ހެޔޮލަފާ ރަނގަޅު އަނބިން އެންމެ ބޮޑަށް ބޭނުންވަނީ ވަރަށް ކުޑަކުޑަ ކަމަކަށެވެ! މައްސަލަ ޖެހެނީ އެކަން ގިނަ ފިރިންނަށް ނޭނގޭތީއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ހެޔޮލަފާ ރަނގަޅު އަނބިން އެންމެ ބޮޑަށް ބޭނުންވަނީ ވަރަށް ކުޑަކުޑަ ކަމަކަށެވެ! މައްސަލަ ޖެހެނީ އެކަން ގިނަ ފިރިންނަށް ނޭނގޭތީއެވެ!

ކައިވެނިކުރުމަށްފަހު ދެމަފިރިންވެސް އަނެކާގެ ކިބައިން ކަންތައްތަކަށް ބޭނުންވާނެއެވެ. އެއިގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ އެކަންކަން ކުރަން މާބޮޑު ޚަރަދެއްކުރަން އަދި ތަކްލީފްތަކެއް އުފުލަން ޖެހޭ ކަންކަމެއްވެސް ނޫނެވެ. މިބަލައިލަނީ ފިރިން ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. 

އަނބިންގެ ކިބައިން އަޅައިލުމާއި ލޯބި އެންމެ ފުރިހަމަ ގޮތުގައި ބޭނުން ނުވާ އެއްވެސް ފިރިއަކު ނުހުންނާނެއެވެ. ވީމާ އެކަން އަބަދުވެސް ލިބިލިބި ހުންނަން ޖެހޭނެ ގޮތަށް ކަންކަން ކުރަން އެބަޖެހެއެވެ. ނޫންނަމަ ދެމަފިރިންގެ ގުޅުމާއި ލޯބި ދެމި ނުއޮންނާނެއެވެ. 

ކޮންމެ ކަމެއްގައިވެސް އެކި މީހުންނަށް ވިސްނޭނީ އެކި ގޮތަށެވެ. ކޮންމެ ދެމީހެއްގެވެސް ވިސްނުން ތަފާތުވާނެތީއެވެ. އަހަރެންނަށް ވިސްނޭ ގޮތުން ކޮންމެ އަންތބަކުވެސް އެންމެ ބޮޑަށް ބޭނުންވާ އެއްކަމެއް އެބަ އޮވެއެވެ. ކޮންމެ އަންތބަކު ތަނަވަސްކަން އެންމެ ބޮޑަށް ބޭނުމެއް ނުވެއެވެ. ފުދިލައިގެން ދިރިއުޅެވޭނަމަ އުފަލުގައި ތިބޭ އަނބިން ބައިވަރެވެ. ނަމަވެސް ކޮންމެ އަންތބަކުވެސް ބޭނުންވާ އެއްކަންތައް އެބައޮތެވެ. 

އެކަމަކީ ކޮންމެ ޙާލެއްގައި ދިރިއުޅުނު ނަމަވެސް ހުރިހާ ކަމެއްގައިވެސް ފިރިމީހާގެ "ނަމްބަރު 1" އަކީ އޭނާކަން އަބަދުވެސް ޔަޤީންކުރެވިފައޮތުމެވެ. މާނައަކީ ފިރިމީހާ އެންމެ ބޮޑަށް ސަމާލުކަން ދެނީ އޭނާއަށްކަން އަނބިމީހާއަށް އަބަދުވެސް ޔަޤީންކުރެވިފައި އޮތުމެވެ. އަނބިންގެ ކުރިމަތީގައި ހުރިހާ ކަމަކަށްވުރެ އެކަން މާމުހިންމެވެ. 

ވީމާ އަނބިންގެ ކިބައިން ލޯތްބާއި އުފާވެރިކަން ލިބިގެން ދިރިއުޅެން ބޭނުންވާ މީހާ އަބަދުވެސް އެކަމަށް ފަރުވާތެރިވާށެވެ! އަނބިމީހާދެކެ ލޯބިވާކަން ގިނަގިނައިން ހާމަކުރާށެވެ! އެއާއިއެކު ޢަމަލުންވެސް އެކަން ސާބިތުކޮށްދޭށެވެ! ޢަމަލުން އެކަން ސާބިތުކޮށްދޭން ކުރަން އޮތް ކަމަކީ އަނބިމީހާ ކަމަކު ބުނުމުން ފަރުވާކުޑަނުކޮށް ވީހައި އަވަހަކަށް އެކަމެއް ކޮށްދިނުމެވެ. ތަކުރާރުކޮށް އެދެން ނުޖެއްސުމެވެ! ހަމައެއާއިއެކު ގޭތެރޭގައި ހުންނަ އަނބިމީހާއަށް އެކަމަކުން އުނދަގޫވާކަންކަން ވީހައި އަވަހަށް ޙައްލުކުރުމެވެ. 

ވަރަށް ކުޑަކުޑަ މިސާލަކަށް ބުނެލާނަމެވެ. ސިންކުގެ ގުލީން ލީކްވެ ބަދިގެ ތެރޭގައި ފެންބޮޑުވާތާ ގިނަދުވަސްވާނަމަ އެއޮތީ އަނބިމީހާއަށް ސަމާލުކަން ނުދެވިފައެވެ. ވަގުތުން އެކަން ރަނގަޅުކޮށްދީފިނަމަ އަނބިމީހާގެ ކިބައިން 100 މާކްސް ލިބިގެންދާނެއެވެ. މިފަދަ އެތައް ކަމަކުން މިސާލުތައް ދެއްކިދާނެއެވެ. މިވަރުންވެސް ފުދޭނެކަމަށް ހީކުރަމެވެ. 

ވީމާ އަނބިމީހާގެ ކިބައިން ލޯތްބާއި އަޅައިލުން އަދި އުފާވެރިކަން އެދޭ މީހާ މިބުނި ކަންކަމަށް ސަމާލުކަންދޭށެވެ. އުފާވެރި ޙަޔާތެއް ލިބިގެންދާނެއެވެ! އިން ޝާ ﷲ 

- ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން