ހުސްވަޤުތެއް ލިބިއްޖެނަމަ ސޯޝަލް މީޑިއާގައި، ނުވަތަ ގޭމް ކުޅުމުގައި ، ނޫންނަމަ އެނޫންވެސް ބޭކާރު ކަންކަމުގައި ވަޤުތުތައް ބޭކާރުކުރަން ހަދައިގެން އާޚިރަތާއިމެދު ވިސްނައިލެވުން މިއަދު މިވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމާއި މަރުވުމުން ދެން ކުރިމަތިލާންޖެހޭނެ ކަންކަމާއިމެދު ވިސްނައެިލެވުން މިދަނީ ވަރަށް ބޮޑަށް ނެތެމުންނެވެ. މާނައަކީ އެކަންކަމަށް ވިސްނާ މީހުން މަދުވަމުން އަންނަ ވާހަކައެވެ.
ތަނެއްގައި ހަމެޖިހަލައިގެން އިނދެ ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ނިކަން އެއް ފަހަރު ނަމަވެސް ކިޔައިލަބަލާށެވެ!
ނުބައި ޖައްބާރެއްގެ ގާތަށް މަރު އަންނަހިނދު ނުވަތަ އެފަދަ މީހަކު މަރުވާވަގުތު މެދުވެރިވާ ކަންކަން ހާދަބިރުވެރިއެވެ.
• އޭނާގެ ފުރާނައާއި ޙަވާލުވެވަޑައި ގަތުމަށްޓަކައި، ފައިބައި ވަޑައިގަންނަވާނީ ކަޅު އަނދިރި މޫނުތަކެއްގެ ވެރި މަލާއިކަތުންތަކެވެ.
• އެބޭކަލުން އެނުބައި ފުރާނައަށްޓަކައި ގެންނަވާނީ ވޭނާއި އަނިޔާ ލިބޭފަދަ ކަފުނެކެވެ. ނަރަކައިގެ ފޭރާމެވެ.
• މަލަކުލް މައުތުގެފާނު އެނުބައި ފުރާނައާއި މުޚާތަބުކޮށް ވިދާޅުވާނެތެވެ.
"އޭނުބައިވެގެންވާ ނަފްސެވެ. ތިބާ ﷲގެ ކޯފާގެ ތެރެއަށްނިކުމެގެން އަންނާށެވެ"
• އޭނާގެ ފުރާނަ އޭނާގެހަށިގަނޑާއި ވަކިވެގެންދާނީ ކަށި ހުރި އޮފިގަނޑެއް ކަފަގަނޑެއްގެ ތެރެއަށްލާފައި ދަމައިގަތުމުން އަންނަފަދައިން ވޭންހުރި ގޮތެއްގައެވެ.
• އެނުބައި ފުރާނައާއިގެން މަލާއިކަތުން ދުނިޔޭގެ އުޑާއި ހަމައަށް ވަޑައިގަތުމުން ދުނިޔޭގެ އުޑުގެ ދޮރުކޮޅު އޭނާއަށްޓަކައި ހުޅުވައި ނުލެވޭނެއެވެ.
• އެނުބައި ފުރާނައާއި ބެހޭގޮތުން މަލާއިކަތުން ސުވާލުކުރެއްވުމުން އޭނާއަށް ދުނިޔެމަތީގައި ކިޔައިއުޅުނު އެންމެނުބައި ނަމުން އެބޭކަލުން އޭނާގެ ތަޢުރީފް ބަޔާން ކުރައްވާނެއެވެ.
• އެހިނދު ﷲ ތަޢާލާ ވަޙީކުރައްވާނެ، " އޭނާގެ ޢަމަލުތަކުގެ ފަތް ބިމުގެ އެންމެ އަޑީގައިވާ ނުބައި އަޅުތަކުންގެ ނަންތައް ލިޔުއްވޭ ސިއްޖީންއޭ ކިޔުނު ފޮތުގައި ލިޔުއްވާށެވެ."
• ކަށްވަޅުގެ ސުވާލުތަކަށް ޖަވާބު ނުދެވުމުން އޭނާގެ މޫނުމަތީގައި މަރުތެއްޔަކުން ވަރުގަދަ އެތިފަހަރެއް ޖަހާލެވޭނެއެވެ.
• އެހިނދު އޭނާ ލަވާ ވޭނީ ހަޅޭކުގެ އަޑު އިންސާނުންނާއި ޖިންނީން ފިޔަވައި ހުރިހާ މަޚްލޫޤަކަށް އަޑުއިވޭނެއެވެ.
• އޭނާއަށްޓަކައި އަލިފާނުންވާ ތަންމައްޗެއް ތައްޔާރު ކުރެވޭނެއެވެ.
• ނަރަކައިން ދޮރެއް ހުޅުވައިލެވި ޖަހަންނަމައިގެ އަލިފާނުގެ ހޫނާއި އެތަނުގެ ނުބައިވަސް އޭނާއަށް ލިބި ހުންނާނެއެވެ.
• އޭނާގެ މޭމަތީގެ ކަށިތައް އެއްކަށިގަނޑު އަނެއްކަށީގެ ތެރެއަށް މަހާލެވިގެންދާ މިންވަރަށް ކަށްވަޅު ފިއްތާލެވޭނެއެވެ.
--ޝައިޚް އަޙްމަދު ރިމާޒް