އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ރޯދައަށް ހުންނަ ވަޤުތުތަކުގައި ރުންކުރުވެވޭ އަދި ރުޅިގަދަވެސްވެވޭ ބައެކެވެ. އެހެންވެ ރޯދަ ކައިރިވުމުން ޞިއްޙީ ގޮތުން މައްސަލައެއް ހުރިތޯ ބަލަން ޑޮކްޓަރަށް ދައްކަން ޢިލްމްވެރިން އިރުޝާދުދެއްވައެވެ. ޚާއްޞަކޮށް ލޭމައްޗަށް ދިއުން ފަދަ ބަލިތައް ހުންނަ މީހުން ކޮންމެހެންވެސް ޑޮކްޓަރަށް ދައްކަން ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.
މިވާހަކަ މިހައި ކުރިއާލައި ދައްކަން މިޖެހެނީ ވަރަށް މުހިންމު ސަބަބެއް އޮތުމުންނެވެ. އެއީ މިދިއަ ރޯދަމަހު އެންމެ ގިނައިން ލިބުނު ޝަކުވާތަކުގެ ތެރޭގައި ބައިވެރިޔާ ރުޅިގަދަވެގެން ޖެހޭ މައްސަލަތަކުގެ ޝަކުވާ ހިމެނޭތީއެވެ.
މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. ސަބަބަކީ ރުޅިއައިސް ނުބައިބަސްތައް ބުނެވޭނަމަ އެމީހަކު ރޯދަ ހިފުމުގެ ބޭނުމެއް ނެތުމުންނެވެ.
"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." (އަލްބަޤަރާ: 183)
މިއާޔަތުގައި ރޯދަ ފަރުޟުކުރެއްވެވި ކަމަށް އޮތުމަށްފަހު ރޯދަ ހިފަންޖެހޭ ސަބަބަކީ "--(އެއީ) ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ." އޮތުމުން ރޯދަހިފަންވީ ސަބަބަބު އެއޮތީ އެނގޭށެވެ. އަދި އެ ސަބަބަކީ ތަޤްވާވެރިވުންކަންވެސް މިއޮތީ އެނގޭށެވެ.
އެހެންކަމަށްވާއިރު ރުޅި އައިސް ނުބައިބަސްތައް ބުނެވި، ނުބައި ޢަމަލުތައް ކުރެވޭނަމަ އެދެވެނީ ތަޤްވާވެރިކަމާއި ދުރަށެވެ. އެޙާލަތުގައި ރޯދަހިފުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ވީމާ މިދިއަ ރޯދަމަހުގެ ޙާލަތަށް އަމިއްލައަށް ވިސްނައި މާތް ﷲ ގެ އިރާދަފުޅުން މިއަންނަ ރޯދަމަހާއި ހަމައަށް ދުނިޔޭގައި ހުރެވިއްޖެނަމަ ޢަމަލުތައް އިޞްލާޙްކޮށް ރޯދަ ފަރުޟުކުރެއްވެވި މަޤްޞަދާއި އެއްގޮތަށް ރޯދަހިފޭނެ މީހަކަށްވުމަށް މިހާރުންސުރެ ގަދައަޅައި މަސައްކަތްކުރާށެވެ.
ވީމާ ރޯދައަށް ހުންނައިރު ބައިވެރިޔާ ދެކެ ފަސޭހައިން ރުޅިއަންނަންވީއެއް ނޫނެވެ! ލޯބިވުން އިތުރުކޮށް ހިނިތުންވުން ގިނަކުރަންވީއެވެ! ބައިވެރިޔާއަށްވުރެ ތިބާ ލޯބިވާންޖެހޭ އަދި ހެޔޮއެދެންޖެހޭ މީހަކު ނުހުންނާނެއެވެ! އެހެނީ މައިންބަފައިންނަށް ހެޔޮކޮށް ހިތޭނީވެސް ބައިވެރިޔާގެ ބައިވެރިވުމާއިއެކުގައެވެ! އަދި ﷲ ތަޢާލާގެ މަގުގައި ޘާބިތުވެ ހުރެވޭނީވެސް، ކުރަންޖެހޭ އަޅުކަންވެސް ރަނގަޅު ގޮތުގައި ކުރެވޭނީ ބައިވެރިޔާގެ އެހީތެރިކަމާއި އެކުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން