ދަތިޙާލަތެއް ކުރިމަތިވުމުން އެކަމުން އަރައިގަތުން އަވަސްވުމަށް ބޭނުންވާ ވިސްނައިލަންވީ ކަންކަމުގެ ތެރެއިން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ދަތިޙާލަތެއް ކުރިމަތިވުމުން އެކަމުން އަރައިގަތުން އަވަސްވުމަށް ބޭނުންވާ ވިސްނައިލަންވީ ކަންކަމުގެ ތެރެއިން-

އަބަދުވެސް ބުނާފަދައިން ފިތުނަވެރިކަމަކީ ހަސަދަވެރިކަމެވެ. ހަސަދަވެރިކަމަކީ ތިމާކުރާ ހެޔޮ އަމަލުތައް އަލިފާން ދަރު އަންދައިލާ އުޞޫލުން އަނދައި ހުސްކޮށްލާ އެއްޗެކެވެ. ވީމާ ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމާއި ކުރިމަތިލާއިރު ހިތުގައި ހަމަ އެކަކާއިމެދުވެސް އެއްވެސް ފިތުނަވެރިކަމެއް ބާއްވައިގެން ނުވާނެއެވެ.

ދެމީހެއްގެ މެދުގައި އުފެދޭ ޚިޔާލުތަފާތުންވުންތައް އެހެން މީހުންނާ ހިއްސާކުރުން ފަދަ ކަންކަން ކުރަންވާނީ ދެމީހުންގެ މެދުގައި މަޝްވަރާކޮށް އެކަމަށް ގޮތެއް ނުފެނުނު ނަމައެވެ. އެބަހީ އެކަމަކަށް ދެމީހުން ދެމީހުންނަށް އެއްބަސްވެވޭ ހައްލެއް ނުފެނިއްޖެނަމައެވެ. މިފަދަ މަޝްވަރާތައް ކުރަންޖެހޭނީ ރުޅިވެރިކަމެއް ނެތިއެވެ. ދެމީހުންކުރެ އެކަކުވެސް ރުޅި އިސްކޮށްފިނަމަ ކަންކަން ދާނީ ގޯހުން ގޯހަށެވެ. ފުރުޞަތުބަލައި ދެމީހުންގެ މެދަށް ޝައިޠާނާ ވަދެގަންނާނެތީއެވެ.

އިސްލާމް ދީން އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ފިތުނަވެރިކަން ނައްތައިލުމެވެ. ފިތުނަވެރިކަން ނުބޭއްވުމެވެ. އެހެންކަމަށްވާއިރު ދީނުގެ ކަމަކާއި ގުޅިގެން ފިތުނަވެރިކަން އުފެއްދުމަށްވުރެ ބޮޑު ނުބައެއް އޮންނާނެހެއްޔެވެ؟

ޤަބޫލުކުރަންޖެހޭނެ ހަޤީޤަތަކީ ދެމީހެއްގެ މެދުގައި ޚިޔާލުތަފާތުވުން އުފެދޭއިރަށް އެކަން ވަރުގަދަ ޒުވާބަކަށް ހައްދުވަން ޝައިޠޯނާ ބޭނުންވާނެކަމެވެ. ޒުވާބެއް އުފެދޭ ހިސާބުން ކޮންމެވެސް ވަރެއްގެ ފިތުނައެއް އުފެދޭނެކަމެވެ.

މިކަންކަން އެންމެންނަށްވެސް އެނގޭއިރު ކޮންމެކަމެއް ހައްލުކުރަންވެސް މަސައްކަތްކުރަންޖެހޭނީ ފިތުނަވެރިކަމެއް ނެތިއެވެ. ފިތުނަވެރިކަމަށް ހަމަ އެއްވެސް މިންވަރެއްގެ ފުރުޞަތެއް ނުދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަންވާނެއެވެ. އެހެނީ ފިތުނަވެރިކަމަކީ ﷲ ތާޢާލާ އެންމެ ރުހިވޮޑިނުގަންނަވާ އެއް ސިފައެވެ!

ކަންމިހެން އޮތް ނަމަވެސް ކިރިޔާ ކަމެއްވާއިރަށް އަޑުގަދަކޮށް މީހުން އެއްކުރަން ބޭނުންވާ ބައަކު އުޅެއެވެ. މިހާރަށް ބަލައިފިނަމަ ސޯޝަލް މީޑިއާގައި ކަންކަން ޢާންކޮށް ތިމާގެ ކޮޅަށް ލައިކް ގިނަކުރަން ބޭނުންވާ މީހުން އުޅެއެވެ. އެގޮތަށް ކަންތައް ކުރުމުން އެކުރެވެނީ ވަރަށް ދެރަކަމެކެވެ. އެކަމުގެ ސަބަބުން އުފެދޭނީ އިތުރު މައްސަލަތަކެވެ. އެ ފުރުޞަތު ނުދޭށެވެ!

މުސްލިމުންނަކީ އަބަދުވެސް ފިތުނަވެރިކަމުން ހިތްތައް ޠާހިރުކޮށްގެން ތިބެންޖެހޭ ބައެކެވެ. ޚާއްޞަކޮށް އަތްމަތި ދަތިކަމާއި ހިތްދަތިޙާލަތު އެންމެންނަށްވެސް މިހައި ބޮޑުވެފައިވާއިރު ހިތްތައް ފިތުނަވެރި އެންމެހައި ކަންކަމުން ޠާހިރުކޮށްގެން ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން