ދުނިޔޭގަ ބައިވެރިޔާގެ މޫނުގަ ރޫޖަހައި އަވަހަށް މުސްކުޅި ސިފަ ޖަހާތީ ކަންބޮޑުނުވާށެވެ! ސުވަރުގޭގަ ދުވަހެއް ދުވަހަކަށް ދާނީ ޒުވާންވެ ރީތިކަން އިތުރުވަމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ދުނިޔޭގަ ބައިވެރިޔާގެ މޫނުގަ ރޫޖަހައި އަވަހަށް މުސްކުޅި ސިފަ ޖަހާތީ ކަންބޮޑުނުވާށެވެ! ސުވަރުގޭގަ ދުވަހެއް ދުވަހަކަށް ދާނީ ޒުވާންވެ ރީތިކަން އިތުރުވަމުންނެވެ!

ބައިވެރިޔާގެ ސިފައަށް ބަދަލު އަންނާތީ ކަންބޮޑުނުވާށެވެ! އެކުގައި ސުވަރުގެދާން ގަދައަޅައި މަސައްކަތްކުރާށެވެ. ސުވަރުގެ ވަދެވުމުން ދުވަހެއް ދުވަހަކަށް ދާނީ ލޯބިއިތުރުވަމުންނެވެ. އަބަދުވެސް ދާނީ ދެމީހުންވެސް އިތުރަށް ޒުވާންވަމުންނެވެ. އެކަކު އަނެކަކަށް ބުނާނެއެވެ. "ތިބާ މިހާރު ކުރިއަސްވުރެ މާރީއްޗެވެ. މާލޯތްބެވެ!"

އަދި ކީއްހެއްޔެވެ؟ ސުވަރުގެ ވައްދަވާނީ ޒުވާނުންގެ ގޮތުގައެވެ. އެންމެ ރިވެތި ސިފައިގައެވެ. ހަށިގަޑުގައި ރުލެއް، ލަކުނެއް ބިއްސެއް ނުހުންނާނެއެވެ. ވީމާ މިދުނިޔޭގައި ތިބެންޖެހޭ ސިފައާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުނުވެ އެންމެ ރިވެތި ސިފައިގައި ދެމަފިރިން އެކުގައި ސުވަރުގޭގައިވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

ވަރަށް ލޯބިން އެކުގައި ދިރިއުޅެމުންދާއިރުވެސް ވަރަށް ހިތާމަވެރި ކަންކަން އެބަހިނގައެވެ. ކޮންމެވެސް ސަބަބެއް ދިމާވެގެން ބައިވެރިޔާގެ ސިފައަށް ބަދަލު އައިސް އަވަހަށް މުސްކުޅި ސިފަ ޖެހުމުން އެބަ ފޫހިވެއެވެ. އެކަމާއި ހިތްހަމަނުޖެހިގެން އެބަ ކައިވެނި ރޫޅައިލައެވެ.

(މަސްތުވާތަކެތި ބޭނުންކުރުމާއި ފާހިޟް ޢަމަލުތައް ކުރުންފަދަ ނުބައި ޢަމަލުތައް ކުރާ މީހުން ފިޔަވައި) މީހާގެ ސިފައަށް ބަދަލު އަންނަނީ އެމީހަކު ކުރާކަމަކުން ނޫނެވެ. އެއްވެސް މީހަކު އަވަހަށް މުސްކުޅި ސިފަ ލިބޭކަށް ބޭނުމެއް ނުވާނެއެވެ. ބޭނުންވާނީ ވީހައި ޒުވާންކަންމަތީގައި ވީހައި ގިނަ ދުވަހު ހުރުމަށެވެ. އެފަދަ ބަދަލުތައް އަންނަނީ އެމީހާގެ އެއްވެސް ބާރެއް ނެތިއެވެ.

ވީމާ ސިފައަށް އަންނަ ބަދަލަކާއި ގުޅިގެން (ހަށިގަނޑަށް އަންނަ ބަދަލު، މޫނުގައި ރޫޖެހުން، ބޮލުގައި ނުރަގިނަވުންފަދަ) ބައިވެރިޔާމަތިން ފޫހިވެ ދޫކޮށްލަން ހެޔޮނުވާނެއެވެ. ޒުވާންކަންމަތީގައި ރީތި ސިފައިގައި އެމީހަކަށް ހުރެވޭނީ ކިހައި ދުވަހަކު ހެއްޔެވެ؟ އެކަމަށް އެއްވެސް ބާރެއް ފޯރުވޭނެ ހެއްޔެވެ؟ ރީތިކަން ދެމެހެއްޓުމަސްޓަކައި އެންމެ އަގުބޮޑު އުފެއްދުންތައް ބޭނުންކުރަމުން ދަނިކޮށް ސިފައަށް ބަދަލު އަންނަނީ ކިތައް މީހުންގެ ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން