ބިރުވެރިކަމާ ހިތްދަތިކަމުގަ ދިރިއުޅެން ޖެހިފައިވާނަމަ ސަލާމަތްކޮށްދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބިރުވެރިކަމާ ހިތްދަތިކަމުގަ ދިރިއުޅެން ޖެހިފައިވާނަމަ ސަލާމަތްކޮށްދެއްވެވުން އެދި ކުރަން ރަނގަޅު ދުޢާއެއް!

އަޅުގަނޑަކީ ކައިވެނިކޮށްގެން ފިރިމީހާގެ ގޭގައި ދިރިއުޅެމުން އަންނަ އަންހެނަކީމެވެ. 5، 3 އަހަރުގެ 2 ދަރިންވެސް އެބަތިއްބެވެ. ދަރިންނާއި ފިރިމީހާއަށްދޭ ޚިދުމަތަށްވުރެ މިހާރުވެސް ގިނަވާނީ ޢާއިލާއަށް ކޮށްދެވޭ ކަންކަމެވެ. 

އެހެންކަމާއިއެކުގައިވެސް ފިރިމީހާގެ ޢާއިލާއިން އަޅުގަނޑު ބަލައެއް ނުގަނެއެވެ. އެކަނިވެރި ނިކަމެތި އަންހެނަކަށްވާތީއެވެ. ރާއްޖެތެރޭ އަންހެނަކަށްވާތީއެވެ. ބައެއް ފަހަރު ބިރުދައްކަން ސިޙުރުހަދައި މަރާލާނަމޭވެސް ދިމާއަށް ބުނެއެވެ. 

އަޅުގަނޑަށް ކެތްކުރެވެނީ ޛިކުރުކުރެވޭލެއް ގިނަކަމުންނެވެ. ނޫންނަމަ މިހާރު އަޅުގަނޑު މޮޔަވެއްޖައީހެވެ. އަޅުގަނޑު ބޭނުންވަނީ މިޙާލަތުގައި ޢަމަލުކުރާނެ ގޮތެކެވެ. އަދި ކުރާނެ ދުޢާއެކެވެ. 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ބިރުވެތިވާންޖެހޭ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. އެމީހުން އެބުނާ ގޮތަށް ސިޙުރެއް ހެދިނަމަވެސް އެކަމުގެ އުނދަގުލެއް ފޯރާނީވެސް ﷲ ތަޢާލާ އިރާދަކުރެއްވެވިނަމައެވެ. 

މިހާރަށްވުރެވެސް ގިނައިން އަޅުކަންކުރުން އިތުރުކޮށް ޛިކުރުކުރުން އިތުރުކުރެވޭތޯ ބަލާށެވެ. ދުޢާއަކީ އެމީހަކު ބޭނުން ޢިބާރާތަކުން ކުރެވެން އޮތް އެއްޗެކެވެ. ވީމާ އަމިއްލައަށް ފެންނަ ގޮތަކަށް ދުޢާކުރަމުން ގެންދާށެވެ. ދަމުނަމާދަށްފަހު ދުޢާކުރުން ގިނަކުރާށެވެ. ތިރީގައި އެވަނީވެސް ތިއަފަދަ ޙާލަތުގައި ކުރަން ރަނގަޅު ދުޢާއެކެވެ. 

ޔާ ﷲ! އިނބަ ﷲ އީ އިބްރާހީމްގެފާނު އެއްލައިލެވުނު ބޮޑު ބިޔަ އަލިފާންގަނޑަކީ އެކަލޭގެފާނަށް ފިނިއެއްޗެއް ކަމުގައި ލެއްވެވި ރަސްކަލާނގެއެވެ.

އިނބަ ﷲ އީ އެ ބޮޑު ބިޔަ މަހުގެ ބަނޑުން ޔޫނުސްގެފާނު ސަލާމަތްކުރެއްވެވި ރަސްކަލާނގެއެވެ.

އިނބަ ﷲ އީ އެބިޔަ ބޮޑުފުންވަޅުން ޔޫސުފްގެފާނަށް ރައްކައުތެރިކަން ދެއްވަވައި ސަލާމަތްކުރެއްވެވި ރަސްކަލާނގެއެވެ.

އިނބަ ﷲ މޫސާގެފާނަށްޓަކައި އެފުން ކަނޑު ހިއްކަވައި ދެއްވަވައި ކުރިއަށް ވަޑައިގަންނަވާނެ މަގު ދައްކަވައި ދެއްވެވި ރަސްކަލާނގެއެވެ.

އިނބަ ﷲ އީ މައްކާގެ މުޝްރިކުން، ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޤަތުލުކޮށްލަން ގަނޑުވަރުދޮށުގައި ﷲާރައަށް ތިއްބައި އެއަނިޔާވެރިންގެ ކިބައިން އިތުރު އެކަލޭގެފާނު ސަލާމަތްކުރެއްވެވި ރަސްކަލާނގެއެވެ. 

ޔާ ﷲ! މިއަޅާގެ ވަށައިގެންވަނީ އަނިޔާވެރިކަމާއި ބިރުވެރިކަމެވެ. ހިތްދަތިކަމެވެ. މިފުރާޅުގެދަށުގައި ކޮންމެ ހިނދުކޮޅެއްވެސް ހޭދަކުރަން މިއަޅާއަށް ޖެހިފައި މިވަނީ ހިތްދަތިކަމާއި ބޮޑު ބިރުވެރިކަމަކާއި ނާމާންކަމެއްގެ ތެރޭގައެވެ. އެކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީވެސް އިނބަ ރަސްކަލާނގެއެވެ. 

ޔާ ﷲ! މި ޙާލަތުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! ބިރުވެރިކަމާއި ހިތްދަތިކަމުން ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަޅާއަށް ކެތްތެރިކަން މިންވަރުކުރައްވަވާނދޭވެ! އާމީން

މިއަދު އޮންލައިން