ޙަޤީޤީ ހާދިސާ: އަނބިމީހާ މަރުވިތާ ސާޅީސް އަހަރު ވީއިރުވެސް ސުވަރުގެއިން ބައްދަލުވުމުގެ އުންމީދުގަ މިހާރުވެސް ހުރި ފިރިމީހާގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ޙަޤީޤީ ހާދިސާ: އަނބިމީހާ މަރުވިތާ ސާޅީސް އަހަރު ވީއިރުވެސް ސުވަރުގެއިން ބައްދަލުވުމުގެ އުންމީދުގަ މިހާރުވެސް ހުރި ފިރިމީހާގެ ވާހަކަ!

މިހާރަކަށް އައިސް ގިނައީ ބައިވެރިޔާ ނިޔާވާއިރަށް އޭނާގެ މަތިން ހަނދާންވެސްނުކުރާ ޒުވާނުންނެވެ. ނަމަވެސް ގިނަ މުސްކުޅިން ހަނދާން ކުރެއެވެ. ސުވާލަކީ ޒުވާނުން އެމީހުންގެ ބައިވެރިޔާދެކެ ޙަޤީޤީ ލޯބިނުވަނީތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަކީ ހަމަ ބުރަދަންހުރި ސުވާލެކެވެ. ކަންކަން ހިނގަމުންދަނީ ތިއަފަދަ ގޮތަކަށެވެ. މައްސަލައަކީ ލޯބިވެވޭ މިންވަރުކަމަށްވެދާނެއެވެ. ދެމީހުން ބައްދަލުވުމުން ބައިވެރިޔާ ދެކެ ވަރަށް ލޯބިވެފައި ލޯމަތިން ދުރަށް ދެވޭއިރަށް އެހެން ޟީހަކުދެކެ ލޯބިވެވުން ޢާންމުވަމުން އަންނައިރު ތިއަ ފަދަ ކަންކަން ދާނީ ހިނގަމުންނެވެ. 

ތިރީގައި އެވަނީ ސުވާލާއި ވަރަށް ބޮޑަށް ގުޅުންހުރި ވާހަކައެވެ. 100 އިންސައްތަ ޙަޤީޤީ ވާހަކައެކެވެ. ޒުވާނުން ވޯކްޝޮޕްތައް ބާއްވައިގެން ނަމަވެސް ދަސްކުރުން ރަނގަޅު ފިލާވަޅެކެވެ.   

މިއީ މީގެ 4 އަހަރުކުރިން ރަމަޟާން މަހުގެ މެދުދިހައިގައި ފުރުޤާން މިސްކިތުގައި ހިނގައިދިއަ ކަމެއްގެ ވާހަކައެވެ. އެއިރުވެސް ކިޔުންތެރިންނަށް މިހާދިސާގެ ވާހަކަ ގެނެސްދެވުނެވެ. އަދިވެސް މިގެނެސްދެނީ ލޯތްބަކީ ހަމައެކަނި އަމިއްލަ އެދުމާއި ފައިސާކަމަށް ދެކެގެން ޙަޤީޤީ ލޯބީގައި ބޮޑެތި ބަދުނާމުތައް އަޅުވާކަމުގެ ޝަކުވާތައް ގިނަވާތީއެވެ. 

އެއީ މޫސުން އެހައި ރަނގަޅު ދުވަހެއް ނޫނެވެ. އޮތީ ވާރޭ ވެހިވެހިއެވެ. ޝައިޚް ޢަލީ ޒައިދު ފުރްޤާން މިސްކިތުގައި ދަރުސް ދެއްވި ދުވަހެކެވެ. ދަރުސް ނިންނަވައި ލެއްވެމުން ގިނަ ބައަކު ބައްދަލުކޮށް ދީނުގެ އެކިއެކި ކަންކަން އޮޅުން ފިލުވަން ސުވާލުކުރިއެވެ. އެތަނުގައި ހުރި އުމުރުން 80 ވަރަކަށް އަހަރުގެ މީހެއްގެ ސުވާލު ވަރަށް ތަފާތެވެ. 

"ވިހެއުމުގެ ތެރޭގައި މަސްތުރަނުވެ މަރުވާ އަންހެނުންނަށް އޮތީ ކޮން ދަރަޖައެއްތޯއެވެ؟" ޖަވާބުގައި ޝައިޚް ޢަލީ ޒައިދު ވިދާޅުވީ އެއީ 2 ވަނަ ދަރަޖައިގެ ޝަހީދުން ކަމަށެވެ. އެހިސާބުން އެމީހާގެ މޫނަށް އާދައާ ޚިލާފް ހިނިތުންވުމެއް ލިބުނެވެ. 

އެތަން ފެނިފައި ސިއްރުން އަޅުގަނޑު އޭނާ އެއްކައިރިކޮށްލީމެވެ. އަދި މަޑުމަޑުން ސުވާލުކޮށްލީމެވެ. "ބޭބެގެ އަނބިމީހާ މަރުވީ އެފަދަ ގޮތަކަށް ހެއްޔެވެ؟" ޖަވާބުގައި އޭނާ ބުނީ އޭނާގެ ފުރަތަމަ، އަލަތު އަނބިމީހާ މަރުވީ މީގެ 40 ވަރަކަށް އަހަރު ކުރިން އެފަދަ ހާލުގައި ކަމަށެވެ. އަދި އޭނާ އެންމެ އެދޭ ކަމަކީ ސުވަރުގެއިން އަލަތު އަނބިމީހާ އާއި ބައްދަލުވުން ކަމަށްވާތީ އެ ސުވާލު ކުރެވުނީ ކަމަށެވެ. 

ތެދުވެރި ލޯބީގެ ނަމޫނާއަކަށް ބަލަންވީ މިފަދަ މީހުން ނޫންތޯއެވެ؟ ޢިބްރަތް ޙާޞިލުކުރަންވީވެސް މިފަދަ މީހުންގެ ކިބައިން ނޫންތޯއެވެ! އަނބިމީހާ މަރުވިތާ 40 އަހަރުވީއިރުވެސް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަލަތު އަނބިމީހާއެވެ. އޭނާ އެންމެ އެދޭ ކަމަކީ ސުވަރުގެއިން އަނބިމީހާ އާއި ބައްދަލުވުމެވެ. 

މީގެ އަނެއްކޮޅު ވެސް ވަނީ ފެނިފައެވެ. އުމުރުން 70 އަހަރާއި ގާތްކުރާ ފިރިހެނަކު ބަލި ހާލުގައި އޮތް އޭނާގެ  ކުރީގެ އަނބިމީހާއަށް ނަފްރަތުކުރަނީ އަވަހަށް އޭނާ މަރުނުވެގެންނެވެ. ދެވަނަ އަންބަކު ގެއަށް ގެންނާނެ ޖާގަ ގޭގައި ނެތުމުންނެވެ. 

މުސްކުޅިންގެ ހާލު މިފަދަ ގޮތްގޮތަށް ހުރިއިރު އަނބިމީހާ ކިރިޔާވެސް ބައްޔެއް ވެއްޖެނަމަ އޭނާ އަވަހަށް މަރުނުވެގެން ކަންބޮޑުވެފައި ތިބީ ކިތައް ފިރިންތޯއެވެ؟ އަނބިންގެ މެދުގައި ވެސް މިކަން ހަމަ މިގޮތަށް އޮންނާނެއެވެ. މިފަދަ މީހުން، ފުރަތަމަ މި ބަޔާންކުރި މީހާގެ ކިބައިން ޢިބްރަތް ޙާޞިލުކުރުން ކީއްތޯއެވެ؟ 

މީހާގެ އީމާންކަން ފުރިހަމަވަނީ އެމީހާއަށް އެދޭ ކަންކަން އެހެން މީހުންނަށް ވެސް ލިބުމަށް އެދޭނަމައެވެ. އެއްވެސް މީހަކު އެމީހާ މަރުވުމަކަށް ނޭދޭނެއެވެ. ވީއިރު އެހެން މީހަކު މަރުވުމަށް އެދޭމީހާގެ އޮތީ ކޮން އީމާންކަމެއްތޯއެވެ؟ 

ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ މީހަކު މަރުވުމަށް އެދޭނަމަ އެމީހާގެ އީމާންކަން ފުރިހަމަ ނުވާ ކަމަށާއި އެއްވެސް މީހަކު މަރުވުމަށް އެދުމަކީ ވަރަށް ބޮޑު ފާފައެއް ކަމަށެވެ.

މިއަދު އޮންލައިން