އުފާ އިތުރުކުރަން އަނބިންނަށް ފިލްމް ދައްކައި ދައްޔޫސަކަށްވީމާ ދިރިއުޅުން ބަރުބާދުވެ އާޚިރަތް ގެއްލޭ މީހުން ގިނަވާކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
އުފާ އިތުރުކުރަން އަނބިންނަށް ފިލްމް ދައްކައި ދައްޔޫސަކަށްވީމާ ދިރިއުޅުން ބަރުބާދުވެ އާޚިރަތް ގެއްލޭ މީހުން ގިނަވާކަން އެނގޭހެއްޔެވެ؟

ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި ނަމަވެސް ބައެއް ޒާތުގެ ހަރާމް ކަންކަން ކުރެވުމުން ދެދުނިޔޭގައިވެސް ހިތާމަކުރަންޖެހެއެވެ. އެކަމުގެ ކުޑަ މިޘާލެއް ބުނެލާނަމެވެ. 

"އެއީ ޒުވާން ދެމަފިރިއެކެވެ. އިތުރަށް އުފާލިބިގަތުމުގެ ބޭނުމުގައި ބަރަހަނާ ފިލްމްތައް ބަލަން ފެށީއެވެ. ފުރަތަމަ ކޮޅު އެކަންވީ އުފާ އިތުރުވާ ކަމަކަށެވެ. ދުވަސްކޮޅަކުން އަނބިމީހާއަކަށް ފިރިމީހާ ކަމަކު ނުދިއައެވެ. ފިލްމްތަކުން ފެންނަފަދަ ކަންކަން އެގޮތަށް ފިރިމީހާއަށް ނުކުރެވޭތީއެވެ. ފިރިމީހާގެ ސައިޒުވެސް މާކުޑަވެއްޖެއެވެ. އެއްވެސް ގޮތަކުން ފިރިމީހާ ކަމަކު ނުދިއައެވެ. 

ފިރިމީހާއަށް ރޭކައިލިއިރު އަނބިމީހާ ވަނީ ގޯޅި އަޅައި ނިމިފައެވެ. އިޞްލާޙްވާން ބުނީމާ އެދުނީ ވަރިއަށެވެ."

މިއީވެސް ޙާދިސާއެކެވެ. މިފަދަ ޙާލަތު ފިރިމީހާގެ ސަބަބުން އަނބިމީހާއަށްވެސް ކުރިމަތިވެއެވެ. އަދި ދެމަފިރިންނަށްވެސް އެޙާލަތު ކުރިމަތިވެ އެކަކު އަނެކަކަށް ބޭނުންނުވާ ހިސާބަށް ކަންކަން ދެއެވެ. މިއީ ދައްކަން މާރީތި ވާހަކަ ނޫނަސް މިފަދަ ޙާލަތު މެދުވެރިވެ ގިނަބައަކު ފާޙިޝް މުންކަރާތްތަކަށް އަރައިގަންނަމުންދާއިރު މިފަދަ ވާހަކަތައް ނުދައްކައި ތިބެވޭކަށް ނެތެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވެ ފާޙިޝް މުންކަރާތްތަކާއި ދުރުހެލިވާން ނަޞޭޙަތްދޭން އެބަޖެހެއެވެ. މީސްތަކުންނޭވެ! ޙަޤީޤީ އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުތައް ބަހައްޓައިގެންނެވެ. ޙަރާމް ކުރައްވަވާފައިވާ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބެގެންނެވެ. ނޫންނަމަ ދިރިއުޅުން ބަރުބާދުވެ ދުނިޔެއާއި އާޚިރަތް ގެއްލިގެން ހިނގައިދާނެއެވެ. އެކަންކަން ކުރިމަތިވާ މީހުން ދަނީ ގިނަވަމުންނެވެ! އެފަދަ މީހުންގެ ތެރޭގައި ނުހިމެނެން ދެމަފިރިންވެސް ގަދައަޅައި މަސައްކަތްކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ގުޅުންހުރި ސުވާލެއް: 

ދެމަފިރި ޖިންސީ ގުޅުން ހަރުދަނާ ކުރުމަށްޓަކައި އެކަމަށް ޚާއްޞަ ކުރެވިފައިވާ މަޢުލޫމާތު ލިއްބައިދޭ ވީޑީއޯ ނުވަތަ ފިލްމު ބެލުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟  

ހިލޭ އަންހެނެއްގެ ނުވަތަ ހިލޭ ފިރިހެނެއްގެ ޢައުރަ އަށް ބެލުމަކީ ޙަރާމް ކަމެކެވެ. ވީމާ، އަނބިމީހާ އަށް ދަސްކޮށްދިނުމުގެ ގޮތުން ނަމަވެސް، އަދި އެނޫން ގޮތަކުން ނަމަވެސް އޮރިޔާން ފިލްމު ބަލާ ހެދުމަކީ ޙަރާމް ކަމެކެވެ. ތިބާ އަށް ދަސްކޮށް ނުދެވުނު އެއްޗެއް ދަސްކޮށް ދެވޭނީ ކޮން ފިލްމަކުން ބާއެވެ؟! ތިބާ ދައްޔޫޘަކަށް ވާން ބޭނުންވަނީތޯއެވެ؟! والله أعلم 

އިތުރު ސުވާލާ ޖަވާބު: 

ބަނޑު ބޮޑު އަންހެނަކު އޭނާއަށް ކުރިމަތި ފަރާތުން ބޭނުން ކުރަން ދީފއަ ހުންނަ ބޭހެއްޖެހުމުގެ ސަބަބުން ދުވާލު ގަޑީގައި ބޭހާއި އެކު މަޑު ރީނދޫކުލއިގެ ޑިސްޗާޖެއް އަންނަ އިރު އޭނާ ނަމާދު ކުރާން ހަމަ އާދައިގެ ގޮތަށް ވުލޫކޮށްގެން ނަމާދު ކުރީމަ ރަނގަޅުވާނެތޯއެވެ،

އަދި މިގޮތަށް ވާއިރު ކޮންމެ ނަމާދަކަށް ވަކި ވުލޫއެއް ކުރަން ޖެހޭނެތޯ؟ މިހެން މިދެންނެވީ ދެނަމާދު ކައިރި ކައިރީގއ ކުރާ އިރު ކޮންމެ ނަމާދަކަށް ވުލޫ ކުރަން ޖެހހޭނެތޯއެވެ. މިގޮތުން ދެފަރުލު ނަމާދު ކައިރި މައިރީގަ ކުރާއިރު އާއި ފަރުލު ނަމާދާއި ސުންނަތް ނަމާދު ކައިރި ކައިރީގއ ކުރާއިރު ކަންތައް ކުރަންޖެހޭނީ ކިހިނެއްތޯ؟

އަދި މިފަދަ ހާލަތެއްގައި ޒިކުރު ކުރެވޭނެތޯއެވެ. ވަރަށް ތަފްސީލް ޖަވާބެއް ދެއްވުން އެދެމެވެ. 

ބޭހުގެ ސަބަބުން ކުރިމަތީ ފަރާތުން އެއްޗެއް ފޭބިނަމަވެސް، ނަމާދު ކުރުން ދޫކޮށްލައިގެން ނުވާނެއެވެ. ނަމާދު ކުރުމުގެ ކުރިން ރަގަޅަށް ސާފުކޮށް، އިތުރަށް އެއްޗެތި ނުނިކުންނާނެ ގޮތަށް ބަންދުކޮށްލައިގެން ވުޟޫކޮށްގެން ނަމާދު ކުރާނީއެވެ. 

ކޮންމެ ނަމާދަކަށް ވުޟޫ އާކުރާކަށް ނުޖެހޭނެއެވެ.

މިފަދަ ޙާލަތުގައި ޛިކުރުތައްވެސް ކިޔޭނެއެވެ. والله أعلم. 

އަންހެނަކު ނިދާފައި އޮއްވާ ހުވަފެނުން އެދުން ފުދުނުކަމަށް ފެނިއްޖިއްޔާ ހިނައިގަތުން ވާޖިބުވާނެތޯ؟ އަދި ހިނައި ނުގަނެ ފަރުލު ނަމާދު ކުރެވިދާނެތޯ. އަދި މިފަދަ ހުވަފެން ފެންނަނަމަ ކަންތައް ކުރަންޖެހޭނީ ކިހިނަކުންތޯ؟ 

އިޙްތިލާމްވެއްޖެނަމަ (ނިދީގައި މަނިބޭރުވުން)، ފިރިހެނަކަސް، އަންހެނަކަސް، ހިނައިގަންނަން ޖެހޭނެއެވެ. والله أعلم. 

ސުވާލާ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން