ދެން އެހެން ގޮތެއް ނެތުމުން ބައިވެރިޔާގެމަތިން ހަނދާންކޮށް އަގުވަޒަންކުރާ މީހުންނަށް ލިބޭނީ ބޭނުންވާ އުފާވެރިކަމުގެ ބައިކުޅަބައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދެން އެހެން ގޮތެއް ނެތުމުން ބައިވެރިޔާގެމަތިން ހަނދާންކޮށް އަގުވަޒަންކުރާ މީހުންނަށް ލިބޭނީ ބޭނުންވާ އުފާވެރިކަމުގެ ބައިކުޅަބައެއް!

މިއަދުގެ ގިނަ މީހުންނަކީ އެމީހުންނަށް ނިޢްމަތެއް ދެއްވެވުމުން ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިލާ ބައެކެވެ. މިސާލަކަށް ހަޔާތުގެ ބައިވެރިއަކު ދެއްވެވުމުން ކައިވެނީގެ ޙަފްލާ ބާއްވާއިއރު، އަދި އެނޫންވެސ މުނާސަބާތައް ފާހަގަކުރާއިރު ﷲ ތަޢާލާގެ މަތިން ހަނދާނެއް ވެސް ނުހުރެއެވެ. 

އަދި ކީއްހެއްޔެވެ؟ ޢީދެއް އަތުވެއްޖެނަމަ ހަނދާނެއް ނުހުރެއެވެ. އެންމެ ކުޑަމިނުން ދަރިއަކު ދެއްވެވުމުން ޝުކުރުކޮށްލަންވެސް ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެކަމުން އެނގެނީ އެމީހުންގެ ކިބައިގައި ތަޤްވާވެރިކަން ކުޑަވެފައިވާ މިންވަރެވެ. 

ގިނަ ބައަކަށް މިއަދު އަނބިމީހާގެ އޯގާތެރިކަން ހަނދާންވަނީ ވެސް ގެއިން ބޭރަށް ނުނުކުމެވި ގޭގައި އޮންނަންޖެހި އަނބިމީހާގެ އެހީތެރިކަމަށް އެދެން ޖެހުމުންނެވެ. ހަމަ އެގޮތަށް ބައެއް އަނބިންނަށް މިހާރަކަށް އައިސް ފިރިމީހާގެ އޯގާތެރިކަން އެނގެނީ ވަރުގަދަ ލަގާއެއް އެހެން ފިރިހެނެއްގެ ކިބައިން ލިބުމުންނެވެ. 

ތިމާއަށް ގޮތް ހުސްވުމުން ބައިވެރިޔާގެމަތިން ހަނދާންކޮށް އަގުވަޒަންކުރާ މީހުންނަށް ލިބޭނީ ބޭނުންވާ އުފާވެރިކަމުގެ ބައިކުޅަބައެކެވެ. އެޙާލަތުގައި އެކަމަސް ކުރާ ޝަކުވާއިން ލިބޭނީ ކޮން ޙައްލެއްހެއްޔެވެ؟ ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ މިހާރު ކަންތައްތައްވަމުން އަންނަ ގޮތެވެ. ގިނަ ބައަކު ކުރަމުން ގެންދާ ތަޖުރިބާއެވެ. 

ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާ ނިޢްމަތްތައް އަނބުރައި ގެންދަވަނީ އެމީހަކު އެ ނިޢްމަތަށް ޝުކުރުވެރިނުވުމުންނެވެ ނުވަތަ އިމްތިޙާންކުރެއްވެވުމަށެވެ. ވީމާ ރަނގަޅު ޞިއްހަތެއްގައި ލެހެއްޓެވުމުން ﷲ ތާޢާލާގެ މަތިން ހަނދުމަކޮށް ޝުކުރު ނުކުރާނަމަ، އަޅުކަން ނުކުރާނަމަ، އެ ނިޢްމަތް އަނބުރައި ގެންދަވާނެތެވެ. 

އެހާލަތުގައި ބުނަން ޖެހޭނީ އެއީ އަހަރެމެން އަމިއްލައަށް ލިބިގަތް ހާލަތެއް ކަމަށެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އަޅުކަން ކުރަން ހަނދާންވަނީ ބޮޑު ބައްޔެއް ޖެހުމުންނެވެ. ނުވަތަ ބޮޑު މުޞީބާތެއް ޖެހުމުންނެވެ. ޞަދަޤާތްކުރަން ހަނދާންވަނީ ފަޤީރުވުމުންނެވެ. ތަނަވަސްކަމުގައި ހުންނައިރު ޞަދަޤާތްކުރުން މަތިން ހަނދާނެއް ނުހުރެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން