ދަރިންނަކީ މާތް ﷲ ދެއްވާ ބޮޑުވެގެންވާ ނިޢުމަތެކެވެ. ސޫރަތުއް ޝޫރާގެ 49 އަދި 50 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ ﴿٤٩﴾أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ)
މާނައަކީ: " އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރިން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރިން ދެއްވަތެވެ. ނުވަތަ އެއުރެންނަށް ފިރިހެންދަރިންނާއި، އަންހެންދަރިން ދެއްވަތެވެ. އަދިއެކަލާނގެ އިރާދަކުރައްވާމީހަކު، ދަރިމައިނުވާމީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަރަސްކަލާނގެއެވެ".
އެހެންކަމުން، ދަރިޔަކު ނުލިބުމަކީ އޭނަ މުޖްތަމަޢުން ބޭރުވާން ޖެހޭ ސަބަބެއް ނޫނެވެ. ދަރިން ނުލިބެނީ އަންހެން މީހާ އަށް ނަމަ ފިރިމީހާ އެހެން މީހަކާ ކައިވެނިކޮށްގެން ދަރިޔަކު ހޯދިދާނެއެވެ. އަދި ދަރިޔަކު ނުލިބެނީ ފިރިހެން މީހާ އަށް ކަމަށް ވަނީނަމަ އެފިރިއެއް ގާތުން ވަރިވެގެން އެހެން ފިރިހެނަކާ ކައިވެނިކޮށްގެން ދަރިޔަކު ހޯދިދާނެއެވެ.
والله أعلم
އިތުރު ސުވާލާ ޖަވާބު:
ފިރިމީހާ މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި ހާލު އަބި މީހާ މިއަހަނީ ބުނާށޭ މަ މަސްތުވާ ތަކެތި ބޭނުން ކޮށްގެން ހުރިއްޔާ ތިއަކީ މަގޭ އަތްބެއްނޫނޭ އެހެން ބުނި ނަމަ ކައިވެނި ރަނގަޅުވާނެތަ އަދި ރުޖޫއަ ކުރާނަމަ ޖިމާއު ވުމުން ރުޖޫއަ ވާނެތަ؟
އަމިއްލަ އަށް ބޭނުން ކުރި އެއްޗެއްގެ ސަބަބުން މީހާގެ ބުއްދި ފިލައިގޮސްފައިވާނަމަ، އެމީހަކު ކުރާ ކޮންމެ ޢަމަލަކަށް އެމީހަކު ޒިންމާ ވާން ޖެހޭނެއެވެ. އެގޮތުން މަސްތުވެހުރެ އަންހެނުން ވަރިކުރިނަމަވެސް ވަރިވާނެއެވެ. އަދި ޖިމާޢުވުމުން ރުޖޫޢަވާނެއެވެ. ނަމަވެސް ކޯޓުގައި ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ.والله أعلم
މިސްކިތަށްގޮސް ސުންނަތްނުކޮށް ޖަމާއަތް ފެށެންދެން މިސްކިތުގައި އިށީނުމަކީ ކޮންކަހަލަކަމެއްތޯ؟
މިސްކިތުގައި އިށީނުމުގެ ކުރިން ތަޙިއްޔަތުލް މަސްޖިދި ކުރަން ޖެހޭނެއެވެ. والله أعلم
އަޅުގަނޑުގެ ފިރިމީހާ އިނީންސުރެންވެސް ނުފޫޒުފޯރުވާ، އަދި ކުދިން ލިބުމުންވެސް އަނިޔާކުރޭ!
މިކަންތަކުގެސަބަބުންއ ަޅުގަނޑު އޭނަދެކެ ފޫހިވަނީ. އަދި އެއްކޮށްއުޅޭކަށް ބޭނުމެއްނުވޭ. ދުވަހަކުވެސް އަޅުގަނޑު ބޭނުންވާގޮތެއް ނާހާ. އެހެންވެ އޭނާ ބުނާގޮތެއް ނުހެދޭ. މިގޮތުގަ ކުދިން ތިބުމުން އުޅެން މާޖުބޫރުވާނެތޯ؟
އަނިޔާ ވެރި ފިރިއަކާއި އެކުގައި ދިރިއުޅުން ހޭދަ ކުރާކަށް ނުޖެހޭނެއެވެ. އެފަދަ ގޯސް ފިރޔެއްނަމަ ވަރިއަށް އެދުމުގެ ޙައްގު އަނބިމީހާ އަށް ލިބިގެންވެއެވެ.والله أعلم
ކުރިން ބޭންކްލޯން ނަގާފަ އެއަށް ލާރިދައްކަމުން އަންނަނިކޮށް އިންޓްރެސްޓް އެއީ ރިބާކަން އެނގުނީ.. އެހެންވެއްޖެނަމަ އެލޯނުގެބާކީ ބަޔަށް ހަދާނީ ކިހިނެއްތޯ؟ އެއްކޮށް ދައްކާ ހަލާސްކުރާނީތޯ؟
ތިބާ ބެންކް އިން ނަގާފައިވާ ޢަދަދު ދެއްކުމުން ފުދޭނެއެވެ. އިންޓަރެސްޓު ދައްކާކަށް ނުޖެހޭނެއެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް