- ޢަލީ އިޙްޞާން ފިރާޤް
ފުރަތަމަ ހިނގި އަލިފާނުގެ ހާދިސާ:
ހިޖްރައިން 645 ވަނަ އަހަރުގެ ތެރޭގައި، ތެޔޮ އަޅައިގެން ދިއްލައިފައިވާ ބައްތިއެއްގެ ސަބަބުން މަސްޖިދުއް ނަބަވީގައި އަލިފާންރޯވެ، އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގިއެވެ. މީގެ ސަބަބުން މަސްޖިދުއްނަބަވީގެ ވަރަށް ބޮޑު ބަޔަކަށް ގެއްލުން ލިބުނެވެ. އޭގެ ސަބަބުން މަހާނަފުޅުތަކަށް މާބޮޑު އަސަރެއް ނުކުރިކަމުގައި ވިޔަސް، އަލިފާނުގެ ސަބަބުން ފުރާޅު، ފާރުގެ މައްޗަށް ވެއްޓުނެވެ.
މި ހާދިސާއަށްފަހު މަދީނާގެ މީސްތަކުން، ޢައްބާސީ ޚިލާފަތުގެ ޚަލީފާ މުސްތައުސިމްބިﷲ ފަސްވަނައިގެ އެހީތެރިކަމަށް އެދުނެވެ. އޭރު އެރަސްގެފާނު އުޅުއްވަނީ ތަތާރުން ބަޣުދާދަށް އަރައިގެން އެކަމުގެ އުނދަގުލުން ސަލާމަތް ނުވެވިގެންނެވެ. އެހެންކަމުން މިސްކިތް މަރާމާތު ކުރެއްވުމުގެ މަސައްކަތަށް ސަމާލުކަމެއް ދެއްވޭވަރެއް ނުވިއެވެ. ނަމަވެސް އެހެން ޤައުމުތަކުގެ މުސްލިމު ލީޑަރުން މިތަން މަރާމާތު ކުރެއްވުމަށްޓައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. ނަމަވެސް އެއްވެސް މީހަކު އެ ފަސްފާރުގެ ތެރެއަށްވަދެ އެތަން ސާފެއް ނުކުރެއެވެ. ހުރިހާ ކަމެއް ކުރީ ބޭރުންނެވެ. އެއީ އެތަނުގެ ޙުރުމަތަށްޓަކައެވެ.
ކޮޓަރިކޮޅު ވަށައިގެން ލަކުޑިން ބައްދައިލެއްވުން 678 ހ
الظاهر بيبرس އަކީ އެތައް ސަތޭކަ މުސްލިމުންނެއް ޤަތުލުކުރި ތަތާރުން ބަލިކުރެއްވި މިޞްރުގެ މަޝްހޫރު މަމްލޫކު ސުލްޠާނެވެ. މަސްޖިދުއް ނަބަވީގެ ތާރީޚުގައި ރައުޟާ އާއި ފާޠިމަތުގެފާނާއި ޢަލީގެފާނުގެ ގެކޮޅު ވަށައިގެން އެންމެ ފުރަތަމަ ލަކުޑިން ބިނާއެއް ހައްދަވާ ބައްދައިލެއްވީ މި ރަސްގެފާނެވެ. މިތަނުގެ އުސްމިނުގައި ތިން މީޓަރު ހުރެއެވެ. އަދި ތިން ދޮރު ހުރެއެވެ. އެއް ދޮރުހުރީ އިރުމައްޗަށެވެ. އަނެއް ދޮރުހުރީ ހުޅަނގަށެވެ. އަނެއް ދޮރުހުރީ ދެކުނަށެވެ. މިތަން ހެއްދެވުމަށް الظاهر بيبرس މިޞްރުން ލަކުޑި ގެންނެވީ އެމަނިކުފާނު އަމިއްލަފުޅަށް އެތަނަށް ވަޑައިގެން އެތަނުގެ މިންތައް ނެންގެވުމަށްފަހުގައެވެ. މި ރަސްގެފާނު އެތަނުގައި ލަކުޑިން ބިނާކުރެއްވި ތަން މިހާރު ފާހަގަ ކުރެވިފައިވަނީ ޒިޔާރަތް ކުރާމީހުން، މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި ދެ ޞަޙާބީންނާ ސަލާމްދަންނަވާއިރު ހުއްޓިހުންނަ ސަރަހައްދުގެ ގޮތުގައެވެ. މިހާރު އެތަން ހުންނަނީ ރަންކުލައިގެ ޖާލިތަތަކުންނެވެ.
ގުއްބެއް ބިނާކުރުން:
ޤަބުރުފުޅުގެ މަތީން ގުއްބެއް ބިނާކުރެއްވީ މަމްލޫކް ސުލްޠާން المنصور قلاوون އެވެ. އެއީ ހިޖްރައިން 678 ވަނަ އަހަރު ގެ ތެރޭގައެވެ. މިގުއްބު ހަދައިފައިވަނީ ލަކުޑިންނެވެ. މަތި ނިވާކޮށްފައިވަނީ ލޮއިންނެވެ. ގުއްބުގެ އެންމެ ތިރި ހުރީ ދިގުއަކައިގެ ބައްޓަމަށެވެ. މަތިހުރީ އަށްކަން އެކުލެވޭ ގޮތަށެވެ.
އާބާތުރަ ފިލުވުމުގެ މަސައްކަތް:
ހިޖްރައިން 881 ވަނަ އަހަރުގެ ތެރޭގައި މިޞްރުގެ މަމްލޫކް ސުލްޠާން الأشرف قايتباي މަސްޖިދުއް ނަބަވީ ބިނާކުރެއްވުމުގެ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދެވިއެވެ. މަސްޖިދުއް ނަބަވީ އެއްކޮށް ތަޅައިލައްވާ އެތަން އެއްކޮށް އަލުން ބިނާކުރެއްވިއެވެ. ކީރިތި ރަސޫލާގެ ޤަބުރުފުޅުގެ ވަށައިގެން ލެވިފައިވާ ފާރުވެސް އަލުން ބިނާކުރެއްވިއެވެ. އޭރު އެފާރު ހުރީ ކުރިން ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ރެނދުއަޅައިފައެވެ. މިފަހަރު ލަކުޑިން ހަދައިފައިވާ ގުއްބު ގަލުން ރޭނުއްވިއެވެ.