ފާހިޝް އަމަލުކުރުން ހުއްޓާލުމުން ކުރުމުއްދަތެއްގަ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބުނު މީހެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ފާހިޝް އަމަލުކުރުން ހުއްޓާލުމުން ކުރުމުއްދަތެއްގަ ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބުނު މީހެއްގެ ވާހަކަ!

މީހުން ބުނާއަޑުއަހަމެވެ. "ވިޔަފާރީގައި ގިނައިން ބަނގުރޫޓުވަނީ ޒިނޭކުރަމުން ދުވާމީހުންނެވެ." އެކަން ކޮންމެވެސް ވަރަކަށް ލޮލަށްވެސް އެބަފެނެއެވެ. އަޅުގަނޑުގެ ސުވާލަކީ އެއީ ޙަޤީޤަތެއް އޮތް ވާހަކައެއްތޯއެވެ؟ 

ސުވާލުގެ ޖަވާބުގައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ޙަޤީޤަތެއް އޮތް ވާހަކައެއް ކަމަށެވެ. އެކަމުގައި ދެ ސަބަބެއް އޮންނަ ކަމަށްވެސް ބަޔާންކުރައްވައެވެ. ފުރަތަމަ ސަބަބަކީ ޒިނޭކުރުމަކީ އެންމެ ބޮޑު އެއް ފާފަކަމަށްވުމުން ޒިނޭކުރާ މީހުންނަށް ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވާކަމެވެ. އެކަލާނގެ ރުހިވޮޑިގަތުން ނުލިބި އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމެވެ. ކޮންމެ ކަމެއްގައިވެސް ޙަޤީޤީ ކުރިއެރުމެއް ލިބޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމެވެ. ދެވަނަ ސަބަބަކީ ޒިނޭކުރަމުން ދުވާ މީހުންނަށް އެކަންކުރަން އަނހެންކުދިންގެ ހަށި ގަންނަން ބޮޑު ޚަރަދެއްކުރަންޖެހޭ ކަމެވެ. 

ދެން ބުނެލަން އޮތީ ކިތަންމެ ބޮޑު ފާފައެއް ކުރެވުނަސް، ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ އެމީހެއްގެ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. އިން ޝާ ﷲ 

ތިރީގައި އެވަނީ ސުވާލާއި ގުޅުންހުރި ޢިބްރަތްތެރި ވާހަކައެކެވެ. 

މީގެ 3 އަހަރުކުރިން ޝަޢްބާން މަހެއްގެ ކުރީކޮޅު ކުރި ދަތުރެއްގައި ބައްދަލުވި މީހެކެވެ. އޭނާ ބުނި ގޮތުން އޭނާއަކީ ބައެއް ޒާތުގެ ފާހިޝް އަމަލުކުރަން ދެވިހިފާފައި ހުރި މީހެކެވެ. އެކަންކަން ނުކުރާނަމަ އޭނާއަށް ދިރުމެއް ނުވެއެވެ. ހުންނަނީ މަރުވެފައި ހުންނަ މީހެއް ފަދައިންނެވެ. އޭނާ ބުނީ އިޞްލާޙްވެ ރޯދަ ހިފަން ބޭނުންވާ ކަމަށެވެ. ނަމަވެސް ރޯދަ މަހުވެސް ބައެއް ދުވަސް ދުވަހު ވެސް އޭނާއަށް ރޯދަ ދޫކުރެވޭކަމަށެވެ. 

އަހަރެން އޭނާގެ ކިބައިން ދެ ކަމަކަށް އެދުނީމެވެ. ފުރަތަމަ ކަމަކީ އެފަދަ އަމަލުތައް ކުރުން މުޅިން ހުއްޓައިލުމަށް ޢަޒުމް ކަނޑައެޅުމެވެ. ދެވަނައަށް އަހަރެން އެދުނީ އަހަރެންގެ ފޯނު ނަގައިދިނުމަށެވެ. އެ ދެ ކަންތައް ކޮށްދިނުމަށް އޭނާ ވައުދުވިއެވެ. 

ރަމަޟާން މަސް ފެށުމުން ފުރަތަމަ ހަފްތާގައި ކޮންމެ ދުވަހަކު އެކި ވަގުތުތަކުގައި އަހަރެން އޭނާއަށް ފޯނުކުރީމެވެ. ހުންނަނީ ރޯދައަށްތޯ ސުވާލުކުރީމެވެ. ރޯދަ ދޫނުކުރުމަށާއި ރޯދަ ވީއްލުމަށްފަހުގައިވެސް އެއްވެސް ފާފައެއް ނުކުރުމަށް އަހަރެން ހިތްވަރު ދިނީމެވެ. އެއިގެ ފަހުން 2 ދުވަހުން 3 ދުވަހުން އަހަރެން އޭނާއަށް ގުޅީމެވެ. އެގޮތަށް ގުޅަމުން ގޮސް ފަހު ދިހައިގައި ގުޅުމުން ބުނީ މިއިނީ އިއްތިކާފަށް މިސްކިތުގައި ކަމަށެވެ. 

ﷲ ތައާލާގެ ރަޙްމަތްފުޅުން ހަމަޔަޤީނުންވެސް ފަހު 10 ގައި އިޢްތިކާފަށް އޭނާއަށް މިސްކިތުގައި އެ އިނދެވުނީ ކުރިން ކުރަމުން އައިފަދަ ފާފަތައް ކުރުން ހުއްޓައިލެވުމުންނެވެ.   

މިއަދު އޭނާއަކީ މީސްތަކުން އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ލިބޭ އާމްދަނީން ބައެއް އެކަމަށް ހޭދަކުރާ މީހެކެވެ. އަދި އޭނާ އިޞްލާޙްވެ އެގޮތުގައި މަސައްކަތް ފެށިފަހުން ކުރާ މަސައްކަތް ކާމިޔާބުވެ ކުރިއަރަމުން އައިސް ފާއިތުވި 3 އަހަރު ތެރޭ އޭނާގެ މަސައްކަތަށް ވަނީ 2 ގުނަ ކުރިއެރުން ލިބިފައެވެ. އޭނާ ބުނާ ގޮތުން އިޞްލާޙްވުމުގެ މަސައްކަތް އޭނާ ފެށީ 50 ވަރަކަށް މުވައްޒިފުން ގެންގުޅެމުންނެވެ. މިއަދު އޭނާގެ ވަޒީފާގައި 200 އާއި ގާތްކުރާ އަދަދަކަށް މުވައްޒިފުން އެބަ ތިއްބެވެ. ވިޔަފާރި ވަނީ ދެ ގުނައަށް ފުޅައުވެފައެވެ. 

މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ޢިބްރަތް ޙާޞިލުކުރުން ރަނގަޅު މިސާލެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން