ކީރިތި ޤުރްއާނަކީ ފުންމިނުގައި އިމެއް ނެތް ކަނޑެއް ފަދަ އެއްޗެކެވެ. އެފަދަ ކަނޑަކަށް ކިތަންމެ ވަރަކަށް ފީނައި އަޑިއަށްދާން އުޅުނަސް އެކަމެއް ނުވާނެއެވެ. އެންމެ އަޑިއަކަށް ނުދެވޭނެއެވެ. ކީރިތި ޤުރްއާން ދަސްކޮށް ޢިބްރަތް ޙާޞިލްކުރުމަކީވެސް ހަމަ މިފަދަ ކަމެކެވެ. ދަސްކުރަން މަސައްކަތްކުރި ވަރަކަށް ދާނީ އިތުރު ކަންކަން އެނގި ވިސްނެމުންނެވެ.
ކީރިތި ޤުރްއާނުގައިވާ ކޮންމެ އާޔަތަކީވެސް މުހިންމު އަޔަތެކެވެ. ހަމައެއާއިއެކު ބައެއް އާޔަތްތަކުގެ މުހިންމުކަން އިތުރަށް ބޮޑުވެގެންދެއެވެ/ އެގޮތުނަ ބަލައިފިނަމަ އައްޒުމަރި ސޫރަތުގެ 53 ވަނަ އާޔަތަކީ އަހަރެން ދެކޭގޮތުގައި މީސްތްކުންނަށް އޮތް އެންމެ އުންމީދީ އާޔަތެވެ.
قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސްތަކުގެ މައްޗަށް ފާފައިން އިސްރާފްކޮށްފައިވާ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދުކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
މިއާޔަތުގެ މާނައަށް ބަލައިލުމުން އެނގިގެންދަނީ މީސްތަކުންނަށް ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. އެކަލާނގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވެ ފާފަތަކުން ތަތްތެޅިފައިވާ މީސްތަކުންނަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ތިމަން ﷲ އަށް އަޅުކަންކުރާ މީސްތަކުންގެ ގޮތުގައެވެ. "ޔާ ޢިބާދީ" އެވެ ވަޙީކުރައްވަވާފައި އޮތުމުންނެވެ. އެހެން ނޫންނަމަ ވަޙީ ކުރެއްވެވީ ތިމަން ﷲ ގެ ޢަދާވާތްތެރިން ކަމުގައެވެ.
ވީމާ މިއީ ކިތަންމެ ގިނައިން ފާފަކުރެވިފައިވީނަމަވެސް ތައުބާވުމަށް އަވަސްވެގަތުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ދައުވަތެކެވެ. ތައުބާވެއްޖެނަމަ އެމީހަކު ބާކީ ނުކުރައްވަވާނެކަމާއި ނިކަމެތި ނުކުރައްވަވާނެކަމަށް އަދި އެމީހަކަށް ﷲ ތަޢާލާ ފާފަފުއްފުއްސަވައި ރަޙްމަތް ލައްވަވާނެކަމަށް ދެއްވަވާފައިވާ ޔަޤީންކަމެކެވެ. ފުރުޞަތުގެ ބޭނުން ހިފަން އަވަސްވެގަންނާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން