ކައިވެންޏަކީވެސް ދެއްވަވާ ނިޢްމަތެކެވެ! ތިމާގެ ކުށެއްނެތި ރޫޅިއްޖެނަމަ ދެން ދެއްވަވާ ނިޢްމަތް މާފުރިހަމަވެފަ މާއުފާވެރިވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ކައިވެންޏަކީވެސް ދެއްވަވާ ނިޢްމަތެކެވެ! ތިމާގެ ކުށެއްނެތި ރޫޅިއްޖެނަމަ ދެން ދެއްވަވާ ނިޢްމަތް މާފުރިހަމަވެފަ މާއުފާވެރިވާނެއެވެ!

ތިމާގެ ކުށެއް ނެތި ކައިވެނި ރޫޅިއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ވިސްނަންވީ އިންސާނާއަށް ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢްމަތަކީ އެމީހަކާއިއެކުގައި ދާއިމަށް ދެމިއޮންނާނެ ނިޢްމަތެއް ނޫންކަމެވެ. ބައެއް ނިޢްމަތްތައް ގިނަ ދުވަސްތަކަކަށް ތިބާ އާއިއެކުގައި ދެމިހުރެދާނެއެވެ. އަނެއްބައި ނިޢްމަތްތައް ދާދި އަވަހަށް ތިބާ އާއި ވަކިވެގެންވެސް ހިނގައިދާނެއެވެ. މި ދެ ޙާލަތުވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ.

ކޮންމެ ނިޢްމަތެއްވެސް ތިބާއާއިއެކު ދެމިއޮންނާނެ މުއްދަތު ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެކަމުގެ މައްޗަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގޭނެއެވެ. ތަނަވަސްކަންވެސް މަތީ ދަރަޖައާއި މަޤާމުތައްވެސް އަދި ޢާދައިގެ ވަޒީފާވެސް ގެއްލި ނިކަމެތިވެގެން އެބަދެއެވެ. އަދި އެނޫން ނިޢްމަތްތައްވެސް ގެއްލެން މެދުވެރިވެއެވެ.

ޒަވާޖީ ޙަޔާތަކީވެސް ހަމައެފަދަ ކަމެކެވެ. ގިނަ ކައިވެނިތައް ކުރެވޭނީ އެތައްބައިވަރު ވައުދުތަކަކާއިއެކުގައެވެ. ވަރަށް ބޮޑަށް ލޯބިވާކަމުގެ ވައުދުތަކެވެ. ދެމަފިރިންކުރެ އެކަކު މަރުވަންދެން އެކުގައި ދިރިއުޅޭނެކަމުގެ ވައުދުތަކެވެ.

ވައުދުވަމުންގޮސް އެކަކު މަރުވިނަމަވެސް އަނެކާ އިތުރު ކައިވެންޏެއް ނުކުރާނެކަމަށްވެސް އެބަ ވައުދުވެއެވެ. ޙަޤީޤަތުގައި މިފަދަ ވައުދުތައްވުމަކީ ބޭނުމެއް އޮތްކަމެއްވެސް ނޫނެވެ. އެހެނީ ޙާލަތުނިޔާކުރާގޮތުން އިތުރު ކައިވެންޏެއް ނުކޮށް އެކަނި ދިރިއުޅުމަކީ ގިނަފަހަރު އެހައިފަސޭހަކަމެއް ނޫނެވެ. ވީމާ ތިމާގެ އަމިއްލަ ބާރެއް ނުހިނގައިފާނެކަމުގެ ފުރުޞަތު އޮންނަކަމުގައި ވައުދުވުމަކީ ކުރަން ރަނގަޅުކަމެއް ނޫނެވެ.

ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ކިތަންމެ ގިނަ ވައުދުތަކާއިއެކު ކައިވެނިކުރިނަމަވެސް ވަކި ހިސާބަކުން ކައިވެނި ރޫޅެން އެބަދިމާވެއެވެ. ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެގެންނެވެ. މިފަދަ ކޮންމެ ޙާލަތެއް މެދުވެރިވިނަމަވެސް މާޔޫސްނުވާށެވެ. އެއްވެސް ނިޢްމަތަކީ ދާއިމަށް ތިމާއާއިއެކުގައި ދެމިއޮންނާނެ ކަމެއްކަމަށް ނުދެކޭށެވެ. ތަނަވަސްކަމާއި މަތީ މަޤާމާއި އަދި އެނޫން ކަންކަމަކީ ވެސް އެކަމުގެ ވަގުތު ޖެހުމުން ތިމާ ޢާއި ވަކިވާނެ ކަންކަމެވެ. ހަމައެފަދައިން ކައިވެނިވެސް އެކަމުގެ ވަގުތުޖެހުމުން ކޮންމެވެސް ކަމެއް މެދުވެރިވެގެން ރޫޅޭނެއެވެ.

އެކަން އަބަދުވެސް ޤަބޫލުކޮށްގެންތިބޭށެވެ. ނަޞޭހަތަކީ އެއްވެސް ނިޢްމަތެއް ތިމާއާއި ވަކިވެއްޖެނަމަ ފިކުރުބޮޑުކޮށް ނަފްސާނީ ބައްޔެއްގެ ތެރެއަށް ވެއްޓިނުގަތުމެވެ. ދެއްވެވި ނިޢްމަތް އަނބުރައި ގެންދެވީ އެއަސްވުރެ ފުރިހަމަ ނިޢްމަތެއް މިންވަރުކުރައްވަވަންކަން އަބަދުވެސް ޔަޤީންކޮށްގެން ތިބޭށެވެ. ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ވަކީލުކުރުމަކީ އެއީއެވެ. ވަކީލްކުރާ އަޅުންނަށް ހެޔޮ ގޮތްތައް އަބަދުވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން