އަޅުގަނޑުގެ ލޯބިވެރިޔާ މިހާރު އުޅެނީ އަޅުގަނޑު ދޫކޮށްލަންވެގެންނެވެ. ސަބަބަކީ އޭނާ ބޭނުންވާގޮތަށް އެކަހެރިކޮށް ބައްދަލުނުކުރުމެވެ. އޭނާ ބުނަނީ ކައިވެނީގެ ކަންކަން ނިންމޭނީ އެކަހެރިކޮށް ތަނެއްގައި ތިބެ ވާހަކަދައްކައިގެން ކަމަށެވެ. ނަމަވެސް އަޅުގަނޑު އެކަމަށް ވަރަށް ބިރުގަނެއެވެ. އަޅުގަނޑު އޭނާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ވީމާ މިޙާލަތުގައި އަޅުގަނޑު ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިޔޯއެވެ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބަކަށް ބުނެލަން އޮތީ ތިއަކަމުގައި މިޙާލަތެއް އެޙާލަތެއް ނުއޮންނާނެއެވެ! އޮންނާނީ ދީނުގައި ޢަމަލުކުރަން އޮތް ގޮތެވެ. ތިރީގައި އެވަނީ ތިފަދަ މައްސަލަތަކަށް ވަރަށް ރަނގަޅު ޖަވާބެއް ކަމަށް ދެކެމެވެ.
ފުރަތަމަ ވެސް ސުވާލެއް ކޮށްލާނަމެވެ. އެ ސުވާލަކީ އަންހެނުން "އެކްސްޕޯޒްކުރަން" ގިނަ ބައަކު މަސައްކަތްކުރާއިރު އެކަންވުމުން އެއްވެސް އަނހެނަކަށް ލިބޭ ގެއްލުމުގެ އެއްވެސް ޒިންމާއެއް އެއިން އެއްވެސް މީހަކު ނަގާހެއްޔެވެ؟ ނަގާނަމަ އެފަދަ ކަމެއްގެ ސަބަބުން ނިކަމެތި ޙާލެއްގައި ޖެހިގެން، ނުވަތަ ހިތްދަތިވެގެން އުޅެން އެއްވެސް އަނހެނަކަށް ޖެހެންވީ ކީއްވެގެން ހެއްޔެވެ؟
މިއަދު ސޯޝަލްމީޑިއާއަކީ މުޢާމަލާތުކުރަން އެންމެންވެސް ބޭނުންކުރާ އެންމެ ޢާންމު ވަސީލަތެވެ. ވީމ އެއިގެ ބޭނުން ނުހިފާކަށް ނުބުނަމެވެ. ބޭނުންހިފަންވީއެވެ. ނަމަވެސް ހިލޭ އަންހެނަކާއި ފިރިހެނަކު ވާހަކަދައްކާނަމަ އަންހެން މީހާގެ ފަރާތުން ޢާއިލާގެ އިތުރު މީހަކު ލައިގެން ގްރޫޕެއްހަދައި ގްރޫޕުގައި ވާހަކަދައްކާށެވެ.
އެއީ އެއްވެސް ޙާލެއްގައި އަންހެނަކަށްވީތީ މިނިވަންކަން ނުދޭކަށް ނޫނެވެ. އަންހެނާގެ ޙައްޤުތައް ހމާޔަތްކުރެވޭކަން ކަށަވަރުކޮށްގެން މިނިވަންކަންދޭށެވެ.
މިހާރަކަށް އައިސް އަންހެނުންނަށް އެންމެ ބޮޑަށް ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި އެކަނބަލުންގެ އެކިފެންވަރުގެ ފޮޓޯތައް ފިރިހެނުންނާއި ހިއްބާކުރެވޭކަން އެބަހިމެނެއެވެ. އެފަދަ ފޮޓޯތައް ފޮނުވިފައި ހުންނަނީ ފިރިހެނުން ވަރަށް ގިނަފަހަރު އެކަމަށް އެދުމުންނެވެ. އެދޭވަރުން ނުފޮނުވައިފިނަމަ ލޯބި ގެއްލިދާނެ ކަމުގެ ބިރު ހިތަށްވަދެގެންނެވެ.
ވީމާ އަންހެން މީހާގެ ފަރާތުން އޭނާގެ ޙައްޤުތައް ޙިމާޔަތްކޮށްދޭނެ މީހަކު ގްރޫޕުގައި އިންނަނަމަ އެފަދަ އެފަދަ ފޮޓޯތަކަށް އެދޭކަށްވެސް ނުކެރެނެއެވެ. ފާހިޝް ޢަމަލުތައް ކުރުމުގެ ވާހަކަތައް ދައްކާކަށްވެސް ނުކެރޭނެއެވެ. 3 ވަނަ މީހާއަށް އެނގޭނެތީ ބިރުގަންނާނެއެވެ.
ދެމީހުންގެ ވެސް ނިޔަތަކީ ކައިވެނިކުރުންކަމުގައިވާނަމަ ސިއްރުން ކުރަންޖެހޭ ކަންކަމެއް އަދި ސިއްރުން ދައްކަންޖެހޭނެ ވާހަކަތަކެއްވެސް ނުހުންނާނެއެވެ. މަޝްވަރާކުރަންވީ ދެމީހުންގެ ދިރިއުޅުން ކުރިއަށްގެންދާނެ ގޮތަކާއިބެހޭގޮތުންނެވެ. އެކުގައި ދިރިއުޅޭއިރު ތިމާ ބޭނުންވާނެ ކަންކަމާއިބެހޭ ގޮތުންނެވެ. އުފަލުގައި ދިރިއުޅެވޭނެ ގޮތްތަކާއިބެހޭގޮތުންނެވެ.
މިއިން ކޮންމެ ކަމަކީ ދެމީހުންގެ ޢާއިލާއަށްވެސް އެނގުން ރަނގަޅުކަންކަމެވެ. އެކަންކަން އިތުރަށް ދަސްކޮށްދީ ކައިވެންޏަށްފަހު އުފާވެރި ދިރިއުޅެއް އުޅެން ކުރަންވީކަންކަން ދަސްކޮށްދެވޭނީ އެއިރުންނެވެ.
ކައިވެނިކުރަން ބޭނުންވާ ދެމީހަކު ބައްދަލުކުރުމާއި ވާހަކަދެއްކުން އިސްލާމްދީން މަނައެއް ނުކުރެއެވެ. ހަމައެކަނި ޝަރުޠަކީ ދެމީހުން އެކަނި ބައްދަލުނުކުރުމެވެ. 3 ވަނަ މީހަކު ބައިވެރިކުރުމެވެ. އިސްލާމް ދީނުގައި އޮތީ ކައިވެނީގެ ކަންކަމަށް މަގުފަހިކޮށްދިނުމެވެ. ނަމަވެސް ދީނުގައި ބަޔާންވެގެންވާ އިންތަކުގެ ތެރެއިންނެވެ.
ހުރިހާ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުން މިދަނީ "މީޓްކުރުމުގެ" ބަދަލުގައި "ޑޭޓްކުރެވޭތީ"އެވެ. އެއީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫނެވެ. ޙަރާމްކަމެކެވެ.
--މުފްތީ މެންކްގެ ދަރުސަކުން