މިއަދުގެ އާޔަތް: ތިމާގެ ބޭނުންތައް ހިންމަވައިދެއްވެވުމަށް އެދޭނަމަ ﷲ ގެ ދީން މަތިވެރިކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މިއަދުގެ އާޔަތް: ތިމާގެ ބޭނުންތައް ހިންމަވައިދެއްވެވުމަށް އެދޭނަމަ ﷲ ގެ ދީން މަތިވެރިކުރާށެވެ!

﴿7﴾ يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ 

" އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް (އެބަހީ: ﷲގެ ދީނަށް) ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެތެވެ."

(މުޙައްމަދު: 7) 

މިއަދު ގިނަ ބައެއްގެ ލޯތަކުގައި މިވަނީ އަވިއައިނެއް އަޅާފައެވެ. އަވިއައިނު އެޅީމާ ވާނެގޮތަކީ ފެންނަ ހުރިހާ އެއްޗެއް ފެންނާނީ އަވިއައިނުގައިވާ ބިއްލޫރީގެ ކުލައިގައެވެ. މިޘާލަކަށް ފެހިކުލައިގެ ބިއްލޫރިނަމަ ފެންނާނީ ފެހިކުލައިގައެވެ. 

ﷲ ތަޢާލާގެ ދީނާއިމެދުގައިވެސް ކަންކަން ވިސްނޭގޮތް މިދަނީ ބަދަލުވަމުންނެވެ. ގިނަބައެއްގެ ލޮލުގައި އައިނެއް ފަދައިން އެޅިފައިވަނީ އެމީހަކު ރުހޭ ކޮންމެވެސް މީހެކެވެ. ﷲ ތަޢާލާގެ ދީނަށް އެމީހަކު ކިތަންމެ ނުބައިކޮށް ކަންކަންކުރި ނަމަވެސް އެއީ ކަމަކަށް ނުވެއެވެ. އެކުރި ކަމަކަށްވުރެ ބޮޑަށް ބެލެވެނީ އެކަންކުރި މީހާއަށެވެ. 

އެކަމުން އަންގައިދެނީ ތިބާއަކީ ﷲ ތަޢާލާއަށްވުރެ ބޮޑަށް ކޮންމެވެސް މީހަކު ދެކެ ލޯބިވާ މީހަކު ކަމެވެ. މިއީ ވަރަށް ބިރުހުރިކަމެކެވެ. ކޮންމެ މީހަކުވެސް ވާންޖެހޭނީ ﷲ ތަޢާލާއަށާއި އެކަލާނގެ ދީނަށް ނަޞްރުދޭ މީހަކަށެވެ. ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާ މީހަކަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ރުހޭ މީހަކުނަމަވެސް އެމީހަކީ ﷲ ތަޢާލާގެ ދީނާއި ޢަޑާވާތްތެރިއަކުނަމަ އެމީހަކާއި ދުރުހެލިވާށެވެ! ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުން މަނާކުރަން މަސައްކަތްނުކުރާ އެކަންކަމަށް ހުރަސް ނާޅާ މީހުންނާއިއެކުގައި ނުވާށެވެ! ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ޢާންމުވަމުންދާއިރު، އެކަމަށް ރުހި ދެލޯމަރައިގެން ތިބޭ މީހުންނާއި ދުރުހެލިވާށެވެ! އެމީހުންނަކީ ޝައިޠޯނާގެ ބައިވެރިންނެވެ. 

ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭށެވެ! ﷲ ތަޢާލާގެ ދީން މަތިވެރިކުރަން މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ ނަޞްރު ދެއްވަވާނެތެވެ. މިއާޔަތުން އެނގިގެންދަނީ އެކަމެވެ. މިއާޔަތުގައި ﷲ ތަޢާލާ އެވަނީ އެކަމަށް ޔަޤީންކަން ދެއްވަވައިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން