ސުލައިމާނުގެފާނު ﷲ ތަޢާލާއަށްޓަކައި އެކަލޭގެފާނުގެ އަސްކޮޅުތައް ދޫކޮށްލެއްވެވިއެވެ. ބަދަލުގައި ﷲ ތަޢާލާ ސުލައިމާނުގެފާނަށް ވައި ކިޔަމަންކޮށް ދެއްވެވިއެވެ. ޔޫސުފްގެފާނު ﷲ ތަޢާލާއަށްޓަކައި ހިލޭ އަންހެނެކާއިއެކު ގުޅުން ހިންގެވުން ދޫކޮށް ލެއްވެވިއެވެ. ބަދަލުގައި އެ ބޮޑު މިޞުރުގެ އެވަރުގަދަ ވެރިކަން ދެއްވެވިއެވެ.
ޞަޙާބީން ﷲ ތަޢާލާގެ މަގުގައި އެބޭކަލުންގެ ހުރިހާ މުދަލާއި ނަފްސް ޤްރްބާން ކުރެއްވެވިއެވެ. ބަދަލުގައި ﷲ ތަޢާލާ އެބޭކަލުންނަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވަވާނެއެވެ. ޞަހާބީންނަށް މިދުނިޔޭގައި ނުދެއްވެވީ ކީއްވެގެން ހެއްޔެވެ؟ އެބޭކަލުން މިދުނިޔޭގައި އެއްވެސް ނިޢްމަތެއް ބޭނުންފުޅެއް ނުވާތީއެވެ. އެބޭކަލުން ބޭނުންފުޅުވީ ހަމައެކަނި ﷲ ތަޢާލާގެ ރުއްސެވުމާއި ސުވަރުގެއެވެ.
ސުލައިމާނުގެފާނަށާއި ޔޫސުފްގެފާނަށް މިދުނިޔޭގައި އެ ނިޢްމަތްތައް ދެއްވެވީ އެބޭކަލުން ސުވަރުގެ އެދިވަޑައި ނުގަންނަވާތީއެއް ނޫނެވެ. ﷲ ތައާލާއަށްޓަކައި ކުރާ ކަންކަމުގެ ބަދަލު މިދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ދެއްވަވާނެކަން މީސްތަކުންގެ ލޯތަކަށް ދެއްކެވުމަށެވެ. އެކަންކަމުން ޢިބްރަތް ޙާޞިލުކުރުމަށެވެ.
ވީމާ އަހަރެމެންނަށް އޮތީ މިފަދަ ކަންކަމަށް ވިސްނައި ފިކުރުކުރުމެވެ. ޢިބްރަތްޙާޞިލުކޮށް ދެ ދުނިޔެ ހޯދަން ގަދައަޅައި މަސައްކަތް ކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވުމުން އިތުރަށް ވިސްނަން ޖެހޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.
ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާޢަކަށްވެފައި އޮންނަނީ ކުރާ މަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ނުލިބުމެވެ. ފިހާރައިން ވިޔަފާރިވިނަމަވެސް ރަނގަޅު ފައިދާއެއް ނުލިބުމެވެ. ލިބޭ މުސާރައިން ދެކޮޅު ނުޖެހުމެވެ.
މިފަދަ ކޮންމެ ކަމަކާއި ގުޅިގެންވެސް ފުރަތަމަވެސް ވިސްނައިލަންވީ ތިމާއަށް ﷲ އަށް ކިޔަމަންތެރިކަން އަދާކުރެވޭ މިންވަރަށެވެ. ތިމާއަށް ކުރެވޭ ފާފައަކީ ކޮބައިތޯއެވެ؟ އެކަންކަމަށްވިސްނުމަށްފަހު ފާފަކުރެވޭނަމަ އަވަހަށް އެކަން ހުއްޓައިލާށެވެ. އެކަމުގެ ބަދަލު ދެދުނިޔޭގައިވެސް އެމީހަކަށް ދެއްވަވާނެކަން އެއީ އަހަރެމެންގެ ލޯތަކަށް އެތައް ފަހަރަކު ދައްކަވައިދެއްވަޥާފައިވާ ކަންކަމެވެ.
ﷲ ތަޢާލާގެ މަގުގައި ހެޔޮ އަމަލުކުރުން މަތީގައި ދެމިހުރި މީހަކަށް އަދި ﷲ ތައާލާއަށްޓަކައި ޙަރާމް ކަމަކުން ދުރުވެގެންފި މީހަކަށް ހީވެސް ނުކުރެވޭނެ ހައި މަތިވެރި ނިޢްމަތްތައް ﷲ ތަޢާލާ ދެއްވަވާކަން އެއީ މިދުނިޔޭގައިވެސް ފެނި އަދި ފެންނަމުން އަންނަ ކަންކަމެވެ.
--އުސްތާޛް ވައްހާޖް ޠަރިންގެ ދަރުސަކުން