އަހަރުގެ ހުރިހާ ދުވަސްތަކުގެ ތެރެއިން އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދިހަ ބައްދަލުކުރަނީ! އިސްތިޤްބާލްކުރަން އެބަ ތައްޔާރުވަމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 12މ 6ސ
އަހަރުގެ ހުރިހާ ދުވަސްތަކުގެ ތެރެއިން އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދިހަ ބައްދަލުކުރަނީ! އިސްތިޤްބާލްކުރަން އެބަ ތައްޔާރުވަމުތަ؟

އަހަރުގެ ހުރިހާ ދުވަސްތަކެއްގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު 10 ދުވަސް ދާދި އަވަހަށް އަޅުގަނޑުމެންނާއި ބައްދަލުކުރާނެއެވެ. އިން ޝާ ﷲ. މިއަހަރުގެ ޙައްޖުމަހުގެ ފުރަތަމަ ޖުވަހަކީ ހިނގަމުން މިދާ ޖޫން މަހުގެ 20 ވަނަ ދުވަހެވެ. 

މިހާ ކުރިއާލައި ހަނދާންކޮށްދިން އެންމެ ބޮޑު އެއް ބޭނުމަކީ އުޟްޙިޔާ ކަތިލަން ފައިސާ ރައްކައުކުރަން ހަނދާންކޮށްދިނުމެވެ. އަޟްޙާ ޢީދު ދުވަހަކީ މަހުގެ 28 ވަނަ ދުވަހެވެ. އެއިރަކު އަދި މިމަހުގެ މުސާރައެއް ނުލިބޭނެއެވެ. ވީމާ މިހާރުންސުރެ އެކަމަށް ފައިސާރައްކައުކޮށް ތައްޔާރުވުމަކީ މުހިންމުކަމަކަށްވާތީއެވެ. 

ކޮންމެ މީހަކީވެސް އެމީހަކު ބޭނުންނަމަ ކޮންމެ ދުވަހަކުވެސް ރޯދަ ހިފިދާނެ މީހެކެވެ. ނަމަވެސް އެންމެންނަކީ އެކަމަށް ކުރިން ތައްޔާރުނުވެތިބިނަމަ ބޮޑެތި ޚަރަދުތައް ކުރެވޭނެ މީހުންނެއް ނޫނެވެ. 

ރާއްޖޭގައި ބަކަރިފަދަ ތަކެތި ކަތިލުމުގެ އަގުބޮޑުކަމުން ގިނަ ބައަކު އިތުބާރުކުރެވޭ ފަރާތްތަކާއި ގުޅިގެން ރާއްޖެއިން ބޭރުގައިވެސް އުޟްޙިޔާ ކަތިލައެވެ. އެމީހަކަށް ކެރިކުޅަދާނަކަން ލިބިގެންވާ މިންވަރަކުން ކުރުމުން އެމީހަކަށް ޙައްޤު ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

ތިރީގައި އެވަނީ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމާއި މަތިވެރިކަމާއި ކުރަންވީ އަޅުކަން ބަޔާނަކުރައްވައި ޝައިޚް އާދަމް ނިޝާން ޢަލީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. 

އެންމެހައި ޙަމްދު ޘަނާ ޙައްޤުވަނީ މުއުމިނުންނަށް ހެޔޮ ޢަމަލު ކުރުމަށް މަގު ތަނަވަސް ކޮށްދެއްވެވި ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ހެޔޮ ޢަމަލުތަކާއި ދުވަސްތައް އުނގަންނައި ދެއްވުމަށް މިއުއްމަތައް ކައުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކަށެވެ. 

އަޅުކަމުގެ މޫސުމްތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. އަހަރުގެ އެހެން ހުރިހާ ދުވަސަތަކަށްވުރެ، ﷲ ތަޢާލާ އެދުވަސްތަކަށް މަތިވެރި ކުރައްވާފައި ވެއެވެ. ރަސޫލު ﷲ صلى الله عليه وسلمގެ ކިބައިން، ﷲ ތަޢާލާ ރުއްސުން ލެއްވެވި އިބްނު ޢައްބާސް ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. 

قال النبي صلى الله عليه وسلم: “«مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ» يَعْنِي أَيَّامَ الْعَشْرِ، قَالُوا: يَا رَسُولَ اللَّهِ، وَلَا الْجِهَادُ فِي سَبِيلِ اللَّهِ؟ قَالَ: «وَلَا الْجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ»” (رواه أبو داود وصححه الألباني)

ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: "މިދިހަ ދުވަސްތަކަށްވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) ބޮޑަށް، ﷲގެ ޙަޟްރަތުގައި ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ޞަޙާބީ ބޭކަލުން ދެންނެވިއެވެ. ‘ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސް ހެއްޔެވެ؟’ އެކަލޭގެފާނު ދެންނެވިއެވެ. ‘އާނއެކެވެ. ‘ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެވެސްމެއެވެ. އެހެންނަމަވެސް އެއީ ‘ﷲގެ މަގުގައި ޖިހާދު ކުރުމަށް އެމީހެއްގެ ނަފްސާއި މުދަލާއިގެން ނިކުމެ އެއިން އެއްވެސް އެއްޗަކައިގެން އެނބުރި ނާންނަ މީހަކު ފިޔަވައެވެ.'" 

މިއިން ދޭހަކޮށްދެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙައްޖުމަހުގެ ފުރަތަމަ ދިހައެއް، އަހަރުގެ އެހެން ހުރިހާ ދުވަސްތަކަކަށްވުރެ މަތިވެރިވެގެންވާ ކަމެވެ. އެއީ ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަށްވުރެވެސް މެއެވެ. އެހެންނަމަވެސް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތައް ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކަށްވުރެ މަތިވެރިވެގެން ވެއެވެ. އެއީ ލައެލަތުލް ޤަދްރި ވިލޭ ރޭ، ރަމަޟާންމަހުގެ ފަހުދިހައެއްގެ ރޭތަކުންކުރެ ރެއެއްގައި ހިމެނޭތީއެވެ. އެރޭގެ ހެޔޮކަންތައް އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެން ވެއެވެ. 

އަޅުގަނޑުމެންނަކީ މާދަމާވެސް މަރު އައިސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފިނަމަ ސުވަރުގެއަށް ދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އޮތް ބައެއް ނޫނެވެ. އަޅުގަނޑުމެން މިވަނީ ރަސޫލު ﷲ صلى الله عليه وسلمގެ ޙަދީޘްފުޅުގައި ވާފަދައިން، ނުބައިކަންތައްތަކަށް އަރައިގަތުމަށް އަވަސްވެގަންނަ އަދި ހެޔޮ ކަންތައްތައް ކުރުމަށް ލަސްވެގަންނަ ބައެއްކަމުގައި ވެފައެވެ. އެހެންކަމުން ވަޤުތު ފާއިތުވުމުގެ ކުރިން އަޅުގަނޑުމެން ހެޔޮކަންތައްތަކަށް އަވަސްވެގަނެ، މިދިހަ ދުވަހުގެ ފާއިދާ ފުރިހަމައަށް ލިބިގަންނަމާތޯއެވެ. މިގޮތުން ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތަކަކީ: 

1. ރޯދަ ހިފުން.

ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަ ހިފުމަކީ ސުންނަތެކެވެ. ރަސޫލު ﷲ صلى الله عليه وسلم އެދުވަސްތަކުގައި ރޯދަ ހިއްޕަވާ ކަމުގައިވެއެވެ. ރަސޫލު ﷲ صلى الله عليه وسلمގެ ބައެއް އަނބިކަނބަލުން ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ تِسْعَ ذِي الْحِجَّةِ (رواه أبو داود وصححه الألباني)

"ﷲގެ ރަސޫލާ صلى الله عليه وسلم، ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހުގައި ރޯދަ ހިއްޕަވައެވެ."

2. ތަކްބީރާއި ތަޙްމީދާއި ތަހްލީލް ކިޔުން އިތުރު ކުރުން.

ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހު ތަކްބީރު ކިޔައި ތަޙްމީދު ކިޔައި ތަހްލީލު ކިޔައި އުޅުމީ ސުންނަތެކެވެ. މިގޮތުން މިސްކިތުގައާއި ގޭގައާއި މަގުތަކާއި އަދި މިނޫނަސް ޛިކުރު ކުރެވޭ ކޮންމެ ތަނެއްގައިވެސް ކިއިދާނެއެވެ. ފިރިހެނުން ކިޔާނީ އަޑު ހަރުކޮށެވެ. އަންހެނުން އަޑު މަޑު ކޮށެވެ. ﷲ ތަޢާލާ ރުއްސުން ލެއްވެވި ޢަބްދުﷲ ބުނު ޢުމަރު ކީރިތި ރަސޫލާ صلى الله عليه وسلمގެ ކިބައިން ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގައެވެ.

قال النبي صلى الله عليه وسلم: “مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللهِ وَلَا أَحَبُّ إِلَيْهِ الْعَمَلُ فِيهِنَّ مِنْ هَذِهِ الْأَيَّامِ الْعَشْرِ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ” (أخرجه احمد ) 

ކީރިތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ: "މިދިހަ ދުވަހަށްވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ) މަތިވެރި އަދި އެއިލާހުގެ ޙަޟްރަތުގައި އެދުވަސްތަކަށްވުރެ ހެޔޮ ޢަމަލުތަކަށް ލޮބުވެތިގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ. ފަހެ ތިޔަބައިމީހުން އެދުވަސްތަކުގައި ތަހްލީލާއި* ތަކްބީރާއި* ތަޙްމީދު* ކިޔާހުށިކަމެވެ." 

* ތަކްބީރަކީ: الله أكبر ، الله أكبر لا إله إلا الله ، والله أكبر ولله الحمد  މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށްވެސް ވާރިދުވެފައިވެއެވެ.

* ތަހްލީލަކީ: لا إلَهَ إلاَّ الله وحْدَهُ لا شَرِيكَ لَهُ، لَهُ المُلْكُ ولَهُ الحَمْدُ وهُوَ على كلِّ شيءٍ قَدير  މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށްވެސް ވާރިދުވެފައިވެއެވެ.

* ތަޙްމީދަކީ: الحَمْدُ لِلّـهِ މިއެވެ. އަދި މިނޫން އެހެން ގޮތްގޮތަށްވެސް ވާރިދުވެފައިވެއެވެ.

ތަކްބީރަކީ މިޒަމާނުގައި ވަރަށް ބޮޑަށް އުވި ގޮސްފައިވާ ސުންނަތެކެވެ. އަދި ޚާއްޞަކޮށް ފުރަތަމަ ދިހައެއްގައި މެއެވެ. މިހާރު މަދު މީހަކު މެނުވީ ތަކްބީރު ކިޔާތީއެއް ނުފެނެއެވެ. އިބުނު ޢުމަރާއި އަބޫ ހުރައިރާ އާއި ދެބޭކަލުން ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކުގައި ބާޒާރު ތެރެއަށް ނިކުމެވަޑައިގެން ހަރުއަޑުން ތަކްބީރު ވިދާޅުވާކަމަށް ޘާބިތުވެފައިވެއެވެ. އަދި އެބޭކަލުންގެ ތަކްބީރުގެ އަޑުއިވުމުން އެހެން މީސްތަކުންވެސް ތަކްބީރު ކިޔައި ހަދައެވެ. މިޒަމާނުގައި ތަކްބީރު ކިޔައި މިއުޅެނީ އިމާމު ނުވަތަ އެހެންމީހަކު ނަމަވެސް ކިޔުމުން އެމީހެއްގެ އަޑު ދަށުންނެވެ. އެހެންނަމަވެސް މިއީ ސުންނަތާއި ޚިލާފު ގޮތެކެވެ. ސުންނަތްވެގެންވަނީ ކޮންމެ މީހަކުވެސް އަމިއްލައަށް ތަކްބީރު ކިޔުމެވެ. ޞަޙާބިއްޔަ ބޭކަލުންވެސް އެކަން ކުރައްވާފައި އޮތީ އެގޮތަށެވެ. 

3. ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން.

ޙައްޖުމަހުގެ ފުރަތަމަ ދިހައިގައިވާ އެންމެ މަތިވެރި އަޅުކަމަކީ ﷲގެ ގެފުޅަށް ގޮސް ޙައްޖުވުމެވެ. ޙައްޖުވުމަށް ﷲ ތަޢާލާ މިންވަރު ކޮށްދެއްވައިފި މީހަކު، އެއަޅުކަން އަދާކުރަން އޮތް އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފިނަމަ އެމީހަކަށް ބޮޑުވެގެންވާ ދަރުމަވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

الْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ (رواه البخاري ومسلم)

“މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް ނުވެއެވެ.” 

4. އުޟްޙިޔާ ކަތިލުން.

މިދިހަދުވަހުގެ ތެރޭގައި ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކައި ކުރެވޭ އެއް ޢަމަލަކީ ޙައްޖު ދުވަހާއި ޖެހިގެން އަންނަ ދުވަހު، އާދެ ޢީދު ދުވަހު އުޟްޙިޔާ ކަތިލުމެވެ. މިގޮތުން ނަޢަމް ސޫފީގެ ތެރެއިން ހިމެނޭ ރަނގަޅު ފަލަ ނުވަތަ ހެޔޮވަރު ޖަނަވާރެއް ހޯދައި އެއަށް ލާރި ހޭދަކޮށް ﷲ އަށް ޤުރުބާން ކުރުމެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި ޢާއްމު ގޮތެއްގައި ޢީދު ދުވަހު ކަތިލާ އުޅެނީ ކުކުޅެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ކޮންމެ އަޅުކަމެއްގައިވެސް އޭގެ ޖިންސު ދިމާކުރަން ޖެހޭކަމެވެ. އެހެންކަމުން ގެރިބަކަރިފަދަ ޖަނަވާރުން އަދާކުރަންޖެހޭ އަޅުކަމެއް އެތަކެތި ލިބެން ހުންނަކަމުގައިވާނަމަ މުސަޅެއް ނުވަތަ ކުކުޅެއް ނުވަތަ މަހެއް ކަތިލައިގެން ޤަބޫލު ނުކުރެވޭނެއެވެ. 

އެހެންކަމުން ފުރުޞަތު އޮއްވާ އަވަހަށް މިދުވަސްތަކުގެ ބޭނުން ހިފަމާތޯއެވެ. ވަޤުތު ފާއިތުވެއްޖެނަމަ އެއީ އަނބުރާ ލިބޭނެ ޘަވާބެއް ނޫނެވެ. އަދި ފަހުން އެކަމާއި ހިތާމަ ކުރަން ޖެހޭނެއެވެ. އެދުވަހު ހޮޔޮ ޢަމަލު ކުރުމަށްޓަކައި އަލުން ދުނިޔެއަށް ފޮނުވާދިނުމަށް އެދުނުކަމުގައިވިޔަސް އެއަކަށް އިޖާބައެއް ނުދެވޭނެއެވެ.

 

މިއަދު އޮންލައިން