ފިރިމީހާގެ ކިބައިގައި ހުންނަ އުނިސިފަތަކެއްގެ ސަބަބުން އެކުގަ އުޅެން ބޭނުން ނުވެއްޖެނަމަ ވަރިއަށް އެދުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ފިރިމީހާގެ ކިބައިގައި ހުންނަ އުނިސިފަތަކެއްގެ ސަބަބުން އެކުގަ އުޅެން ބޭނުން ނުވެއްޖެނަމަ ވަރިއަށް އެދުން ހުއްދަވާނެތޯ؟

އަޅުގަނޑުވެސް ކައިވެނިކުރީ ވަރަށް ގިނަ އުންމީދުތަކެއް ކުރަމުންނެވެ. އެހެންނަމަވެސް ފިރިމީހާގެ ކިބައިން ފެންނަމުންދާ ބައެއް ކަންކަމަކީ އަޅުގަނޑަށް ބަލައިގަނެވޭ ކަންކަމެއް ނޫނެވެ. އެކަންކަން އިޞްލާޙްކުރަން ނަޞޭޙަތް ދީދީވަރުބަލިވެއްޖެއެވެ. 

އެހެންވެ މިހާރު އަޅުގަނޑަށް ފިރިމީހާ ފެނުނަސް ފޫހިވެއެވެ. ގައިގަ ބީހެންވެސް ބޭނުމެއް ނުވެއެވެ. އެހެންވެ ފިރިމީހާއަށް ކޮށްދޭންޖެހޭ ޚިދުމަތްތައްވެސް ކޮސްދޭންޖެހޭނެ ފެންވަރަށް ކޮށެއް ނުދެވެއެވެ. 

މިޙާލަތުގައި އޭނާ އާއިއެކު ދިރިއުޅޭނަމަ ފިރިއަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކޮށްނުދެވޭތީ ފާފަވެރިވެދާނެ ކަމުގެ ބިރުއެބައޮތެވެ. އެހެންކަމުން އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި ވަރިއަށް އެދުމުން ފާފަވެރިވާނެތޯއެވެ؟ 

ތިރީގައިވާ ލިޔުމުން ސުވާލުގެ ޖަވާބު ލިބިލައްވާނެކަމަށް އުންމީދުކުރަމެވެ. 

އަނބިމީހާ ފިރިމީހާއާއިއެކު އުޅެން ބޭނުން ނުވެއްޖެނަމަ އޭނައަށް "ޚުލްޢު" އަށް އެދުމުގެ ފުރުޞަތު އިސްލާމްދީނުގައި އޮވެއެވެ. 

"ޚުލްޢު" އަކީ އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ހަދިޔާއެއް ނުވަތަ ކައިވެނީގެ ރަނުގެ ގޮތުގައި ދީފައިވާ އެއްޗެއް ނުވަތަ އެއިން ބައެއް ދިނުމަށްފަހު ކައިވެނިރޫޅާލުމަށް އެދުމެވެ. 

މިކަމުގެ ދަލީލަކީ ސާބިތުބިން ގައިސްގެ އަބިކަނބަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އައިސްދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ސާބިތްބިން ގައިސްގެ އަޚުލާގާއިދީންވެރިކަމާއި ބެހޭގޮތުން ބަދުބަހެއް ބުނާކަށް އަހުރެންބޭނުމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްވުމަށްފަހު ކުފުރުވުމަށް އަހުރެއް ނުރުހެމެވެ. (މާނައަކީ އިސްލާމްވުމަށްފަހުގައި ކާފިރުކަމުގެ އަޚްލާޤަށް ނުވަތަ ފިރިމީހާއަށް ނުކިޔަމަންތެރިކަން ދެއްކުމުގެސިފަ ގެންގުޅޭކަށް ތިމަންކަމަނާ ނުރުހެމެވެ. ތިމަން ކަމަނާ ސާބިތް ބިން ގައިސް އާއިއެކު އުޅޭކަމުގައިވާނަމަ ނުކިޔަމަންތެރިވެވިދާނެއެވެ. ނުވަތަ ސާބިތް ބިން ގައިސް އާއިއެކު އުޅެންވެއްޖެނަމަ ތިމަންކަމަނާ ކުފުރުގެ ތެރެއަށް އެބުނރި ހިނގައިދާނެއެވެ.) 

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ހަދީޘްކުރެއްވިއެވެ. ކަމަނާ ސާބިތް ބިން ގައިސްގެ ހަދީގާ(ބަގީޗާ) އަނބުރާ ދެއްވާހުށީމު ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ. އާދޭހެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ސާބިތް ބިން ގައިސްއާއި މުޚާޠަބުކުރައްވާ ހަދީޘްކުރެއްވިއެވެ. އެ ހަދިޔާ ޤަބޫލުކޮށް އެކަމަނާ ދޫކޮށްލާށެވެ." 

ނަމަވެސް މިފަދަ ނިންމުމަކާ ހަމައަށް ދިއުމުގެކުރިން ދެމަފިރިން ރަނގަޅަށް މަޝްވަރާކޮށް ދެމީހުން އެކުގައި އުޅެވޭތޯ މަސައްކަތްކޮށް އެކަމަށް ތައުފީޤުދެއްވާތޯ ދުޢާކުރަން ވާނެއެވެ. ތިމާޔަށް ހެޔޮއެދޭ ޞާލިޙް ފިރިއެއް ލިބުމަކީ ވަރަށްބޮޑު ނިޢުމަތެކެވެ. "އެއްޗެއްގެ އަގު ވަޒަންކުރެވޭނީ އެއެއްޗެއް ތިމާގެ އަތުން ބީވެގެން ދިޔުމުންނެވެ.") والله أعلم 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން