އަޅުގަނޑު އެކަމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ފަރުޟު 5 ނަމާދުކުރާ މީހަކަށް ބަދަލުވެއްޖައިމެވެ. އެކަމަކު އަދިވެސް މިއުޅެނީ ޝައިޠޯނާގެ ކިބައިން ސަލާމަތް ނުވެވިގެންނެވެ. ނަމާދަށް ދާންއުޅޭއިރަށް ކޮންމެވެސް ހުރަސްތަކެއް އަޅައެވެ. ކޮންމެހެން ނަގަން ޖެހޭނެ މީހުން ލައްވައި ފޯނުވެސް ކުރުވަނީއެވެ. މިޙާލަތުގައި ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"
ފުރަތަމަ ކަމަކަށް ތިއަހައި ޒުވާން ޢުމުރުގައި ތިއަ ފަދަ ޖިހާދެއް ފެށިކަމަށްޓަކައި ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ކާމިޔާބީއަށް އެދި ހެޔޮ ދުޢާ ކުރަމެވެ. ދެން ފުރަތަމަ ކަމަކަށް ނަމާދު ވަގުތު ޖެހުމުގެ 30 މިނިޓް ކުރިން ފޯނު ނިއްވާލާށެވެ. 15 މިނިޓުން ނިއްވީމާ މާ ލަސްވާނެއެވެ. އެއީ ނިއްވަން އުޅެނިކޮށް އަންނަ ކޯލު ނިމުން ލަސްވެއްޖެނަމަ ވުޟޫކޮށްގެން ޖަމާޢަތަށް ނުދެވިދާނެތީއެވެ. ވަރަށް ޚާއްޞަކަމެއް ދިމާވެގެން ނޫނީ ދެނަމާދުދޭތެރޭގައި ފޯނުގެ ބޭނުން އެއްގޮތަކަށްވެސް ނުކުރާށެވެ. ދެން ހުރިހާ އެކުވެރިންނަށާއި ތިމާގެ އެންމެންނަށް އެކަން އެގޮތަށް އަންގާފައި ބާއްވާށެވެ. އެއިރުން އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ.
ތިރީގައިވާ ލިޔުންވެސް ކިޔައިލާށެވެ! އެފަދަ ދުޢާއެއްވެސް ކުރާށެވެ!
ﷲ ތަޢާލާ އާއި ކުއްތަންވާން މީހަކު މަސައްކަތްފަށައިފިނަމަ ޝައިޠޯނާ އެކި ގޮތްގޮތުން އެކަމަށް ހުރަސްއަޅައެވެ. މީހާ ހުއްޓުމަކަށް ގެނުވައި ފަހަތަށް ޖައްސުވަން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރެއެވެ. ވީމާ އެކަމުން ސަލާމަތްކަން ދެއްވެވުން އެދި އޮތީ ގަދައަޅައި މަސައްކަތްކުރުމާއި ދުޢާކުރުމެވެ.
މިއީ އެގޮތުން ކުރެވިދާނެ ދުޢާއެކެވެ.
ޔާ ﷲ! އިނބަ ﷲ ގެ މަގުގައި މިއަޅާ ކުރިއަށްދާން މަސައްކަތްކުރާއިރުވެސް މަގަށް ހުރަސްއެޅި ހުއްޓުން އެބަ އަރައެއްވެ. އިނބަ ﷲ ގެ މަގުން ކުރިއަށްދާން މިއަޅާ ކުރާ މަސައްކަތްތަކަށް އެޅޭ ހުރަސްތައް އިނބަ ﷲ ގެ ދީލަތިވަންތަކަމުން ނެތިކުރައްވަވައިދެއްވަވާނދޭވެ! އަދި އެފަދަ ހުރަސް އެޅޭ އެންމެހައި ކަންކަމުން މިއަޅާ ސލާމަތްކުރައްވަވައި ދެއްވަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ ގެ ރުހިވޮޑިގަތުން ހޯދަން މިއަޅާ ކުރާމަސައްކަތުގައި ހުއްޓުމެއް އަރައިފިނަމަ ކުރިއަށްވުރެ ބާރަށް ކުރިއަށް ދިއުމަށް މަގުފަހިކުރައްވަވައި ދެއްވަވާނދޭވެ! އެކަމަށް މިއަޅާއަށް ހިތްވަރު ދެއްވަވައި މަގުފަހުކުރައްވަވައިދޭނވެ!
ޔާ ﷲ! ސީދާވެގެންވާ ތެދުމަކަށް މިއަޅާއަށް މަގުދައްކަވާނދޭވެ! އަދި އެމަގުގައި ސާބިތުވެ ކުރިއަށްދިއުމުގެ ތައުފީޤް ދެއްވަވާނދޭވެ! އާމީން
--އިސްލާމީ ތިލަފަތުގެ ދަރުސަކުން