ޢިބްރަތްތެރި ވާހަކަ: ފަޤީރު ޙާލުގަ ފިރިމީހާއަށް ކެންސަރުޖެހުމުންވެސް ދޫކޮށްނުލާ ޢުމުރަށް އެކުގަ ދިރިއުޅެން އަނބިމީހާ ކުރިމަސައްކަތުން ޝިފާ ލިބި ތަނަވަސްކަންވެސް ލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ޢިބްރަތްތެރި ވާހަކަ: ފަޤީރު ޙާލުގަ ފިރިމީހާއަށް ކެންސަރުޖެހުމުންވެސް ދޫކޮށްނުލާ ޢުމުރަށް އެކުގަ ދިރިއުޅެން އަނބިމީހާ ކުރިމަސައްކަތުން ޝިފާ ލިބި ތަނަވަސްކަންވެސް ލިބުނު ގޮތުގެ ވާހަކަ-

އެލީނާއަކީ ކްލާހުގެ އެންމެ ހިތްހެޔޮ ދަރިވަރެވެ. އެއްވެސް ކުއްޖަކަށް ދަތިކަމެއް ކުރިމަތިވެއްޖެނަމަ ތަފާތު ސޭލް ބޭއްވުންފަދަ ކަންކަން ކޮށްގެން ނަމަވެސް ކޮންމެވެސް ގޮތަކުން ފައިސާ ހޯދައިގެން އެކުއްޖަކަށް އެހީތެރިވެއެވެ. 

އެލީނާ ސްކޫލް ނިމިގެން ނުކުތީ ވަޒީފާއަށެވެ. އެއީ މަތީ ތަޢްލީމް ޙާޞިލްކުރަން ޚަރަދުކުރާނެ ފައިސާ އަތުގައި ނެތުމުންނެވެ. މަޝްހޫރު ރެސްޓޯރަންޓެއްގެ ވެއިޓަރެއްގެ ވަޒީފާގައި އުޅެނިކޮށް ބައްދަލުވި ޒުވާނަކާއި ކައިވެރިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެން ފެށިއެވެ. 

ކައިވެނީގެ 3 ވަނަ އަހަރު ބަލިވެ އިންތަނުން ފިރިމީހާއަށް ކެންސަރު ޖެހުނެވެ. ޑޮކްޓަރުން ބުނީ އެކަމަށް ވަރަށް ގިނަ ފައިސާ ބޭނުންވާނެ ކަމަށެވެ. އަތުގައި ފައިސާ ނެތުމުން ފިރިމީހާ ނިންމީ ފަރުވާ ނުކުރުމަށެވެ. ނަމަވެސް އެލީނާ ބޭނުންވީ ފަރުވާކުރުމަށެވެ. އެހެންވެ ދަރަންޏަށް ފަރުވާ ހޯދޭ ސްކީމެއްގެދަށުން ފަރުވާކުރަމުން ދިއައެވެ. 

ފިރިމީހާ ބުނަމުން ދިއައީ ދަރިފުޅު އުފަންވާއިރަށް ވަރަށް ގިނަ ފައިސާ ބޭނުންވާނެ ކަމަށެވެ. އެހެންވީމާ ގަދަވާނެ ކަމުގެ ފުރުޞަތު ކުޑައިރު ފަރުވާހޯދަން ޚަރަދުކުރުމަށްވުރެ ފައިދާބޮޑުވާނީ ދަރިފުޅަށް ޚަރަދުކުރަން ފައިސާ ރައްކާކުރިއްޔާ ކަމަށެވެ. 

އެލީނާ ބުނަމުން ދިއައީ ދެމީހުން ކައިވެނިކުރީ އެކުގައި ޢުމުރަށް ދިރިއުޅެން ކަމަށާއި އެކަކު ބަލިވީމާ ފަރުވާނުކޮށް މަރުވާން ދޫކޮށްލުމަކީ އެ ވަޢުދާއި ޚިލާފްވާ ކަމެއް ކަމަށެވެ. އޭނާ ދުނިޔޭގައި އުޅެން ބޭނުންވަނީ ފިރިމީހާ އާއި އަދި ދަރިފުޅާއިވެސް އެކުގައި ކަމަށާއި ދަރިފުޅާއިއެކު އެކަނި ނޫން ކަމަށެވެ. 

އެލީނާއަށް ސްކޫލްގައި ކިޔަވައިދިން ޓީޗަރަކު ރެސްޓޯރަންޓަށް ޒިޔާރަތްކުރިއެވެ. އެލީނާ އާއި ބައްދަލުވެ ޙާލު އެހުމުން ކޮންމެވެސް ވަރަކަށް ޙާލު ކިޔައިދެވުނުތަނާ ރޮވެން ފެށުމުން ކަރުނަ ފުހެލަން ދުރަށް ދިއަ ވަޤުތު ރެސްޓޯރަންޓްގެ ވެރިމީހާ ޓީޗަރަކަށް އެލީނާގެ ޙާލަތު ކިޔައިދިނެވެ.

އޭނާ ވަގުތުން އޭނާގެ ފޭސްބުކްގައި އެލީނާގެ ވާހަކަ ލިޔެ ތަނަވަސްކަން ހުރި އެކުވެރިންގެ އެހީތެރިކަމަށް އެދުނެވެ. ނަތީޖާއަކަށްވީ ފަރުވާއަށް ބޭނުންވާވަރަށްވުރެ މާގިނައިން އެލީނާއަށް ފައިސާ ލިބުމެވެ. އަމިއްލައަސް ރެސްޓޯރަންޓެއް ހުޅުވައި ހިންގޭވަރަށްވެސް ފައިސާ ލިބުމެވެ. 

ފިރިމީހާއަށް ޝިފާ ލިބުނެވެ. ދެމަފިރިން އަމިއްލައަށް ރެސްޓޯރަންޓެއް ހިންގަނަ ފަށައި ތަނަވަސް ބައަކަށް ބަދަލުވިއެވެ. އެލީނާ އުންމީދުކުރި ފަދައިން ދަރިފުޅާއިއެކު ދެމަފިރިން އެކުގައި ލޯބިން ދިރިއުޅުމުގެ ފުރުޞަތު ފަހިވެގެންދިއައެވެ. 

މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ވަރަށް ކުރުކުރު ޚުލާޞާއެކެވެ. މިއީ ފިލްމެއް ނަމަވެސް ލިބިގެންދަނީ ވަރަށް ވަރުގަދަ ފިލާވަޅެކެވެ. ތެދުވެރި ލޯބީގެ ބާރުގަދަކަމެވެ. އެކަކަށް ކަމެއް ދިމާވެއްޖެނަމަ އެކަމަށް އެހީތެރިވެ އެކަމަކުން އަރައިގަންނަން މަސައްކަތްކުރުމުން މަގުފަހިވާނެ ކަމެވެ. ކައިވެނީގެ ބޭނުމަކީ ޢުމުރަށް އެކުގައި އުފަލުގައި ދިރިއުޅުންކަން ދެމީހުންވެސް ޤަބޫލުކޮށް އެކަމަށް ވާންޖެހޭ ޤުރްބާނީ ވުމުގެ ފޮނިކަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އެލީނާގެ ކިބައިން އެފެނުނު އިޚްލާޞްތެރިކަމާއި ޙަޤީޤީ ލޯބި ދެމަފިރިން އެކަކު އަނެކަކަށް ދޭނަމަ ހަމަ އަޅުގަނޑުމެންގެ ދިރިއުޅުމަށްވެސް މިފަދަ އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ 

ހަމަ އެއާއިއެކު އެންމެ މުހިންމު އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ އެލީނާއަކީ ސްކޫލްދައުރުން ފެށިގެން ޙާލުގައި ޖެހޭ މީހުންނަށް އެހީތެރިވެދޭން މަސައްކަތްކުރި އަންހެނަކު ކަމެވެ. ދަތިޙާލުގައިވާ މީހުންނަށް އެހީތެރިވެދޭނަމަ އެމީހަކު ދަތިޙާލުގައި ޖެހޭ ދުވަހު އެދަތިޙާލުން އެމީހަކަށް ސަލާމަތްވެވޭނެ މަގެއް ﷲ ދައްކަވާނެ ކަމެވެ. އިން ޝާ ﷲ 

- ވަދީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން