"އަޅުގަނޑުގެ ފިރިމީހާގެ ފޯނަށް ބަލަން ހުއްޓައި އައި މެސެޖްތަކަކުން އެނގުނީ ލޯބިވެރިޔާ ގޮވައިގެން ރިޒޯޓަކަށްދާން އުޅޭކަމެވެ. އަޅައިވެސް ނުލައި ހުރެފައެވެ. އަޅުގަނޑުވެސް ރިޒަރވޭޝަނެއް ހައްދައިގެން އެދުވަހުގެ ފަހުގެ ވަޤުތެއްގައި ހަމަ އެރިޒޯޓަށް ގޮސް ފިރިމީހާގެ ކަންކަން ބެލިއިރު ލޯބިވެރިއަކީ ޒުވާން ފިރިހެންކުއްޖެކެވެ. އެދެމީހުން ގުޅުން ހިންގާތާ އެތައް ދުވަހެއްވެއްޖެކަމަށް ފިރިމީހާ އިޢްތިރާފްވިއެވެ.
ފިރިމީހާ އަޅުގަނޑު ބޭނުންކުރަމުން އައިކަމަށްވަނީ ކަންކަމުގައި މަތިއަޅައި ފޮރުވުމަށެވެ. މިޙާލަތުގައި އޭނާވަރިއަށް އެދެން ހުއްދަވާނެތޯއެވެ؟"
ތިއަފަދަ ސުވާލަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކީ "ފިރިމީހާ އަކީ އެއްޖިންސުން ގުޅުން ހިންގާ މީހެއްކަން ޔަގީންވެއްޖެނަމަ އޭނަ އާއި އެކު އުޅުން ހުއްދަވެގެން ނުވެއެވެ. އެފަދަ މީހުން ކައިރިން އަވަހަށް ވަރިވާން ޖެހޭނެއެވެ. "
ތިރީގައިވާ ލިޔުމުގައިވެސް އެވަނީ ވަރަށް މުހިންމު މަޢުލޫމާތުކޮޅެކެވެ.
އެއްޖިންސުން ގުޅުން ހިންގާ ބައެއް މީހުން ބުނަނީ އެއީ އެމީހުންގެ ކިބައިގައި ލައްވަވާފައިވާ ސިފައެއް ކަމަށެވެ. އެއީ ދެކޮޅުޖެހޭނެ ވާހަކައެއް ނޫނެވެ. ވައްކަންކުރާހިތްވެދާނެއެވެ. ޒިނޭކުރާހިތްވެދާނެއެވެ. އެއީ މީހާގެ ހަވާނަފްސް އެކަންކަމަށް އެދޭތީއެވެ.
" އަދި ނަފްސާއި، އެ ނަފްސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ."
" ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ."
" އެ ނަފްސު ޠާހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ."
" އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ."
(އައްޝަމްސް: 7،8،9،10)
ހެޔޮގޮތާއި ނުބައި ގޮތް ދެނެގަތުމުގެ ވިސްނުން ކޮންމެ ނަފްސަކަށްވެސް ވަނީ ދެއްވަވައިފައެވެ. ވީމާ މުންކަރާތްތަކަށް އަރައިގަތުމަސްފަހު ނަފްސް ކުށްވެރިކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާކަން މިއާޔަތްތަކުން އެނގިގެންދެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން