ދަރިން މަދުވެ ނޫނީ، ނުލިބިގެންވެސް ކަންބޮޑުވުމެއް ނެތެވެ! ގިނަ ދަރިންތަކެއް ލިބުނަސް އެދަރިންގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ މައިންބަފައިން މަދީހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ދަރިން މަދުވެ ނޫނީ، ނުލިބިގެންވެސް ކަންބޮޑުވުމެއް ނެތެވެ! ގިނަ ދަރިންތަކެއް ލިބުނަސް އެދަރިންގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ މައިންބަފައިން މަދީހެއްޔެވެ؟: މުފްތީ މެންކް

ދަރިން ދެއްވެވުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެކެވެ. މަދުން ދެއްވެވުމާއި ގިނައިން ދެއްވެވުމާއި އަދި ނުދެއްވެވުމަކީވެސް ހަމަ ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެވެ. އެކަމުގެ މައްޗަށް އެއްވެސް މީހަކަށް އެއްވެސް ބާރެއް ނުހިންގޭނެއެވެ.

ވީމާ ދަރިން ނުލިބުމަކީވެސް އަދި ދަރިން ގިނަވުމަކީވެސް، މަދުވުމަކީވެސް އަދި ވަކި ޖިންސަކުން ދަރިން ގިނަވުމަކީވެސް ޝަކުވާއަކަށް ނުހަދައި ޝުކުރުވެރިވާށެވެ! ސަބަބަކީ ކިތަންމެ ގިނައިން ދަރިން ލިބުނުނަމަވެސް އެކަމުގެ ފައިދާ ކުރާނީ ފައިދާކުރާނެ ގޮތަށް ކަންކަން މެދުވެރިވެގެންނެވެ. 10، 12 ދަރިން ލިބި އެއްވެސް ދަރިއެއްގެ ލޯތްބާއި އަޅައިލުން ނުލިބި ނުވަތަ އެއިހެ ތެރެއިން 2، 3 ދަރިންގެ އެހީތެރިކަން ލިބި އެކަމާއި ހިތާމަކުރަމުން އެކަނިވެރިކަންމަތީގައި ދުނިޔެ ދޫކުރަންޖެހެނީ ކިތައް މައިންބަފައިންހެއްޔެވެ؟

ދަރިން ނުލިބޭނަމަ ހޯދަން މަސައްކަތް ކުރުމަކީ އަޅުކަމެކެވެ. ވީމާ ދަރިން ހޯދަން މަސައްކަތް ކުރަންވާނެއެވެ. ނަމަވެސް ﷲ ތަޢާލާ ހުއްދަ ކުރެއްވެވި ގޮތްތަކަށެވެ. ދަރިން ނުލިބެނީ ހަމަ ކުޑަ ކުޑަ ޞިއްހީ މައްސަލައަކުން ކަމަށްވެސް ވެދާނެއެވެ. ފަރުވާ ކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ. ދަރިން ނުލިބިގެން މާޔޫސް ނުވާށެވެ! އެކަމަށް ކެތްތެރިވުމަކީ އަދި ވަކިން ބޮޑު އަޅުކަމެކެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ވީމާ ދަރިން ނުލިބުމަކީ ވެސް ނިޢްމަތެކެވެ.

ދަރިން ލިބެން އެދެންވާނީ ވަކި ޖިންސަކުން ނޫނެވެ. ދަރިން ދެއްވަވާނެ އަދަދާއި ޖިންސް ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެއަށް ބަދަލު ގެނައުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވީމާ ވަކި ޖިންސަކުން ކުދިން ލިބުމުން ރުޅިއައުމަކީ، އެކުދިން ދެކެ ފޫހިވުމަކީ ﷲ ތަޢާލާގެ ނިންމެވުން ބަލައި ނުގަނެވޭ ކަމުގެ ހެއްކެކެވެ. އަހަރެމެންނަށް އޮތީ ދެއްވެވި ދަރިން ބަލައި ރަނގަޅު ގޮތުގައި ބޮޑުކުރުމެވެ.

އަހަރެންނަށް ދެއްވެވީ ކިތައް ދަރިންކަން އެނގެން ބޭނުން ހެއްޔެވެ؟ އަހަރެންނަށް ﷲ ތަޢާލާ ދެއްވަވާފައިވަނީ 7 އަންހެން ދަރިންނާއި 2 ފިރިހެން ދަރިންނެވެ. އަހަރެމެން މިތިބީ ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެގެންނެވެ. އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ ޝައިޚް ޢާޞިމް އަލްޙަކީމަށް ދެއްވަވާފައިވަނީ 13 އަންހެން ދަރިންނެވެ. ކޮންފަދަ މަތިވެރި ނިޢްމަތެއް ހެއްޔެވެ؟

އެއްބައަކު އަހެން ދަރިން ގިނައިން ލިބިގެން ޝަކުވާ ކުރަނީއެވެ. އަނެއް ބައަކު ފިރިހެން ދަރިން ގިނައިން ލިބިގެން ޝަކުވާ ކުރަނީއެވެ. އަނެއް ބައަކު ދަރިން ލިބުނު އަދަދު މަދުވެގެން ޝަކުވާ ކުރަނީއެވެ. އަނެއް ބައަކު އެންމެ ދަރިއަކު ނުލިބިގެންވެސް ޝަކުވާ ކުރަނީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން