އިސްލާމްދީނުގައި ޙަރާމްކަމެއް ހުއްދަވާ މަޖުބޫރީ ޙާލަތަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 8ސ
އިސްލާމްދީނުގައި ޙަރާމްކަމެއް ހުއްދަވާ މަޖުބޫރީ ޙާލަތަކީ ކޮބާ؟

މަޖްބޫރީ ޙާލަތަކީ އެނޫންގޮތެއް ނެތުމެވެ. މިޘާލަކަށް ބަނޑުހައިވެގެން ގޮސް ބަނޑަށް މަރުވާން ކައިރިވެފައިވަނިކޮށް ކާން ލިބުނީ އޫރު މަސްކޮޅެކެވެ. އެނޫން އެއްވެސް އެއްޗެއް ނުލިބުނެވެ. މިޙާލަތުގައި އޫރުމަސްކޮޅު ނުކައިފިނަމަ ފުރާނައަށް ގެއްލުންވާނެ ކަން ޔަގީންވާނަމަ ފުރާނަ ހިފެހެއްޓޭ ވަރަށް އޫރު މަހުން އެތިކޮޅެއް ކެއުމަކީ ހުއްދަވެގެންވާ ކަމެކެވެ. 

ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބޭ އަންހެން ކުދިންނަށް ބެލުމާއި ފައިސާގެ ބޭނުމުގައި ﷲ ގެ ޝަރީޢަތާއި އިދިކޮޅަށް ހުކުމް ކުރުން ހިމެނިގެންވަނީ ހަވާ ނަފްސަށް ތަބަޢަވުމުގެ ތެރޭގައެވެ. މިއީ ﷲ ވަރަށް ބޮޑަށް ނަހީ ކުރައްވާފައިވާ ކަމެކެވެ. އަލްފުރްގާން ސޫރަތުގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. 

(أَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ أَفَأَنتَ تَكُونُ عَلَيْهِ وَكِيلًا)

މާނައަކީ: " އެމީހެއްގެ އެދުންތައް އެއީ، އެމީހެއްގެ إلهކަމުގައި ހެދިމީހާ، ކަލޭގެފާނުދެކެވަޑައިގަތީމުތޯއެވެ؟ ފަހެ، އޭނާ ބަލަހައްޓާ ވަކީލަކު ކަމުގައި،ކަލޭގެފާނު ވާނެތޯއެވެ؟". 

އަލްޖާޘިޔާ ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ.

(أَفَرَأَيْتَ مَنِ اتَّخَذَ إِلَـٰهَهُ هَوَاهُ وَأَضَلَّهُ اللَّـهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِ وَقَلْبِهِ وَجَعَلَ عَلَىٰ بَصَرِهِ غِشَاوَةً فَمَن يَهْدِيهِ مِن بَعْدِ اللَّـهِ ۚ أَفَلَا تَذَكَّرُونَ) 

މާނައަކީ: " ފަހެ، އެމީހެއްގެ އެދުންތައް އެއީ، އެމީހަކު އަޅުކަންކުރާ إلهއެއްކަމުގައިހަދައި، އަދި علمލިބިފައިވުމާއެކުވެސް، اللَّهއެމީހަކުމަގުފުރައްދަވައި، އަދި އޭނާގެ އިވުމާއި، ހިތުގައި ސިއްކަގައްސަވައި، އަދިއޭނާގެ ލޮލުގައި ފަރުދާއެއްލައްވައިފިމީހާ، ކަލޭގެފާނުދެކެވަޑައިގަތީމުތޯއެވެ؟ اللَّهމެނުވީ އެމީހަކަށް ތެދުމަގު ދައްކާނީ ފަހެ،ކާކުހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ؟". އަލްގަޞަޞް ސޫރަތުގެ 50 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. 

(فَإِن لَّمْ يَسْتَجِيبُوا لَكَ فَاعْلَمْ أَنَّمَا يَتَّبِعُونَ أَهْوَاءَهُمْ ۚ وَمَنْ أَضَلُّ مِمَّنِ اتَّبَعَ هَوَاهُ بِغَيْرِ هُدًى مِّنَ اللَّـهِ ۚ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ)

މާނައަކީ: " ފަހެ، އެއުރެން ކަލޭގެފާނަށް އިޖާބަ ނުދިންނަމަ (އެބަހީ: ކަލޭގެފާނުއެއުރެންގެ ކިބައިން އެދިވަޑައިގެންނެވި ކަންތައް، އެއުރެންނަށްނުކުރެވިއްޖެނަމަ) ފަހެ، ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އެއުރެންއެ تبعވަނީ، ހަމައެކަނި އެއުރެންގެ (ނުބައި) އެދުންތަކަށެވެ. އަދި اللَّهގެ حضرةން ތެދުމަގަކާނުލައި، އެމީހެއްގެ އަމިއްލަ އެދުމަށް تبعވީމީހަކަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިބަޔަކަށް اللَّهތެދުމަގެއް ނުދައްކަވާނެތެވެ". 

ﷲ އަށް ތަގްވާވެރިވެއްޖެ މީހާ އަށް މަގުތަނަވަސް ކޮށްދެއްވާނެކަން އަންގަވާ އައްޠަލާގް ސޫރަތުގެ 4 ވަނަ އާޔަތުގައި  ވަޙީ ކުރެއްވިއެވެ.

(وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا)

މާނައަކީ: "އަދި اللَّهއަށް تقوىވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ". 

ހަމަ އެސޫރަތުގެ 1،2 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. 

(وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ قَدْرًا) 

މާނައަކީ: " އަދި اللَّهއަށް تقوىވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.   އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް رزقދެއްވާނެތެވެ. އަދި اللَّهއަށް وكيلކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެފުދެއެވެ. ހަމަކަށަވަރުން، اللَّهއީ، އެކަލާނގެ أمرފުޅު ހިންގަވައި،ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، اللَّهކޮންމެއެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ". والله أعلم 

އިތުރު ސުވާލެއް: 

ދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރުމުގެ ގޮތުން ދެމަފިރިން އެކަނި ތިބެ ލަވަ ކިޔުން ހުއްދަތޯ؟ 

ދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރުމުގެ ގޮތުން ދެމަފިރިން އެކަނި ތިބެ ލަވަ ކިޔުމަކީ ހުއްދަ ކަމެކެވެ. والله أعلم

 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން