ޞަދަޤާތުގެ ފައިދާ: ނުކެވިހުރިތަކެތި ޞަދަޤާތްކުރި މީހަކު ހަރުފައެއްގެ ކިބައިން ސަލާމަތްވި ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ޞަދަޤާތުގެ ފައިދާ: ނުކެވިހުރިތަކެތި ޞަދަޤާތްކުރި މީހަކު ހަރުފައެއްގެ ކިބައިން ސަލާމަތްވި ގޮތުގެ ވާހަކަ!

ތަނަވަސްކަން އިތުރުވަނީ އަހަރެމެންކުރާ މަސައްކަތަކުން ނޫނެވެ. ﷲ ތަޢާލާ ހިންމަވައި ދެއްވެވުމުންނެވެ. އެއީ މަސައްކަތްކުރުމުން އެކަނި ޙާޞިލުކުރެވޭކަމެއް ނަމަ އިންތިހާއަށް ބުރަކޮށް މަސައްކަތްކުރާ އެންމެން ތަނަވަސްނުވަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެއަކަސް ތަނަވަސްކަން ދެއްވެވުމަށްފަހު ﷲ ތަޢާލާގެ މަގުގައި ޞަދަޤާތްކުރަން އަންގަވަނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުން މިންވަރެކެވެ. ދުނިޔެއަށް ދަހިވެތިކަން ބޮޑުވެ އަހަރެމެންނަށް މިއުޅެނީ އެކަން ނުކުރެވިގެންނެވެ.

މިހާރަކަށް އައިސް ޞަދަޤާތްކުރުން މިވަނީ މަދުވެފައެވެ. ތައްޔާރުކުރާ ކާބޯތަކެތީގެ ތެރެއިން ބާކީވާ އެތިކޮޅު މީސްތަކުންނަށް ދިއްކޮށްލުންވެސް މިވަނީ ލަދުވެތިކަމަކަށްވެފައެވެ. އޯޑަރުކުރާ ތަކެތި ނުކެވުމުން ރެސްޓޯރަންޓަށް ދޫކޮށްލާފައިދިއުން މިވަނީ ތަހުޒީބުކަމަކަށްވެފައެވެ.

ބަޣްދާދުގައި އުޅުނު އިމާމަކު ވިސްނަމުން ދިއައީ ޞަދަޤާތްކުރުމުގެ ފައިދާ ދަރިވަރުންނަށް އަނގައިދޭނެ ރަނގަޅު ޙިކުމަތަކަށެވެ. އެކަމުގައި ރަނގަޅު ވިސްނުމެއް ދެއްވެވުން އެދި އިމާމްދިއައީ ދުޢާކުރަމުންނެވެ. ދުވަސްކޮޅެއްފަހުން އިމާމަށް ހުވަފެނުގައި ކަންތައްތަކެއް ފެނުނެވެ. އަދި އެކަންދަރިވަރުންނާއި ހިއްޞާކުރަން އިމާމްް ނިންމިއެވެ.

އެހެންވެ އެއް ދުވަހަކު ދަރިވަރުންނަށް ދަރުސްދޭން އިން މަޖިލީހަކަށް އައި މީހަކު އިރުކޮޅަކު އިނދެފައި ތެދުވެގެންދާންފެށުމުން އިމާމް ދަރިވަރުންނަށް ބުންޏެވެ. "އޭނާ އެނބުރި ނާންނާނެއެވެ. އޭނާ އެދަނީ މަރުވާށެވެ."

ނަމަވެސް އޭނާ އެނބުރި އައެވެ. އައިސް އިރުކޮޅަކު މަޑުކޮށްލާފައި ނުކުމެގެންދިއައީއެވެ. އިމާމްގެބަސްދޮގުވިއެވެ. އެވަގުތު ދަރިވަރުންގެ މެދުގައި ވާހަކަދެކެވެން ފެށުމުން އިމާމްއަށް ކަންކަން މިވާގޮތް ވިސްނި ދަރިވަރުންނަށް ބުންޏެވެ. "އޭނާއަށް ގޮވާށެވެ."

އޭނާއައުމުން އިމާމް ސުވާލުކުރިއެވެ. "މިއަދު ހެނދުނު މިތަނަށް އައުމުގެކުރިން ކުރީ ކޮން ހެޔޮ ކަމެއްހެއްޔެވެ؟" އޭނާގެ ހަނދާނަކަށް އެއްވެސް ކަމެއް ނައެވެ. ދެންވެސް ތަކުރާރުކޮށް އިމާމް ސުވާލުކުރުމުން އޭނާ ބުންޏެވެ. އަހަރެން ހެނދުނު މަގުމަތީގައި އޮތް އެއްޗެތި ވިއްކާ ގާށޑިޔަލަކުން ހެނދުނު ގަތްތަކެތި ނުކެވުމުން އެސަރަހައްދުގައި ތިބި ފަޤީރުކުރިންނަށް އެތަކެތި ހަދިޔާކުރީމެވެ. އެއިގެތެރޭގައި ބައިވަރު ޕާން ފޮތިވެސް ހުންނާނެއެވެ."

އިމާމް ސުވާލުކުރިއެވެ. "ހެނދުނު މިތަނުން ދިއައީ ކޮންތަނަކަށް ހެއްޔެވެ؟"

އޭނާ ބުންޏެވެ. "ރައްޓެއްސެއްގެ ދަނޑެއް ބަލައިލުމަށެވެ. އެތަނުން ގަލެއްގެ މަތީގައި އިނދެފައި މެންދުރުނަމާދުވުމުން މިސްކިތަށްގޮސް މެންދުރު ނަމާދުކުރީއެވެ.

ދަރިވަރުންގެ ކިބައިން އިމާމް އެދުނީ އޭނާއިން ގައުކައިރިއަށްގޮސް ކަންކަން ރަނގަޅަށް ބަލާފައި އައުމަށެވެ. ދަރިވަރުން އެތަނަށްގޮސްފައި އައިސް ބުންޏެވެ. "އިމާމްއެވެ. އެގަލުގެ ބަނޑުދަށުގައި ބޮޑު ހަރުފައެއް އޮތެވެ."

އިމާމް ބުންޏެވެ. "އެ ހަރުފަ އޭނާއަށް ވިހަނުލީ އޭނާ ހެނދުނުކުރި ޞަދަޤާތުގެ ސަބަބުންނެވެ. ﷲ ތަޢާލާ އޭނާގެ އުމުރު ދިގުކުރެއްވެވީއެވެ. ޞަދަޤާތްކުރުމަކީ މިހައިމަތިވެރިކަމެކެވެ. ކަިފައިބާކީވާއެތިކޮޅުވެސް އުކައިނުލާށެވެ. ކޮންމެވެސް ފަޤީރަކަށް ޞަދަޤާތްކުރާށެވެ."

އިމާމް އެދުވަހު ކަންތައް އެކުރީ ހުވަފެނުގައި އޭނާއަށް ފެނުނު ގޮތަށެވެ. އެ ހުވަފެން ވެގެންއެދިއައީ ދަރިވަރުންނަށް ޞަދަޤާތާއިމެދު ހޭލުންތެރިވާން ލިބުނު އަގުހުރި ފިލާވަޅަކަށެވެ.

މީސްތަކުންނޭވެ! ޞަދަޤާތްކުރުމާއިމެދު ހޭލުންތެރިވާށެވެ. ލިބޭމިންވަރަކުން ޞަދަޤާތްކުރާށެވެ! ތިމާއަށް ބޭނުން ނުކުރެވުނު ނަމަވެސް އެހެން މީހަކަށް ފައިދާކޮށްފާނެ އެއްވެސް އެއްޗެއް އެއްލައިނުލާށެވެ! ލައްވަވާނެ ރަޙްމަތް ނުވެސް އެނގޭނެއެވެ!

--އިސްލާމީ ތިލަފަތުގެދަރުސަކުން

 

މިއަދު އޮންލައިން