ކޮންމެ ދެމަފިރިއެއްގެ ދެމެދުގައިވެސް މައްސަލަތައް ޖެހޭނެއެވެ. އެއީ ކޮންމެ މީހަކީވެސް ތަފާތު މީހަކަށްވާތީ ހުރިހާ ކަންކަމުގައި ވިސްނުން އެއްގޮތް ނުވާނެތީއެވެ. މައްސަލައެއް ޖެހޭ ކޮންމެ ފަހަރަކު ކައިވެނި ރޫޅައިލަން ވެއްޖެ ނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟
މީގެ އިތުރުން ކައިވެނި ރޫޅުވުމަކީ ޝައިޠޯނާ އެންމެ ބޮޑަށް ކުރުވަން ބޭނުންވާ ކަންތަކެވެ. ވީމާ އަބަދުވެސް ޝައިޠޯނާ މަސައްކަތްކުރަމުން ގެންދާނީ ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި ކަންކަންވެސް އެއީ ވަރަށް ބޮޑު މައްސަލައަކަށް ހެދުމަށެވެ. ބުއްދިވެރިންނަކީ މިކަންކަމަށް ވިސްނައި ޝައިޠޯނާގެ ވަސްވާސްތަކަށާއި ޝައިޠޯނާގެ ފިތުނައަށް ވިސްނައި ކައިވެނި ސަލާމަތްކުރަން މަސައްކަތްކުރާ މީހުންނެވެ.
ޝައިކްގެ މިބަސްފުޅަށް ވިސްނައިލާށެވެ.
"އިބްލީސް އޭނަގެ ތަޚުތު ފެންމަތީގައި ބަހައްޓައެވެ. އަދި އޭނަގެ މަންދޫބުން މީސްތަކުން މަގުފުރެއްދުމަށް ފޮނުވާ އެންމެ ބޮޑު ފިތުނައެއް އުފައްދާ ޝައިތާނަކަށް އޭނަގެ އަރިސް މަޤާމުދެއެވެ.
މިގޮތުން އިބްލީހުގެ އެންމެ އަރިސް މަޤާމް ލިބޭ އެއްޝައިތާނަކީ ދެމަފިރިއަކު ދުރުކުރުވާފައި އަންނަ ޝައިތާނާއެވެ."
- ޝައިޚް އަޙްމަދު ރިމާޒް
ކަންމިހެން އޮތް އިރު ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދުވައި ދެމަފިރިންގެ މެދުގައި މައްސަލަތައް ޖައްސުވައި ދެމަފރިން ދުރުކުރުވާ އިންސާނުންގެ މަޤާމާއިމެދު ވިސްނައިލުން ރަނގަޅުވާނެއެވެ. އެކުވެރިންގެ ގޮތުގައި ތިބިގެންވެސް ޢާއިލީ މީހުންގެ ގޮތުގައި ތިބެގެންވިޔަސް ޝަރުޢީ ގޮތުން ހުއްދަ ޢުޛުރެއް ނެތި ދެމަފިރިން ދުރުކުރުވަން މަސައްކަތްކުރާނަމަ އެމީހަކީ ޝައިޠޯނުންގެ ތެރެއިންވާ މީހެކެވެ.