މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތައް- ޤުރްއާނުން- 1

ކިޔުމަށް ހޭދަވާނީ 3މ 3ސ
މުއުމިނުންގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތައް- ޤުރްއާނުން- 1

ފާޠިމަތު ނަޢީޝާ

ކީރިތި ޤުރުޢާނަކީ އަހަރެމެން މުސްލިމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގަތުމަށް އޮތް މަގެވެ. ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަން އަހަރެމެންނަށް ލިބެން އޮތީ އެފޮތް ކިޔައި، އެއަށް ޢަމަލުކޮށްގެންކަން ކަށަވަރެވެ. ކީރިތި ޤުރުޢާނަކީ މުއުމިނުންގެ އެންމެ ގާތް އެކުވެރިޔާއެވެ. މުއުމިނަކަށްވުމަށްޓަކައި އަހަރެމެންގެ ޢަމަލުތަށް ބަހައްޓަންވީގޮތް ކީރިތި ޤުރުޢާނު އަހަރެމެންނަށް ވަރަށް ރަނގަޅަށް ދަސްކޮށްދެއެވެ. 

މުއުމިނުންގެ ކިބައިގައި ހުންނާނެ ބައެއް މުހިއްމު ސިފަތައް: 

1.    ގިނަގިނައިން މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާމަތިން ހަނދުމަކުރުން:

"ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރުނަވާށެވެ!" (2:152) 

2.    އެކަލާނގެއަށް ޝުކުރުވެރިވުން:

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން ޝުކުރުނުކޮށް ކާފިރުވެއްޖެނަމަ ދަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ." (14:7) 

3.    އެކަލާނގެ މަގުގައި ހޭދަކުރުން

"އޭ އިމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ދެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އެއީ ދުވަހެއް އައުމުގެ ކުރިންނެވެ. އެދުވަހުގައި ވިޔަފާރިކުރުމެއްނުވެއެވެ. އަދި ރަޙްމަތްތެރިކަމެއްވެސްނުވެއެވެ. އަދި ޝަފާޢަތްތެރިކަމެއްވެސް ނުމެވޭމެއެވެ. ކާފިރުންނަކީ ހަމަ އަނިޔާވެރިންނެވެ." (2:254) 

4.    އެކަލާނގެ އަހަރެމެންނަށް ލައްވަވާފައިވާ ހެކިތަކާމެދު ވިސްނާ ފިކުރުކުރުން

"ހަމަކަށަވަރުން، އުޑުތަކާއި ބިންހެއްދެއްވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ." (3:190) 

5.    ކެތްތެރިކަން

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިއެދޭށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ." (2:153) 

6.    ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުން

"މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ."

(23:1-2)

7.    ތެދުވެރިކަން

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތެދުވެރިންނާއި އެކުގައި ތިޔަބައިމީހުންވާށެވެ!" (9:119) 

8.    ބޭކާރު އަދި ބާޠިލު ވާހަކަތަކާއި ޢަމަލުތަކުން ދުރުހެލިވުން

"އަދި އެއުރެންނީ، ބޭކާރުވާހަކަތަކާއި ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ." (23:3) 

9.    ހިތްތިރިކަން ނެތުން:

"އަދި އެއުރެންގެ ކުރީގައި މަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމުވެތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖުރަކުރި މުހާޖިރުންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް ދެއްވެ އެއްވެސް އެއްޗެއަކަށް އެއްވެސް ބޭނުމެއް ނުވަތަ  ދަހިވެތިކަމެއް އެއުރެންގެ ހިތްތަކުގައިނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗައް އެއުރެން އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައިވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ ދަންނާށެވެ! ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ." (59:9) 

10.   ކުރެވޭ ފާފަތައް ބޭޒާރުނުކުރުން:

"ހަމަކަށަވަރުން، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި ޢަމަލު ފެތުރިގެންދިޔުމަށް ލޯބިކުރާމީހުން ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގެ ވޭންދެނިވި ޢަޛާބު އެމީހުންނަށްހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭންގެތެވެ." (24:19) 

ދެދުނިޔޭގެ ބާއްޖަވެރިކަން ހާސިލްކުރާނެ މަގު އެކަލާނގެވަނީ އަހަރެމެންނަށް ދައްކަވާފައެވެ. އަހަރެމެންނަށް އޮތީ، އެކަން ހާސިލްކުރުމަށް ގަދައަޅާ މަސައްކަތްކުރުމުވެ، އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ޙަކީމްވަންތަ ރަސްކަލާނގެއެވެ.  

https://lifewithallah.com/articles/quran/quranic-qualities/

 

މިއަދު އޮންލައިން