުގެ މަތީގައިވާ ވެލިގަނޑު ހުރީ އެއްވަރުވެފައެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒު، ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ފާރުކޮޅުތައް އަލުން ރޭނުއްވިއެވެ.] އެހެން ކޮޓަރިކޮޅުތައް މަސްޖިދުއް ނަބަވީގެ ތެރެއަށް ލެއްވީއެވެ.
ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގެ ފާރު މަރާމާތު ކުރެވެމުން ދަނިކޮށް ނުވަތަ މަރާމާތުކޮށް ނިންމެވިތަނުން، އެކޮޓަރިކޮޅުގެ އިރުމަތީ ފަރާތު ފާރުވެއްޓުނެވެ. ފާރު އަލުން ރޭނުމަށްޓައި ކޮންނަމުން ދަނިކޮށް އެތަނުން ބޭކަލެއްގެ ފައިންޕުޅު ފެނުނެވެ. އެ ވާހަކަ ބަޔާން ކުރައްވަމުން ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައި ޢުރްވަތު ބިން ޒުބައިރު ވިދާޅުވެފައިވާކަމަށް ޞަޙީޙު ބުޚާރީގައިވެއެވެ.
[ވަލީދު ބިން ޢަބްދުލް މަލިކުގެ ޚަލީފާކަމުގެ ދުވަސްވަރުގައި، ކޮޓަރިކޮޅުގެ ފާރެއެއް ޤަބުރުފުޅުގެ މައްޗަށް ވެއްޓުނެވެ. މީސްތަކުން އެ ފާރު ރޭނުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި، އެތަނުން ބޭކަލެއްގެ ފައިންޕުޅު ފެނުނެވެ. މިކަމާ މީސްތަކުން ވަރަށް ބިރުގަނެއްޖެއެވެ. އެބައިމީހުން ހީކުރީ އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި ފައިންޕުޅުކަމުގައެވެ. އެއީ ކޮންބޭކަލެއްގެ ފައިންޕުޅެއްކަން ބަޔާންކޮށްދޭނެ މީހަކު އެބައިމީހުންނަކަށް ނުފެނުނެވެ. ދެން އަހަރެން އެބައިމީހުންނަށް ބުނީމެވެ. [މާތްﷲ ގަންދީ ބުނަމެވެ. މިއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފައިންޕުޅެއްނޫނެވެ. މިއީ ޢުމަރުގެފާނުގެ ފައިންޕުޅެވެ.]
މިދެންނެވި ވާހަކަ އިތުރު ތަފްސީލާއެކު عبد الله بن محمد بن عقيل بن أبي طالب ވިދާޅުވެދެއްވައިފައިވަނީ މިދަންނަވާ އިބާރާތުންނެވެ.
[އަހަރެން ރޭގަނޑުގެ ފަހުބައިގައި މަސްޖިދުއްނަބަވީއަށް އައިސް، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސަލާމް ދަންނަވާ، ފަތިސް ނަމާދުވެއްޖައުމަށް ދާންދެން މިސްކިތުގައި މަޑުކުރަމެވެ. ވަރަށް ވިއްސާރަ ރެއަކު އަހަރެން މުޣީރަތު ބިން ޝުޢުބާގެ ގެކޮޅު ކައިރީގައި ހުއްޓާ، މީގެ ކުރިން ދުވަހަކުވެސް ނުދުވާފަދަ މީރުވަހެއް ދުވަންފެށިއެވެ. އަހަރެން މިސްކިތަށްވަދެ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސަލާމްދެންނެވިތަނުން ފެނުނީ ކޮޓަރިކޮޅުގެ ފާރު ވެއްޓިފައިވަނިކޮށެވެ. އަހަރެން ކޮޓަރިކޮޅުގެ އެތެރެއަށްވަދެ އަނެއްކާވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސަލާމްދެންނެވީމެވެ. އިރުކޮޅެއްފަހުން މަދީނާގެ ގަވަރުނަރު ޢުމަރު ބިން ޢަބްދުލްޢަޒީޒަށް އެ ޚަބަރު ލިބިވަޑައިގެންނެވުމުން އެތަނަށް ވަޑައިގެންފިއެވެ.
ޢުމަރު ބިން ޢަބްދުލްޢަޒީޒު އެދިވަޑައިގެންނެވީ ޤަބުރުފުޅުތުގެ މަތީން ބޮޑު ފޮތިގަނޑެއް އަޅައި ނިވާކޮށްލެއްވުމަށެވެ. ހެނދުނުވުމުން ރާނާ މީހަކު ހޯއްދަވައިގެން ކޮޓަރިކޮޅުގެ ތެރެއަށް އޭނާ ފޮނުއްވިއެވެ. ރާނާ މީހާ އެދުނީ އޭނާއަށް އިތުރު މީހެއްގެ އެހީ ބޭނުންވާކަމުގައެވެ. ޢުމަރު ބިން ޢަބްދުލް ޢަޒީޒާއި، ޤާސިމް ބިން މުޙައްމަދު އެކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ސާލިމް ބިން ޢަބްދުﷲ ބިން ޢުމަރުވެސް އެކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. އެހިނދު ޢުމަރު ބިން ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ. [މީހުން ގިނަކޮށްގެން އެ ޤަބުރުފުޅުތަކުގައިވާ ބޭފުޅުންނަށް އުނދަގޫކުރުމުގެ ބޭނުމެއްނެތެވެ.] މިހެން ވިދާޅުވެފައި އޭނާގެ އަޅު މުޒާހިމު އެތެރެއަށް ފޮނުއްވިއެވެ.
މުޒާހިމު ވިދާޅުވެފައިވެއެވެ. [އެތަނުން ފުރަތަމަ މަހާނަހުރީ ދެން ހުރި ދެ މަހާނައަށް ވުރެ ތިރިކޮށެވެ.]
ކޮޓަރިކޮޅުގެ ފާރު ރާނައި، އާބާތުރަ ފިލުވުމަށްފަހު، ޢުމަރު ބިން ޢަބްދުލްޢަޒީޒު، މުޒާހިމު ލައްވައި ކޮޓަރިކޮޅު ސާފުކުރެއްވިއެވެ. ފަހުން ޢުމަރު ބިން ޢަބްދުލްޢަޒީޒު ހިތާމަފުޅު ކުރައްވާ ވިދާޅުވެފައިވެއެވެ. [މުޒާހިމުގެ ބަދަލުގައި އަހަރެންނަށް އެ ކޮޓަރިކޮޅު ސާފުކުރުމުގެ މަސައްކަތް ކުރެވުނުނަމައޭ ހިތަށްއަރައެވެ. ތިމަން އަތުގައިވާ ދުނިޔަވީ ހުރިހާ އެއްޗަކަށްވުރެ އެކަން ތިމަންނާއަށް ހެޔޮކަން ބޮޑެވެ.]
ޢުމަރު ބިން ޢަބްދުލްޢަޒީޒު އެއަށްފަހު ކޮޓަރިކޮޅުގެ ވަށައިގެން ވަރުގަދަ ފާރެއް ބިނާކުރެއްވިއެވެ. ކޮޓަރިކޮޅުގެ ވަށައިގެން ބިނާކުރެއްވި ފާރުގައި އެއްވެސް ދޮރެއް ނުވަތަ ކުޑަ ދޮރެއްވެސް ނުހިމަނުއްވައެވެ. ފާރުގެ ދިގު މިނަކީ 6.5 މީޓަރެވެ. މި ފާރާއެކު އެއްވެސް މީހަކަށް ޤަބުރުފުޅުތަކުގެ ކައިރިއަށް ދެވުމުގެ މަގު ބަންދުވީއެވެ. މި ފާރު ބިނާކުރެއްވީ ފަސްކަން ހުންނަ ގޮތަށެވެ. ހަތަރު ކަނަށް ފާރު ބިނާ ނުކުރެއްވީ ކަޢުބާއާ ވައްތަރުވެގެން ނުދިޔުމަށްޓަކައެވެ. މީސްތަކުން އެތަނަށް އެއީ މަދީނާގެ ކަޢުބާއޭ ކިޔާފާނެ ކަމަށްޓަކައެވެ.