ރަސޫލާ ޞޢޥ ދެކެ ލޯބިވުމަކީ ކޮބައިކަމާ އެއީ ކިހާވަރެއްގެ ކަމެއްކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ރަސޫލާ ޞޢޥ ދެކެ ލޯބިވުމަކީ ކޮބައިކަމާ އެއީ ކިހާވަރެއްގެ ކަމެއްކަން އެނގޭހެއްޔެވެ؟

އެންމެ ވާޖިބުކަންބޮޑު ކިޔަމަންތެރިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަޙައްބަތެވެ. އެކަލޭގެފާނުގެ ލޯތްބެވެ. އަދި އެއީ ޢަމަލުކުރާ މީހުންނާއި ހެޔޮކަމުގައި ކުރިއަރައިދާމީހުން ދާންވީ މަތިވެރި ދަރަޖައެވެ.

عن أنس بن مالك قال: قاَلَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ لاَيُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلِدِهِ وَالنَّاسِ أَجْمَعِيْنَ (رواه البخاري ومسلم)  

މިޙަދީޘްގައި ބަޔާންކުރައްވާފައިވަނީ އަޅަކު މުއުމިނަކަށްވާނީ އެއަޅާގެ ހިތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޯބި އޭނާގެ ބައްޕައާއި ދަރީންނާއި އެނޫން އެންމެހައި މީސްތަކުންގެ ލޯބީގެ މަތީގައި ބެހެއްޓުމުންނެވެ  .މިނޫންގޮތެއްގައިނަމަ އީމާންކަން ނަފީކުރައްވާފައިވެއެވެ.
މާތްވެގެންވާ މުސްލިމުންނޭވެ! އީމާންކަން ޞައްޙަވުމުގެ ޝަރުޠަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް މިދެންނެވި ދަރަޖާގައި ލޯބި ބެހެއްޓުންކަން ކޮންމެ މުސްލިމަކުވެސް ދަންނަންވާނެއެވެ. އެހެނީ ބައެއް ރިވާޔަތުގައި އައިސްފައިވަނީ (لاَيُؤْمِنُ أَحَدُكُمْ حَتَّى أَكُوْنَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلِدِهِ وَالنَّاسِ أَجْمَعِيْنَ وفِى رِوَايَة, وَمِنْ نَفْسِهِ الَّتِي بَيْنَ جَنْبَيْهِ,) 

ފަހެ އަޅާގެ ހިތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަހައްޓައިގެންނޫނީ އީމާންކަން ފުރިހަމަ ފުރިހަމަ ނުވާނެކަމުގައި ޙަދީޘްގައި ބަޔާންކަރައްވާއިރު އެނގެނީ މީހާގެ މަންމައާއި ބައްޕައާއި ދަރިންނާއި އެންމެހައި މީސްތަކުންނަށް ވުރެ ތިމާގެ ހިތުގައި ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޯބިބޮޑުވެ އެލޯބި ޢިއްޒަތްތެރިވެ މަތިވެރިވާންޖެހޭނެކަމެވެ. މި އުޞޫލް އިންސާނެއްގައި ސާބިތުވެ ތަޙްޤީޤްވެގެން މެނުވީ އޭނާ ފުރިހަމަ މުއުމިނަކަށް ނުވާނެކަން ކަނޑައެޅެއެވެ.
ޢަބްދުﷲ ބުން ހާޝިމްގެ އަރިހުން ރިވާވިއެވެ. ޢުމަރު ބުން އަލްޚައްޠާބް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ތިމަންގެ ނަފްސު ފިޔަވައި އެނޫން ހުރިހާ އެއްޗަކަށްވުރެ ތިމަންނާ ކަލޭގެފާނަށް ލޯބި ކުރަމެވެ. އެހެން ދެންނެވުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެކަލާނގެ ޙަޟްރަތުގައިވާ ކަލާނގެ ގަންދީ ހުވާކުރަމެވެ. ކަލޭގެފާނުގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބި ކޮށްފުމަށް ދާންދެންނެވެ. ދެން ޢުމަރުގެފާނު ދެންނެވިއެވެ. އާދެ، މިހާރު އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވުރެ ކަލޭގެފާނަށް ލޯބި ބޮޑެވެ. ފަހެ ޙަދީޘްކުރެއްވިއެވެ. އޭ ޢުމަރެވެ! މިހާރު ފުރިހަމަވެއްޖެއެވެ! 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފްގެ ލިޔުއްވުމަކުން

.

މިއަދު އޮންލައިން