ޢިބްރަތްތެރި ވާހަކަ: ފިރިމީހާ، އޭނާގެ ބޮސްގެ އަނބިމީހާއަށް ވިއްކައިގެން ތަނަވަސްކަން ބޭނުން ނުވި ނިކަމެތި އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 55ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ، އޭނާގެ ބޮސްގެ އަނބިމީހާއަށް ވިއްކައިގެން ތަނަވަސްކަން ބޭނުން ނުވި ނިކަމެތި އަންހެނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ-

އަޅުގަނޑު ނިޞްބަތްވަނީ މާލޭގެ ވަރަށް ފަޤީރު ޢާއިލާއަކަށެވެ. ކައިވެނިކުރީވެސް ފަޤީރަކާއިއެވެ. އެއީ އެއްފެންވަރުގެ މީހުންނަށް އެކުގައި ދިރިއުޅެން ފަސޭހަވާނެތީއެވެ. ފިރިމީހާގެ ގެއިން ފިރިމީހާއަށް ކުޑަ ކޮތަރިއެއް ލިބިފައިވެއެވެ. އެހެންވެ ދިރިއުޅެމުން އައީ އެކޮޓަރީގައެވެ. 

ދުވަސްކޮޅަކުން ފިރިމީހާއަށް ވަރަށް ގިނަ ފައިސާ ލިބެން ފަށައިފިއެވެ. ލިބޭ ގޮތެއް ނުއެނގެއެވެ. އަދާކުރަނީ ހަމަ ކުރީގެވެސް ވަޒީފާއެވެ. މުސާރަ ލިބެނީ ހަމަ އެއްވަރަކަށެވެ. ސުވާލުކުރީމާ އެއްވެސް ކަމެއް ކިޔައެއް ނުދެއެވެ. ބުނަނީ އުފަލުގައި މަޑުން ހުރުމަށެވެ. 

ކޮންމެއަކަސް އަޅުގަނޑު ބިރުގަންނަން ފަށައިފިއެވެ. ކުއްލިއަކަށް ފިރިމީހާ ފްލެޓެއް ގަނެލީމާ އަދި ވަކިން ބޮޑަށް ބިރުގަތެވެ. އެއިރު ދަރިއަކުވެސް ވަނީ ލިބިފައެވެ. އެހެންވީމާ ކެތްތެރިވެގެން ހުރުން ނޫން ގޮތެއް އަޅުގަނޑަށް އޮތީ ނެތިފައެވެ. 

އޮފީހުގައި ކުޑަ މަސައްކަތެއް ކޮންމެހެން ކުރަންޖެހިގެން ދަރިފުޅު ނިންދަވައި އަދި ފިރިމީހާއަށް ކާންވެސް ދީފައި އޮފީހަށް ދިއައިމެވެ. އެނބުރި ގެއަށް ދެވުނީ 11 ޖަހަނިކޮށެވެ. ގެއަށް ގޮސް ވަންއިރު މިވާ ގޮތް މިއޮތީ ފެންނާށެވެ. ފިރިމީހާ މިއުޅެނީ އޭނާގެ ބޮސްގެ އަނބިމީހާ އާއި ހިތާވެގެންނެވެ. އުމުރުނަ ބަލައިފިނަމަ ފިރިމީހާއަށްވުރެ އޭނާ 20 ވަރަކަށް އަހަރު ދޮށިވެސްވާނެކަމަށް ބެލެވެއެވެ. ސިޓިން ރޫމްގައި ދެމީހުން ލޯބިކުރަނީއެވެ. 

އަޅުގަނޑު އަނގައަކުން ނުބުނަމެވެ. ވަދެގެން ގޮސް ދެމައިންގެ އެއްޗެތި ފޮށްޓަކަށް އަލައިގެން ނުކުންނަން ދިމާކުރުމުން ދެމީހުން އެކުގައި އައިސް އަޅުގަނޑު ހުއްޓުވިއެވެ. އަންހެން މީހާ ބުނީ އެކަމާއި އަޅާނުލައި ހުރުމަށެވެ. ދެމަފިރިންގެ މެދަށް ނުވަންނާނެ ކަމަށެވެ. މާނައަކީ ވަރިނުކުރުވާނެ ކަމަށެވެ. އަޅުގަނޑަށްވެސް ފައިސާދީ ހިތްހަމަޖައްސައިދޭނެ ކަމަށެވެ. 

ހިތަށް ވަރަށް ގިނަ ސުވާލުތައް ވަނެވެ. ހުރިހާ އެއްޗަކީ ތަނަވަސްކަން ހެއްޔެވެ؟ ދެމަފިރިންގެ ދޭތެރެއަށް ވަނުމަކީ ކޮބައިހެއްޔެވެ؟ އޭނާގެ ފިރިމީހާ އެގޮތަށް އުޅެން އޭނާ ދޫކުރާނެ ހެއްޔެވެ؟ މިފަދަ އެތައް ބައިވަރު ސުވާލުތަކެއް ހިތަށްވަނެވެ. ނަމަވެސް އެއްވެސް ސުވާލެއް ނުކުރަމެވެ. ބުނިހައިވެސް ބަހަކީ ފުދިއްޖެއެވެ. ބޭނުމީ މިގެއިން ދާށެވެ. 

ފިރިމީހާ ވަޤުތުން އަޅުގަނޑު ވަރިކޮށްލިއެވެ. އަނގައިންވެސް ނުބުނެ ރޮމުން ގެއިން ނުކުތީމެވެ. ކޮންމެ ޙާލެއް ޖެހުނަސް ފިރިމީހާ ޒިނޭކުރަން ދޫކޮށްލައިގެން ހުންނަ މީހަކަށް ވާކަށް ބޭނުމެއް ނުވެވުނެވެ. ޒިނޭކުރާ ފިރިއަކާއި އެކުގައި އުޅޭކަށްވެސް ބޭނުމެއް ނުވެވުނެވެ. އެހެންވެ މަގުމަތީގައި ޓެކްސީއެއް ލިބޭތޯ މަޑުކޮށްގެން ހުރެ ދިއައީ އަންނަހައި ކާރަކަށް އަތް ނަގަމުންނެވެ. 

އެހެން ހުއްޓައި މަޑުކޮށްލި ކާރަކަށް އެރީމެވެ. ގެންގޮސްދޭންވީ ކޮންތަނަކަށްތޯ ސުވާލުކުރުމުން ބުނީމެވެ. "އެނގޭ އެންމެ އަގުހެޔޮ ގެސްތް ހައުސަކަށް ގެންގޮސްދޭށެވެ." އެއިރުވެސް ރޮވެއެވެ. އޭނާ ސުވާލުތައް ކުރަން ފެށުމުން ދޮގުހަދާނެ ހިތްވަރެއް ނުލިބުނެވެ. ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. 

އަނގައިން ނުބުނެ އިނދެ ކާރުދުއްވަމުން ގޮސް މަޑުކުރީ ފުދޭވަރެއްގެ ރަނގަޅުބ ގެއަކަށެވެ. މަޑުކޮށްފައި ފައިބަން ބުނީމާ ފޭބީމެވެ. ފޭބުމުން ކާރު ޕާކުކޮށްފައި އައިސް ބުނީ ގެއަށް ވަނުމަށެވެ. ގެއަށް ވަންއިރު ސިޓިންގ ރޫމްގައި އަންހެނަކު އިނެވެ. 

އޭނާގެ ގާތުގައި ބުންޏެވެ. "މިއީ މަގުމަތިން ދެމަފިރިންނަށް ލެއްވެވި ރަޙްމަތެކެވެ." އެހެން ބުނެފައި އަޅުގަނޑުގެ ވާހަކަ ކިޔައިދީނުމުން އަނހެން މީހާ މާގިނަ ވާހަކައެއް ނުދައްކައެވެ. ގެންގޮސް ކޮޓަރިއަކަށް ވައްދާފައި އެއީ އަޅުގަނޑުގެ ކޮޓަރިކަމަށް ބުންޏެވެ. 

އަނެއްދުވަހު އެނގުނު ގޮތުގައި އެއީ ތަނަވަސް ދެމަފިރިންނެވެ. އެކާރަކީވެސް އޭނާގެ ޕްރައިވެޓް ކާރެކެވެ. ދަރިއަކު ނުލިބެއެވެ. އެހެންވެ އެދެމީހުން ތިބީ ކުއްޖަކަށް ބޭނުންވެގެންނެވެ. ދެމަފިރިންވެސް އަޅުގަނޑުމެން ދެމައިންނަށް ވަރަށް ހެޔޮކޮށް ކަންކަން ކޮށްދިނެވެ. ވަޒީފާއިންވެސް ވަކިކުރުވައި ގޭގައި ހުންނަން ބުންޏެވެ. އެމީހުންނަށް އިތުބާރުކުރެވުމުން ވަޒިފާވެސް ދޫކޮސްލައި ގޭގައި ހުންނަން ފެށީއެވެ. އެދެމަފިރިން ދެއްކި އެމީހުންގެ ގާތް މީހަކާއި ކައިވެނިކުރީއެވެ. ކައިވެނިކޮށްގެންވެސް އުޅުނީ އެގޭގައެވެ. 

2 އަހަރުފަހެވެ. އެއްދުވަހަކު ކުރީގެ ފިރިމީހާ އައިސް ބުނީ އަލުން ގުޅެން ބޭނުން ކަމަށެވެ. އެދެމީހުންގެ ގުޅުން ބޮސްއަށް އެނގިގެން ވަޒީފާއިން ވަކިކުރީއެވެ. އަނބިމީހާވެސް ވަރިކޮށްލީއެވެ. ފްލެޓްވެސް ފިރިމީހާގެ ނަމުގައި ރަޖިސްޓްރީނުކޮށް އޮފީހުގެ ނަމުގައި ހުރީމާ އަތުލީއެވެ. ހުރިހާ ވާހަކަތަކެއް އަޑުއެހީމެވެ. އެދުވަހުވެސް މާގިނަ ވާހަކައެއް ނުދައްކަމެވެ. ބުނިހާވެސް ބަހަކީ ދެން މިގެއަށް ނާންނާށެވެ. 

އަޅުގަނޑަށް މިހާރުވަނީ އިތުރު 4 ދަރިން ލިބިފައެވެ. އެމީހުން މިހާރުވަނީ އެމީހުން ދުނިޔޭގައި ނެތް ދުވަހަކުން އެމީހުންގެ ގެއާއި މުދައުވެސް ދަރިފުޅަށްދީފައެވެ. ދަރިފުޅު ކިޔަވައި ނިމުމުން އެމީހުންގެ ވިޔަފާރި ހިންގަން މިހާރުވެސް ވަނީ ދަރިފުޅާއި ޙަވާލުކޮށްފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަތައް މިކިޔައިދިނީ ﷲ އަށް ތެދުވެރިނަމަ ނިކަމެތިނުވާނެކަން ބަޔާންކުރުމަށެވެ. އަޅުގަނޑަކީ އެއިރުވެސް ދަމުނަމާދުވެސް ކުރާ އަންހެނަކީމެވެ. އަޅުގަނޑަށް ދުނިޔޭގައިވެސް މިފެނުނީ އަޅުގަނޑު ކުރަމުން އައި ދުޢާގެ ނަތީޖާއެވެ. ނުނެލަން ބޭނުންވަނީ މިފެނުނީ ﷲ އަސް ބިރުވެތިވެ ދައްޔޫސަކަށް ނުވިކަމުގެ ނަތީޖާކަމަށެވެ. ﷲ ގެ މަގުގައި ޘާބިތުވުމުގެ ނަތީޖާ ކަމަށެވެ. ކިޔުންތެރިންނަށް ފިލާވަޅަކަށްވެ ޢިބްރަތް ޙާޞިލްކުރާނެ ކަމަށް އުންމީދުކުރަމެވެ. 

- ސަފީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

މިއަދު އޮންލައިން