ލިޔުމުގައިވާ ފޮޓޯއިން ފެންނަ ދެމަފިރިން މިއަދު އެތިބީ ވަރަށް މުސްކުޅިވެފައެވެ. ނަމަވެސް އެކުގައި ސުވަރުގެ ވަދެވުމުން ތިބޭނީ އެންމެ ޒުވާންކަންމަތީގައެވެ. މުސްކުޅިވުމެއް ނެތެވެ. ދާނީ ދުވަހެއް ދުވަހަކަށް ޒުވާންވަމުންނެވެ. ހިތުގައި އަނެކާގެ މައްޗަށް ލޯބިވެސް އިތުރުވަމުންނެވެ. ދުނިޔޭގައިވާ ލޯބީގެ ހަޤީޤީ ބޭނުމަކަށްވާންޖެހޭނީ އެކަމެއް ނޫންހެއްޔެވެ؟
ޙަޤީޤީ ލޯބީގެ އަމާޒަކަށް ވާންޖެހޭނީ އެކަންކަން ނަމަވެސް ޢުމުރުން ދުވަސްވާއިރު އެކުގައި ލޯބިން ދިރިއުޅެވެނީ ވަރަށް މަދު ދެމަފިރިއަކަށެވެ. އެކުގައި ދިރިއުޅެވުނަސް އެކުގައި ދަމުނަމާދާއި އެހެނިހެން އަޅުކަންކޮށް އުޅެވެނީވެސް ވަރަށް މަދު ދެމަފިރިއަކަށެވެ. އެއިގެ މާނައަކީ ދެމީހުން އެކުގައި ސުވަރުގެދާން މަސައްކަތްކުރެވެނީ ވަރަށް މަދުބައަކަށް ކަމެވެ.
މިއީ އަޅުގަނޑުމެން ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ. ލޯބިން އެކުގައި ދިރިއުޅެ އަދި ރޭއަޅުކަންކޮށް އުޅެވޭނީ ޒުވާން ޢުމުރުގައިވެސް އެކަންކުރަން ފަށައިގެންނެވެ. ނަމަވެސް ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އެއީ ޢުމުރުން ދުވަސްވެ މުސްކުޅިވުމުން ކުރަން އޮންނަ ކަމެއް ކަމަށެވެ.
ގިނަ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެކުގައި ރޭއަޅުކަންކޮށް، އަނެކާ އަޅުކަންކުރަން ވާގިވެރިވާނަމަ އެދެމީހެއްގެ މެދުގައި މައްސަލަތައް ޖެހުން މަދުވާނެއެވެ. މައްސަލައެއް ޖެހުނަސް ޒުވާބަކާއި ހަމައަކަށް ނުދާނެއެވެ. ސަބަބަކީ ދެމީހުންވެސް ﷲ ތަޢާލާއަށް ބިރުވެތިވާނެތީއެވެ. ދެމީހުންގެވެސް އަމާޒަކީ އެކުގައި ސުވަރުގެ ދިއުން ކަމުގައި ހަދައިފިނަމަ ދެމީހުންނަށްވެސް ދެއްވަޥާ އުފާވެރިކަން ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ
ކޮންމެއަކަސް ކޮންމެ ދެމަފިރިއަކުވެސް އެންމެ ބޮޑަށް މަސައްކަތްކުރަންވީ އެކުގައި ސުވަރުގެ ދިއުމަށެވެ. ދުނިޔޭގެ ޙަޔާތަކީ ދާދި މަދު ދުވަސްކޮޅެކެވެ. ސުވަރުގޭގެ ޙަޔާތަކީ ނިމުމެއް ނެތް ދާއިމީ ޙަޔާތެކެވެ.
ލިޔުމުގެ މައި ފޮޓޯއަކަށް އެވަނީ މީގެ 3،4 އަހަރުކުރިން ޢާންމުވެ ވަރަށް ފޯރީގައި ދައުރުކުރި ފޮޓޯއެކެވެ. މިއަދުނޫހުގައި އެދުވަސްވަރުވެސް އެފޮޓޯ އާއި ގުޅިގެން ވާނީ ލިޔެވިފައެވެ. މިއަދުވެސް ފާހަގަކޮށްލަން މިޖެހޭ ސަބަބަކީ އެކަމުގެ މުހިންމުކަން ބޮޑުކަމުން މިއަދުވެސް ދީނީ ސައިޓްތަކުން ހަމައެފޮޓޯ އާއި އެފަދަ އެހެން ފޮޓޯތައްވެސް ދައުރުކުރަމުން ގެންދާތީއެވެ.
And one of His signs is that He created for you spouses from among yourselves so that you may find comfort in them. And He has placed between you compassion and mercy. Surely in this are signs for people who reflect.#Quran 30:21 pic.twitter.com/u4bC74rulE
— • (@Alhamdhulillaah) June 4, 2023