ބަރެއް އެލުވައިގެންވެސް، ތަޅުލައިގެން ދޫރައްކާތެރި ނުކުރެވޭ މީހާގެ ދިރިއުޅުން ބަރުބާދުވުމަކީ އެންމެ ގާތް ކަންތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ބަރެއް އެލުވައިގެންވެސް، ތަޅުލައިގެން ދޫރައްކާތެރި ނުކުރެވޭ މީހާގެ ދިރިއުޅުން ބަރުބާދުވުމަކީ އެންމެ ގާތް ކަންތަކެވެ!

ރުޅި އަންނަ ހިނދު ކުރިން ކޮށްދީފައި ހުންނަ ކަންކަމުގެ ވާހަކަތައް ދައްކައި ކަލަގޮވޭތަންވެސް އެބަ އާދެއެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫނެވެ. އެފަދަ ބަހެއް ބުނެވިއްޖެނަމަ ހަމަައެކަނި އަނެކާ ދެރަވަނީއެއް ނޫނެވެ. ތިމާއަށް ކުރެވިފައި އޮތް ހެޔޮކަމުން ލިބެން އޮތް ޘަވާބުވެސް ގެއްލިގެންދަނީއެވެ.

އަނބިމީހާއަށް ނިޞްބަތްކޮށް ވަރީގެ ބަސްތައް އެބަ ބުނެވިއެވެ. އެކަމުގެ ސަބަބުން ކައިވެނި އެބަ ރޫޅެއެވެ. ޒަވާޖީ ޙަޔާތް ނިމިގެންއެބަދެއެވެ. ދަރިން ލިބިފައިވާނަމަ އެދަރިންކޮޅު ބިކަޙާލުގައި އެބަޖެހެއެވެ. ފަހުން ރުޖޫޢަކުރުމުގެ ފުރުޞަތު ގެއްލިގެންވެސް އެބަދެއެވެ. ވީމާ އެފަދަ ބަހެއް ބުނުމުގެ ކުރިން އެތައް ފަހަރަކު ވިސްނައިލަންވާނެއެވެ.

ހަމައެޢާއިއެކު ދަރިންނަށް ބުނެވޭ ބަސްތަކުގެ ސަބަބުން ތިމާ މުސްކުޅިވެ އެކުދިންގެ އެހީތެރިކަމަށް ބޭނުންވާ ދުވަހު އެބަ ހިތާމަކުރަންޖެހެއެވެ. އެކުދިންގެ ކިބައިން ލިބެންވާ ފުރިހަމަ ލޯބި ނުލިބިގެން ރޯން އެބަޖެހެއެވެ.

ދުލުން ބުނެވޭ ނުބައިބަސްތަކުގެ ސަބަބުން މިފަދަ އެތައް ކަންތައްތަކެއް އެބަ ކުރިމަތިވެއެވެ. ވީމާ ކޮންމެ ބަހެއްވެސް ބުނުމުގެކުރިން އެބަހަކީ ތިމާ ފަހުން ހިތާމަކުރަން ނުޖެހޭނެ ބަހެއްކަން ޔަޤީންކުރާށެވެ. ކޮންމެ ބަހަކީވެސް އެބަހެއް ބުނުމުގެ ކުރިން ތިމާގެ އަޅެއް ކަމަށާއި ބަސް ބުނެވުމަށްފަހު ތިމާއަކީ އެބަހުގެ އަޅަކަށްވާކަމަށް ބުނެވެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

ނަރަކައަށް ވަންނަންޖެހޭނެ މީހުންގެތެރެއިން އެންމެ ގިނަވާނެ އެއްބައަކީ އެމީހާގެ ދުލުން ކުރެވުނު ޢަމަލުތަކުގެ ސަބަބުން ނަރަކައަށް ވަންނަން ޖެހޭނެ ބައެއްކަން ޙަދީޘުން އެނގެން އޮތުމުން ދޫރައްކައުތެރިކުރަންޖެހޭ މިންވަރު އެނގިގެންދެއެވެ.

 

ރުޅި އަންނަހިނދު ދުލުން ބުނެލަން ބޭނުންވާ ބަސްތައް ވަރަށް ގިނަވާނެއެވެ. މިފަދަ ބަސްތައް ބުނެވިއްޖެ ގިނަ ފަހަރަށް އޮންނާނީ ފަހުން ހިތާމަކުރަން ޖެހިފައެވެ. ވީމާ ކިތަންމެ ގަދައަށް ރުޅި އައި ނަމަވެސް ދުލުން ބަސްތައް ބޭރުކޮށްލަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. ނޫންނަމަ 99 އިންސައްތަ ފަހަރު އޮންނަނީ އެމީހެއްގެ މުޅި ދިރިއުޅުން ބަނގުރޫޓުވެ ކަރުނައަޅަންޖެހިފައެވެ.

--އަލަފް

މިއަދު އޮންލައިން