އެސްފީނާއިން ސަލާމަތްވުން 6: އެސްފީނާ ޖެއްސުވި މީހާ ޔަޤީންކުރެވޭނަމަ އޭނާ ވުޟޫކުރާ ފެނަށް އެދުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
އެސްފީނާއިން ސަލާމަތްވުން 6: އެސްފީނާ ޖެއްސުވި މީހާ ޔަޤީންކުރެވޭނަމަ އޭނާ ވުޟޫކުރާ ފެނަށް އެދުން-

ދެން އޮތީ ވަރަށް މުހިންމު ވާހަކައެކެވެ. ސަހްލު ބުން ޙުނައިފަށް އެސްފީނާގެ ސަބަބުން ކުރިމަތިވި ނުރައްކާތެރި ޙާލަތުގައި ވާތަން ފެނިފަޑައިގަތުމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސުވާލު ކުރެއްވެވީ، އެކަމަށް، ތުހުމަތު ކުރެވޭ މީހެއް ވޭތޯއެވެ. 

އާނއެކެވެ. ޙަދީޘުގައިވާ ޙާދިޘާ ފަދައިން ޝައްކެއް ނެތި އެސްފީނާ ޖެއްސިމީހާ އެނގޭކަމުގައި ވާނަމަ އެމީހަކު ހޯދައި، އަވަހަށް ޙަދީޘުގައިވާ ފަދައިން ޢަމަލު ކުރުން މުހިންމެވެ. (އެއީ އޭނާ ލައްވައި ވުޟޫކުރުވައި ވުޟޫކުރި ފެނަށް އެދުމެވެ.) 

ނަމަވެސް ތިމާއަށް ވެފައިވާ ޝައްކެއްގެ މައްޗަށް ބިނާކޮށް މީހަކަށް ތިމަންނައަށް ނުވަތަ އެވެނި މީހަކަށް އެސްފީނާ ޖެއްސުވިކަމުގެ ތުހުމަތުކޮށްގެން ނުވާނެއެވެ. 

އެފަދަ ތުހުމަތެއް ކުރަންވާނީ، ތިމާއަށް އެމީހެއްގެ ފުށުން އެސްފީނާއަށް މަގުފަހިވާފަދަކަމެއް ފެނި ޔަޤީން ވެފައިވާ ނަމައެވެ. އެއްވެސް ޙާލެއްގައި ޝައްކެއްގެ މައްޗަށް ބިނާކޮށް އެފަދަ ކަމެއް ކޮށްގެން ނުވާނެއެވެ. ޝައްކެއްގެ މައްޗަށް ބިނާކޮށް އެފަދަ ތުހުމަތު ކުރެވޭނަމަ، އަޚުންތަކެއް ކަމަށް ވާންޖެހޭ މުސްލިމުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ ފެތުރިދާނެއެވެ. 

އަދި ޔަޤީން ކަމާއެކު، ތުހުމަތު ކުރެވުނު ނަމަވެސް މީސްތަކުންގެ މެދުގައި އޭނާ ލަދުގަންނަވާލައި ހަދައިގެން ނުވާނެއެވެ. އޭނާ ކައިރިން ދޮވުމަށް އެދެން ވާނީ، އިތުރު މައްސަލަތަކެއް މެދުވެރި ނުވާނޭހެން، ރީތިކޮށެވެ. އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާން ޖެހޭނީ އިޞްލާޙު ކުރުމާއި މައްސަލަ ޙައްލު ކުރުމެވެ. މައްސަލަ އިތުރަށް ބޮޑު ކުރުމެއް ނޫނެވެ. . 

- އައްޝައިޚް މަތީޢު އިސްމާޢީލް މުޙައްމަދު

 

މިއަދު އޮންލައިން