ތަނަވަސް މީހަކު ތިބާގެ ގެއަށް އަންނާނެކަން އެނގިއްޖެނަމަ ކުރިޢާލައި އެކަމަށް ތައްޔާރުވެ ހޫނު މަރުޙަބާއެއް ކިޔާނެއިރު ﷲ ތަޢާލާ އާއިމެދު ކަންކަން ތިއަ ކުރަނީ ކިހިނަކުން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ތަނަވަސް މީހަކު ތިބާގެ ގެއަށް އަންނާނެކަން އެނގިއްޖެނަމަ ކުރިޢާލައި އެކަމަށް ތައްޔާރުވެ ހޫނު މަރުޙަބާއެއް ކިޔާނެއިރު ﷲ ތަޢާލާ އާއިމެދު ކަންކަން ތިއަ ކުރަނީ ކިހިނަކުން؟

މިއީ މިއަދު ކެނޑިނޭޅި ފެންނަމުންދާ ކަންކަމެވެ. ތަނަވަސް މީހެއް، ޤައުމުގެ ވެރިއެއް، ބާރާއި ނުފޫޒު ހުރި ކޮންމެ މީހެއް، ނުވަތަ އެމީހެއްގެ ކިބައިން ތިމާއަށް ފައިދާއެއް ކޮށްފާނެ ކޮންމެ މީހަކުނަމަވެސް ތިބާގެ ގެއަށް އަންނާނެ ވަޤުތު ކުރިއާލައި އެނގޭނަމަ އެމީހަކާއި ބައްދަލުކުރަން ތައްޔާރު ނުވާނަން ހެއްޔެވެ؟ 

ދެން ވިސްނާލަންވީ މި ބަޔާންކުރި މީސްމީހުންނަށް ތަނަވަސްކަމާއި، ބާރާ އެހެންވެސް ކަންކަން ދެއްވެވި ﷲ ތަޢާލާ ތިބާގެ ޙާލުބައްލަވައިވޮޑިގަންވާއިއރު ތިބާއަށް ކަންކަން ކުރެވޭ ގޮތާއިމެދުގައެވެ. 

އަދިވެސް ވިސްނައިލާށެވެ! މިބުނި މީސްމީހުން ތިބާގެ ގެއަށް ދާނީ އެމީހުންގެ އަމިއްލަ ބޭނުމަކުއެވެ. އެހެނަސް ﷲ ތަޢާލާ ތިބާގެ ކިބައިން އެދިވޮޑިގަންނަވަނީ ހަމައެންމެ ކަމަކަށެވެ. އެއީވެސް ހަމަ ތިބާގެ ފައިދާއަށެވެ. އެކަމަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. އިޚްލާޞްތެރިކަމާއިއެކު އެކަން ތިބާ ކޮށްފިނަމަ ދެންހުރި ކަންކަން އޮޓޮމެޓިކުން ތިބާއާއިއެކުގައިވާނެއެވެ. އިން ޝާ ﷲ 

އެއީވެސް ތިބާގެ ފައިދާއަށެވެ. ތިބާއަށްޓަކައެވެ. ޤިޔާމަތް ދުވަހު ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވައި ދެއްވެވުމަށެވެ. އެކަމަށް ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރު ނިކަން ދެކިބަލާށެވެ! 7 ވަނަ އުޑުގެމަތިން އަހރެމެންގެ އެންމެންގެ ކަންކަން ބައްލަވައިވޮޑިގަންނަވަމުން ކޮންމެ ރެއަކު ފަހުދަންފަޅީގައި ބިމުގެ އުޑަށް ފައިބައިވޮޑިގެން އަހުރެމެންގެ އެންމެންގެ ޙާލު އެބަބައްލަވައި ވޮޑިގަންނަވައެވެ.    

އަހަރެމެންނަށް ކޮންމެ ކަމަކަށް ބޭނުންވެފައިވީނަމަވެސް އެކަމަކަށް އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަން ދަޢުވަތު ދެއްވަވަތެވެ. އެކަމަކުވެސް އިންތިހާއަށް ގިނައިން ކަންކަމަށް ބޭނުންވެ ތިބެގެންވެސް އަހަރެމެންނަކަށް އަޅައެއް ނުލެވެއެވެ. އެއިރުވެސް އެއްބައަކު ނުނިދައި ހޭލައި ތިބެގެން ހީނ މަޖާނަގަނީއެވެ. އަނެއްބައަކު ދެފައި ދަމަދަމާފައި ހަމަ ނިދަނީއެވެ.    

މިއުންމަތުގެ ޞާޙިބާ، އަހުރެމެންގެ ލޮބުވެތި ނަބިއްޔާ، މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ﷲ ތަޢާލާ ވަނީ އިސްވެދިއަހައި ފާފަތަކާއި އަދި ކުރެއްވެވޭނެ އެންމެހައި ފާފަތައް ވެސް ފުއްސަވައި ދެއްވަވާފައި ކަމާއި އެހެން ކަމާއިއެކުވެސް ރޭގަނޑުގެ އަރާމު ނިންޖާއި ލޮބުވެތި އަނބިއަނބިކަނބަލުންނާއިވެސް ވަކިވެވަޑައިގެން ތެދުވެ ހުންނަވައި ދެފައިންޕުޅު ދުޅަވެ ލޭފޮދު އޮހޮރެންދެން ރޭއަޅުކަން ކުރެއްވެވި ސަބަބަށް ވިސްނައިލާށެވެ! 

އަބަދުވެސް ބުނަންޖެހޭ ފަދައިން މިއީހުރިހާ މުސްލިމުންވެސް ވަރަށް ރަނގަޅަށް ދަންނަ ވާހަކަތަކެކެކެވެ. ހިތާމައަކީ އަމަލު ނުކުރެވޭ ކަމެވެ. ސުވަރުގެ ލިބުންވަނީ ގިނަގިނައިން ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންނަށެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ. 

ވީމާ ދަމުނަމާދުނުކޮށް ނިދާފައި އޮންނަން ނުވަތަ މަޖާކުރަން ވަޤުތުހޭދަކުރަން ހެޔޮނުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

--

 

މިއަދު އޮންލައިން