އަނބިމީހާ ނިވާ ނުކުރުވާ "ސޭލް" އަޅުވާފައި ހުންނާނީ ތިމާގެ ކިބާގައި ޣީރަތްތެރި ކަމުގެ ކުޑަވެސް އަޘަރެއް ނެތީމަ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އަނބިމީހާ ނިވާ ނުކުރުވާ "ސޭލް" އަޅުވާފައި ހުންނާނީ ތިމާގެ ކިބާގައި ޣީރަތްތެރި ކަމުގެ ކުޑަވެސް އަޘަރެއް ނެތީމަ!: ޑރ. އިޔާޟް

ސްޓޭޖްޝޯ ތަކުގައި އަންހެނުންނާއި ފިރިހެނުން ނަށާ ހެދުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އެގޮތަށް ހިލޭފިރިހެނުންނާއިއެކު ނެށުމަށް ތިމާގެ ޙަލާލު އަނބިމީހާ ދީގެން ހުންނަ ފިރިހެނުންނަކީ ދައްޔޫޘުންނެވެ. މިފަދަ ނެށުން ތަކުގެ އާޚިރު ނަތީޖާއަކަށްވެފައި އޮންނާނީ ނުބައި ކަންތައް ގަނޑެއްގެ ތެރެއަށް މީހާ ވެއްޓިގެން ދިޔުމެވެ. 

ސްޓޭޖްޝޯގައި ނަށަނީ ދެމަފިރިން ކަމުގައި ވީ ނަމަވެސް އެކަމަކީ ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ ދެމަފިރިންގެ ލޯބި ކުރުމުގެ ކަންތަކަކަކީ އެހެންމީހުންނަށް ފެންނަ ގޮތަށް ބޮޑު ސްކީރުނުގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކީ އެދެމަފިރިންގެ އެކަހެރިވުމުގެ ތެރޭގައި އެހެންމީހުންނަށް ނޭގޭ ގޮތަށް ކުރަން އޮންނަ ސިއްރު ކަމެކެވެ. ހިލޭފިރިހެނުން ކުރިމަތީގައި ތިމާގެ އަންހެނުން "ސޭލް" އަޅުވައިގެން އޭނާގެ ރީތިިކަމާއި ފަރިކަން ދައްކަމުން ނެށީމާ، އެހެންފިރިހެނުންގެ ހިތް އެއަންހެންމީހާ އަށް ކިޔާ، އޭގެ ސަބަބުން ނުބައި ކަންތައްގަނޑެއް ހިނގާނެކަމީ ބުއްދި ސަލާމަތުން ހުރި އެކަކުވެސް އިންކާރު ކުރާނެ ކަމެއް ނޫނެވެ. 

އެހެންކަމުން، ތިމާގެ ޣީރަތްތެރިކަމެއް ހުރިނަމަ، ތިމާގެ ޙަލާލު އަނބިމީހާ ނިވާކުރުވާ، ހިލޭފިރިހެނުންނަށް އޭނާގެ ރީތިކަމާއި ފަރިކަން ފެނުނަ ނުދޭނެކަން ކަށަވަރެވެ. އަނބިމީހާ ނިވާ ނުކުރުވާ "ސޭލް" އަޅުވާފައި ހުންނާނީ ތިމާގެ ކިބާގައި ޣީރަތްތެރި ކަމުގެ ކުޑަވެސް އަޘަރެއް ނެތީމައެވެ. އެހެންކަމުން އެފަދަ މީހުންވާނީ ދައްޔޫޘުންނަށް ކަން ކަށަވަރެވެ. މިފަދަ ނުބައި ވަބާތަކުން އަޅަމެން ސަލާމަތް ކުރައްވާށި، އާމީން. والله أعلم 

އިތުރު ސުވާލާ ޖަވާބު: 

ކީރިތި ގުރުއާން ކިޔަވާ އިރު، ގުރުއާންގެ މާނަ އަށާއި މަހްރަޖަށް ނުވިސްނާ ކިޔެވުމުން ސަވާބު ލިބޭނެތަ؟ 

ގުރްއާން ކިޔަވަން ޖެހޭނީ ތަޖްވީދު މަގަށެވެ. އަދި ކިޔަވަމުން ދާއިރު ކިޔެވޭ އެއްޗަކާއި މެދު ވިސްނަން ވެސް ޖެހޭނެއެވެ. والله أعلم  . 

މައްޔިތާ ހިނެވުމަށް ޒަމްޒަމް ފެން ބޭނުންކުރުމަކި ކޮންކަހަލަކަމެއް؟ އަދިމިކަމުގާ އެއްވެސް ހާއްސަ ކަމެއްވޭތަ؟ 

މައްޔިތާ ހިނެވުމަށް ޒަމްޒަމް ފެން ޚާއްޞަ ކުރުމަށް އެއްވެސް ނައްޞެއްގައި އައިސްފައެއް ނުވެއެވެ.والله أعلم  . 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން