ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވުމަކީވެސް ރަޙްމަތެކެވެ! އެއްވެސް ޙާލެއްގައި ލަސްވަނީ ތިބާއަކީ އެކަލާނގެ ދޫކޮސްލައްވަވާފައިވާ މީހަކަށްވެގެނެއް ނޫނެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވުމަކީވެސް ރަޙްމަތެކެވެ! އެއްވެސް ޙާލެއްގައި ލަސްވަނީ ތިބާއަކީ އެކަލާނގެ ދޫކޮސްލައްވަވާފައިވާ މީހަކަށްވެގެނެއް ނޫނެވެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ދުޢާ ޢިޖާބްކުރެއްވެވުން ލަސްވެގެން މާޔޫސްވެ މަގުން ކަސިޔާރުނުވާށެވެ! ﷲ ތަޢާލާ ތިބާ ދޫކޮށްލެއްވެވީކަމަށް ހީވެސް ނުކުރާށެވެ! ﷲ ތަޢާލާއަށް ވަކީލުކުރަންވީ ގޮތުގައި ވަކީލުކޮށްގެން ހުންނަ މީހަކު ދޫނުކުރައްވަވާނެތެވެ. ތަޤްވާވެރިކަމުގައި ސާބިތުވާ މީހަކު މާޔޫސް ނުކުރައްވަވާނެތެވެ! 

އެންމެ މާތްވެގެންވާ ބޭކަލުންނަކީ ޞަޙާބީންނެވެ. އެބޭކަލުންނަށްވެސް މުޞީބާތްތަކާއި ކުރިމަތިލައްވަވަން ޖެހިވަޑައިގެންނެވިއެވެ. އެއިގެތެރެއިން ގިނަ ބޭކަލުން ދިރިއުޅުއްވެވި ފަދަ ދަތިޙާލުކޮޅުގައި އަހަރެމެންގެ ތެރެއިން ދިރިއުޅެން ޖެހިފައިވަނީ ވަރަށް މަދު މީހަކަށެވެ! ވީމާ ކެތްތެރިކަން އިސްކުރާށެވެ! ކެތްތެރިންނަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އެއީ ދުވާލުގެ އިރުފަދައިން ޔަޤީންވާ ކަމެކެވެ. އިން ޝާ ﷲ 

ހިތަށް އަރުވާލުމުން އެމީހަކު ބޭނުންވާ ކޮންމެ ކަމެއް ސުވަރުގޭގައި މިންވަރުކުރެއްވެވުމަށް ކުޅަދުންވަންތަ ﷲ އަށް މިދުނިޔޭގައި ތިބާ އެދިގެން ދުޢާކުރާ ކަންކަން ހިންމަވައި ދެއްވެވުމަށް އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ؟ ސުވަރުގޭގައި ތިބާގެ ހިތަށް އަރާކަންކަން ދެނެވޮޑިގެންވާ ފަދައިން މިއަދުވެސް ތިބާގެ ހިތަށް އަރާ ހުރިހާ ކަންކަން އެކަލާނގެ ދެކެދެނެވޮޑިގެންވެއެވެ.

އޮތް ހަމައެކަނި ހުރަހަކީ މިއީ ދުނިޔެ ކަމަށްވުމުން އެމީހަކު އެދޭ ކޮންމެ ކަމެއް ވަގުތުން ހިންމަވައި ނުދެއްވަވާކަމެވެ. ނަމަވެސް ކެތްތެރިވެ ދުޢާކުރުންމަތީގައި ސާބިތުވުމުން އެކަމެއް އެމީހަކަށް މިންވަރުކުރެއްވެވުމުން އެމީހަކަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަގުތުގައި އެކަމެއް  މިންވަރުކުރައްވަވައިދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން