ދިގު މުއްދަތުން އަގުއަދާކުރާގޮތަށް އެއްޗެތި ވިއްކާއިރު އަގުބޮޑުކުރުން ހުއްދަވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ދިގު މުއްދަތުން އަގުއަދާކުރާގޮތަށް އެއްޗެތި ވިއްކާއިރު އަގުބޮޑުކުރުން ހުއްދަވާނެތޯ؟

ފުރަތަމަ ކަމަކީ: ފަހުން އަގުދައްކާ ކަމަށްވަނީނަމަ ވަގުތުން ފައިސާ ދީފައި ގަންނަ އަގަށްވުރެ އިތުރު ކުރުމަކީ ހުއްދަ ކަމެކެވެ. އަދި ފައިސާދީފައި ގަންނަ އަގާއި ފަހުން އިންސްޓޯލްމަންޓަށް ދައްކާނަމަ ވިއްކާ އަގާއި ތަފާތުވުން ވެސް ހުއްދައެވެ. 

ނަމަވެސް ވިޔަފާރީގެ މުޢާމަލާތް ނިންމުމުގެ ކުރިން ވިއްކާފަރާތާއި ގަންނަފަރާތާއި ދެމެދުގައި ކޮންމެވެސް އެއްގޮތަކަށް އެއްބަސްވެވެން ޖެހޭނެއެވެ. ވަކިގޮތަކަށް ނުނިމޭ ކަމަށް ވަނީނަމަ އެމުޢާމަލާތެއް ޞައްޙަ އެއް ނުވާނެއެވެ. މާނައަކީ ވިޔަފާރީގެ މުޢާމަލާތް ނިންމުމުގެ ކުރިން ފައިސާ ދައްކާނީ އެއްފަހަރާތޯ ނޫންނަމަ ބަހާލައިގެން އިންސްޓޯލްމަންޓަށްތޯ އަދި އަގަކީ ކޮބައިތޯ މިހުރިހާ ކަމަކާއި މެދުގައި ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވެން ޖެހޭނެއެވެ. ނޫންނަމަ މިމުޢާމަލާތަކީ ހުއްދަ މުޢާމަލާތަކަށް ނުވާނެއެވެ. 

ދެވަނަ ކަމަކީ: މުދާ ގަންފަރާތުން ފައިސާ ދެއްކުމުގައި ލަސްވިޔަސްވެސް އޭނާ އަތުން އޭގެ ބަދަލުގައި އެއްވެސް ފައިސާ އެއް ނެގިގެން ނުވާނެއެވެ. ސަބަބަކީ އިތުރަށް ނެގޭ އެއްޗަކީ ރިބާކަމަށްވާތީވެއެވެ. 

ތިންވަނަ ކަމަކީ: މުދާ ގަން ފަރާތުން އެއްވެސް ސަބަބަކާ ނުލާ ފައިސާ ދެއްކުން ލަސްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއްބަސްވުމުގައިވާ ގޮތަށް ގަވާޢިދުން ފައިސާ ދައްކަން ޖެހޭނެއެވެ. 

ހަތަރުވަނަ ކަމަކީ: ގަވާޢިދުން ފައިސާ ދައްކަމުން ނުދާ ކަމަށް ވަނީނަމަ ފައިސާ ދެއްކުމަށް ދެވިފައިވާ މުއްދަތު ކުރުކޮށްލެވިދާނެކަމަށް ދެފަރާތުން އެއްބަސްވުމަކީ ހުއްދަ ކަމެކެވެ. 

ފަސްވަނަ ކަމަކީ: އިންސްޓޯލްމަންޓަށް ވިއްކި ކަމުގައިވީނަމަވެސް، މުދަލުގެ ވެރިފަރާތުގެ ގޮތުގައި ވިއްކާ ފަރާތް އޮތުމަކީ ހުއްދަ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ވިއްކާފަރާތުގެ ޙައްގު ދިފާޢު ކުރުމުގެ ގޮތުން އޭނާގެ އަތުގައި އެމުދާ ރަހުނު ކޮށްފައި ބޭއްވިދާނެއެވެ. (މަޖްމަޢުލް ފިގްހިލް އިސްލާމީ، ޞަފްޙާ 109).

ހަވަނަ ކަމަކީ: ބޮޑު ކަމެއް މެދުވެރިވެގެން ނޫން ގޮތަކުން، ގަވާޢިދުން ފައިސާ ނުދައްކާކަމަށް ވަނީނަމަ ބާކީ ހުރި ދުވަސްތަކުގެ ފައިސާ ދެއްކުމުގެ ބަދަލުގައި މުދާ ވިއްކި ފަރާތަށް ނެގިދާނެ ކަމުގައި ދެފަރާތުން އެއްބަސްވެ ސޮއި ކުރުމަކީ ހުއްދަ ކަމެކެވެ. 

ހަތްވަނަ ކަމަކީ: ބޮޑު ކަމެއްގެ ގޮތުގައި މާނަ ކުރެވޭނީ ގަންނަ ފަރާތުގެ މިލްކިއްޔާތުގައި އޭނާގެ ޟަރޫރީ ޙާޖަތްތައް ފުއްދުމަށް ފަހުގައި ދަރަނި ދައްކާނެ ފައިސާ އެއް ނުވަތަ މުދަލެއް ނެތުމެވެ. والله أعلم. 

އިތުރު ބައެއް ސުވާލާ ޖަވާބު: 

މައިންބަފައިންނަށް ތަނަވަސްކަން ލިބިފައި ނުވާތީ ނަންކީއިރު ސުންނަތުން ސާބިތުވާ ކަތިލުމެއް ވަނީ ކަތިނުލެވިއެވެ. އަޅުގަނޑުގެ ސުވާލަކީ ދަރިންނަށް ތަނަވަސްކަން ލިބުމުން އެކަންކުރަން ޖެހޭނެތޯ؟ 

މައިންބަފައިންގެ ތަނަވަސްކަން ހުރިގޮތުން ނުވަތަ މަޢްލޫމާތު ނެތުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާ ހުރެ ކުއްޖާގެ މަތިން ކަތިލަން ޖެހޭ ޢަގީގާ ކަތިނުލާ އޮތްނަމަ ކުއްޖަ ބޮޑުވެގެން އަމިއްލަ އަށް ނަމަވެސް ކަތިލަން ޖެހޭނެއެވެ.

والله أعلم. 

އަހަރުމެން މުސްލިމުންނަށް ފައްޅިތަކާއި ޗާރޗްތަކަށް އަޅުކަން ކުރުންފިޔަވައި އެހެން ކަންކަމުގައި ދެވިދާނެތޯ؟ 

ޣައިރު މުސްލިމުން އަޅުކަން ކުރާ ތަންތަނަށް ގޮސް ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.والله أعلم. 

ތުނބުޅި ދިގުކޮށްގެން ފައިކުރި ކުރުކޮށް ބަހަށްޓައިގެން މީހުންނަށް ނަސޭހަތްދެމުން ދާމީހުން މީހުންގެ ބޮލުކަށި ހެފުމުގެ ހުކުމަކީ ކޮބާ؟:

ތުނބުޅި ހުއްޓަސް އަދި ނެތަސްވެސް މީހުންގެ ވާހަކަ ދެއްކުމަކީ ހުއްދަ ކަމެއް ނޫނެވެ.والله أعلم. 

މާބަނޑުމީހުން ރޭގަނޑ ުހޫނުވެގެން ފެންވެރުމަކީ ކޮންކަހަލަކަމެއް؟ 

ކުޑަކުދިންގެ ފައިގެ ނިޔަފަތިކެނޑުމަކީ ކޮންކަހަލަކަމެއް؟

މާބަނޑު މީހުން ރޭގަނޑު ފެންވެރުމަކީ ދީނީ ގޮތުން މަނާ ކަމެއް ނޫނެވެ. އަދި ކުޑަކުދިންގެ ނިޔަފަތި ކެނޑުމަކީ އެންމެ ރަގަޅު ކަމެކެވެ. والله أعلم. 

ޞަދަޤާތް ދޭންޖެހެނީ ވަކި އުމުރެއްގެ ކުދިންނަށްތޯ؟ ފައިސާގެ ތަނަވަސްކަން ލިބިފައިވާ މީހުންގެ ކުދިންނަށް ދިނުން ރަގަޅުވާނެތޯ؟ 

ޞަދަގާތް ދޭން ޖެހޭނީ އެކަމަށް ބޭނުން ޖެހިފައިވާ މީހުންނަށެވެ. ފައިސާގެ ތަނަވަސްކަން ލިބިފައިވާ މީހުންނާއި އެމީހުންގެ ކުދިންނަކީ ޞަދަގާތަށް ބޭނުން ޖެހިފައިވާ ބައެއް ނޫނެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން