ރުކޫޢިން ތެދުވާއިރު އައްތަސްމީޢު (ސަމިޢަﷲ ލިމަން ޙަމިދަހޫ) ކިޔުމާއި، ރުކޫޢިން ތެދުވެވުމުން (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުމަކީ ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި ގަދަވެގެންވާ ސުންނަތެކެވެ. އަދި ޙަންބަލީ މަޛްހަބުގައި ވާޖިބު ކަމެކެވެ. އެއީ ވާޖިބެއް ކަމަށް ދަލީލުކޮށްދޭ ދަލީލުތަކަކީ:
1. ރުކޫޢިން ތެދުވާއިރު އައްތަސްމީޢު (ސަމިޢަﷲ ލިމަން ޙަމިދަހޫ) ކިޔުމާއި، ރުކޫޢިން ތެދުވެވުމުން (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެމިހުންނެވިކަން. އަދި އެއްވެސް ޙާލެއްގައި އެކަން ދޫކޮށް ނުލައްވާކަން.
2. އެއީ ރުކޫޢިން އިޢްތިދާލަށް ބަދަލުވުމުގެ ޝިޢާރެވެ.
3. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.
(إذا قال سمع الله لمن حمده ، فقولوا : ربنا ولك الحمد)
މާނައަކީ: "އިމާމާ، ސަމިޢަﷲ ލިމަން ޙަމިދަހޫ" ކިޔުމުން ތިޔަބައިމީހުން "ރައްބަނާ ވަލަކަލް ޙަމްދި" އޭ ކިޔާށެވެ.
އެކަނިހުރެ ނަމާދު ކުރާމީހާ ރުކޫޢިން ތެދުވާ އިރުގައި ތަޙްމީދާއި( ސަމިޢަﷲ ލިމަން ޙަމިދަހޫ) ތަސްމީޢު (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުމަކީ ކުރަން ޖެހޭނެ ކަމެއްކަމުގައި ހުރިހާ ޢިލްމުވެރިން އިއްތިފާގު ވެލައްވައެވެ.
އެހެންނަމަވެސް އިމާމާ އާއި މައުމޫމު މީހާ ކަންތައް ކުރާނީ ކޮންގޮތަކަށްތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުއްޓެވެ.
އިމާމު މީހާ އާއި ބެހޭ ގޮތުން ޢިލްމުވެރިން ވިދާޅުވެފައިވަނީ:
ހަނަފީންނާއި މާލިކީން ދެކިލައްވާ ގޮތުގައި އިމާމު މީހާ ކިޔާނީ ހަމައެކަނި ( ސަމިޢަﷲ ލިމަން ޙަމިދަހޫ) އެވެ. (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުމެއް ނެތެވެ.
ނަމަވެސް ޝާފިޢީންނާއި ޙަންބަލީން ދެކިލައްވާ ގޮތުގައި އިމަމު މީހާ ( ސަމިޢަﷲ ލިމަން ޙަމިދަހޫ) އަދި (ރައްބަނާ ވަލަކަލް ޙަމްދި) ވެސް ކިޔަން ޖެހެއެވެ.
މީގެ ތެރެއިން ރާޖިޙް ގޮތަކީ އިމާމު މީހާ ( ސަމިޢަﷲ ލިމަން ޙަމިދަހޫ) އަދި (ރައްބަނާ ވަލަކަލް ޙަމްދި) ވެސް ކިޔަން ޖެހޭނެ ކަމެވެ. ދަލީލަކީ އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ރިވާ ކުރައްވާފައިވާ ޙަދީޘެވެ.
(كَانَ رَسُولُ اللهِ صَلَّى اللهُ عَلَيهِ وَسَلَّمَ إِذَا قَالَ سَمِعَ اللهًُ لِمَنْ حَمِدَه قَالَ : الَّلهُمَّ رَبَّنَا وَلَكَ الحَمدُ)
މާނައަކީ: "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަމިޢަﷲ ލިމަން ހަމިދަހޫ އޭ ވިދާޅުވެފައި " الَّلهُمَّ ރައްބަނާ ވަލަކަލް ޙަމްދި" މިހެން ވިދާޅުވެއެވެ.
މައުމޫމުންނާއި ބެހޭ ގޮތުން ޢިލްމުވެރިން ވިދާޅުވެފައިވަނީ:
ޙަނަފީ، މާލިކީ އަދި ޙަންބަލީ މަޛްހަބު ގެ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މައުމޫމު މީހާ ކިޔާނީ ހަމައެކަނި (ރައްބަނާ ވަލަކަލް ޙަމްދި) އެވެ.
ޝާފިޢީންނާއި ޡާހިރީން ގެ ގާތުގައި މައުމޫމު މީހާ ( ސަމިޢަﷲ ލިމަން ޙަމިދަހޫ) އަދި (ރައްބަނާ ވަލަކަލް ޙަމްދި) ކިޔުން އެދެވިގެންވެއެވެ.
މީގެ ތެރެއިން ރާޖިޙް ގޮތަކީ ޖުމްހޫރުން ގެ ރައުޔެވެ. ދަލީލަކީ އަންނިވި ޙަދީޘެވެ.
(إنما جُعل الإمام لِيُؤتَمَّ به ، فإذا كبَّر فكبِّروا ، وإذا ركع فاركعوا ، وإذا سجد فاسجدوا ، وإذا قال سمع الله لمن حمده فقولوا ربنا ولك الحمد)
މާނައަކީ: "ހަމަކަށަވަރުން އިމާމާ ލެވިފައިވަނީ އޭނާ އަށް ތަބަޢަ ވުމަށެވ. އޭނާ ތަކްބީރު ކިޔައިފިނަމަ ތިޔަބައިމީހުންވެސް ތަކްބީރު ކިޔާ ހުށި ކަމެވެ. އޭނާ ރުކޫޢު ކޮށްފިނަމަ ތިޔަބައިމީހުންވެސް ރުކޫޢު ކުރާ ހުށި ކަމެވެ. އަދި އިމާމާ ސަޖިދަ ކޮށްފިނަމަ ތިޔަބައިމީހުންވެސް ސަޖިދަ ކުރާ ހުށި ކަމެވެ. އިމާމާ "ސަމިޢަﷲ ލިމަން ޙަމިދަހޫ" ކިޔައިފިނަމަ "ރައްބަނާ ވަލަކަލް ޙަމްދި" އޭ ކިޔާށެވެ".
والله أعلم.
އިތުރު ސުވާލާ ޖަވާބު:
ވަރިވެފައިވާ ދެމަފިރިން 3 މަސް ހަމަނުވާ ނަމަ ރުޖޫއަ ކުރެވޭނެ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ރުޖޫއަ ކުރެވޭނީ ކޯޓަށް ގޮސްގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހާރު އަޑުއިވޭ ގޮތުގައި ކައިވެނި ރުޖޫއަ ކުރެވޭ ތަފާތު ގޮތްތަކެއް އޮވެއެވެ. މިގޮތްތައް ތަފްސީލްކޮށް ބުނެދިނުން އެދެމެވެ.
ރަޖްޢީ ވަރިޔަކުން ވަރިވެފައިވާ އަންހެނާގެ ޢިއްދާ އަކީ ތިން ޠުހުރެވެ. އެމުއްދަތުގެ ތެރޭގައި އޭނާގެ ފިރިމީހާ ރުޖޫޢަކޮށްފީމޭ ބުނެފިނަމަ، ނުވަތަ އަނބިފިރިކަމުގެ ގުޅުން ހިންގައިފިނަމަ ކައިވެނި ރުޖޫޢަވާނެއެވެ. ނަމަވެސް ކޯޓުގައި އެކަން ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. والله أعلم
އަހަރެން އަހަރެންގެ އަންހެނުން ގާތު ގެއަށް ދާށޭ އެތައް ފަހަރަކު ބުނީމެވެ. އެކަމަކު އޭނާ އާދޭސް ކުރުމުން އަހަރެން އޭނާއަށް މަޢާފުކުރީމެވެ. އަނެއްކާވެސް ދެތިން މަސް ފަހުން އަހަރެން އޭނާ ގާތު ގެއަށް ދިއުމަށް ބުނީމެވެ. މިފަހަރުވެސް އޭނާ އާދޭސް ކުރުމުން އޭނާ އަހަރެންގެ ގޭގައި ބެހެއްޓީމެވެ. މިހާލަތުގައި އޭނާ އަދިވެސް އެއީ އަހަރެންގެ އަންބެއްކަމުގައި ވާނެތޯއެވެ. ނުވަތަ އަހަރުމެން މިތިބީ ވަރިވެފާތޯއެވެ.
އަންހެނުން ގާތުގައި ގެއަށް ދާށޭ ބުނީ ވަރިކުރުމުގެ ނިޔަތުގައި ކަމަށް ވަނީނަމަ ވަރިވާނެއެވެ. ވަރިކުރުމުގެ ނިޔަތުގައި ނޫންކަމަށް ވަނީނަމަ ވަރިއެއް ނުވާނެއެވެ. والله أعلم
އަނބިމީހާގެ އުރަމަތިން އަންނަ ކިރު ފިރިމީހާ ބުއިމަކީ ކޮންކަހަލަކަމެއްބާ؟
އަނބިމީހާގެ އުރަމަތިން އަންނަ ކިރު ފިރިމީހާ ބުއިމަކީ ހުއްދަ ކަމެކެވެ. والله أعلم
ވަރަށް ގިނައިން އަޑުއަހާ ޙަދީޘެއް އޮވޭ. މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިޘާލުކަމަށް އެހެންވީއިރު ފަލަސްޠީނުގެ ރައްޔިތުން އަދި ބައިތުލް މަޤުދިޞް ފުނޑު ފުނޑު ވެގެންދާއިރު ހަނގުރާމަ ވާޖިބު ވާނީ އެންމެ ކައިރީގައި އޮންނަ ޤައުމަށްތޯ؟
ފަލަސްޠީނުގެ ކައިރި ގައުމުތަކުގެ މީހުންނަށް އެތަން ދިފާޢު ނުކުރެވިގެން އެހެން ގައުމުތަކުގެ އެހީ އަށް އެދިއްޖެ ޙާލަތެއްގައި ހުރިހާ މުސްލިމުންގެ މައްޗަށް ޖިހާދު ވާޖިބުވާނެއެވެ. والله أعلم
އިސްލާމްދީނުގެރުކުންތަށް "ތަރުތީބުން" ލިޔެދީބެލަ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
1. ޝަހާދަތުގެ ދެކަލިމަ ކިޔުން
2. ނަމާދު ގާއިމު ކުރުން
3. ޒަކާތް ދިނުން
4. ރަމަޟާން މަހު ރޯދަ ހިފުން
5. ކުޅަދާނަކަން ލިބިގެންވާ މީހާ ކަޢްބަތުﷲ ގެފުޅަށް ގޮސް ޙައްޖުވުން. والله أعلم.
ފުރަގަސް ފަރާތަށް އިގިލި ކޮށްޕައިގެން ބޮޑު ކަމުދިއުމަކީ ކޮންކަހަލަ ކަމެއްތޯ؟
ބޭނުމެއް ނެތް ގޮތުގައި ފުރަގަސް ފަރާތަށް އިނގިލި ކޮއްޕުމަކީ ރަގަޅު ކަމެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި އެކަމުގެ ސަބަބުން ޞިއްޙަތަށް ގެއްލުމެއް ލިބިދާނެ ކަމެއްނަމަ ކޮށްގެން ނުވާނެއެވެ. والله أعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް