ފުރަތަމަ ކަމަކަށް ވިސްނާށެވެ! ކުށްކުރަނީ ހަމައެކަނި ނުބައިމީހުންނެއް ނޫނެވެ. ރަނގަޅު މީހުންނަށްވެސް ހަމަ ކުށްކުރެވެއެވެ. ވީމާ މީހަކަށް ކުށެއް ކުރެވޭއިރަށް އެއީ ނުބައިމީހެއްކަމަށް ޔަޤީންނުކުރާށެވެ.
މިކަމުގެ އެންމެ ބޮޑު ދަލީލަކީ ކޮންމެ މީހަކަށްވެސް ކުށްކުރެވޭ ކަމެވެ. އަހުރެންނަށްވެސް ކުށް ކުރެވެއެވެ. ތިއައިން ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެއެވެ. ކުށް ކުރެވޭ ކޮންމެ މީހަކީ ނުބައި މީހެއްނަމަ އަހުރެމެން އެންމެންވެސް ވާނީ ނުބައިމީހުންނަށް ނޫންހެއްޔެވެ؟ މިކަންކަން ވިސްނުމުގައި ބަހައްޓައިގެން އަޑުއަހާށެވެ!
ޖުމުލަގޮތެއްގައި ބުނާނަމަ އެމީހެއްގެ ބައިވެރިޔާ ތިމާއަށް މަކަރުހަދައި އެހެން މީހަކާއި ގުޅުން ހިންގާކަން އެނގިއްޖެނަމަ އިންތިހާއަށް ކަންބޮޑުނުވާނެ އަދި ރުޅި ގަދަނުވާނެ މީހަކު ހަމަ ނުވެސް ހުންނާނެއެވެ. އެރުޅިމަތީގައި ފިޔަވަޅުތައްވެސް އެޅެއެވެ. ބަސްތައްވެސް ބުނެވެއެވެ.
ނަމަވެސް ރަނގަޅަށް ހަނދާންކުރާށެވެ. އަންނަ ރުޅިމަތީގައި ހުރެ ކައިވެންޏަށް ގޮތް ނިންމައިގެން ނުވާނެއެވެ. ފުރަތަމަ ކަމަކަށް ތަނެއްގައި އިށީނދެ ރަނގަޅަށް ހަމަޖެހިލާށެވެ. އެއަށްފަހު އޭނާ ކުރިކުށުގެ ބޮޑުކުޑަމިނަށް ވިސްނާށެވެ. މިސާލަކަށް މީހަކަށް މެސެޖެއް ފޮނުވައިލުމާއި ބައްދަލުކުރުމާއި އަދި ބައްދަލުކޮށް ފާހިޝް އަމަލުކުރުން ފަދަ ކަންކަމަކީ ތަފާތު ދަރަޖައިގެ ކަންކަމެވެ. ފިޔަވަޅު އަޅަންވާނީ ކުރި ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރުމަށްފަހުގައެވެ.
ހަމަ އެއާއިއެކު ކިތަންމެ ބޮޑަށް ތުހުމަތުކުރެވުނު ނަމަވެސް ތުހުމަތުގެ މައްޗަށް ފިޔަވަޅުނުއާޅާށެވެ. އެއިރުން އެކުރެވެނީ ފާފައެކެވެ. އެކަން ހަމައެކަނި ފާފައަކަށްވެފައި ނިމެނީއެއްވެސް ނޫނެވެ. މުޅި ޢުމުރަށް ކަރުނައަޅަންޖެހޭ ސަބަބަކަށްވެސް އެކަން ވެގެންދެއެވެ.
މިސާލަކަށް އޭނާއަށްވަނީ ނުބައި އަމަލެއް ކުރެވިފައެވެ. އަދި އެކަންފަޅާއެރީ ވަރަށް ކުރީކޮޅުގައެވެ. އެހިނދު އެފަދަ ޙާލަތުގައި އިތުރުވިސްނުމަކަށްދާންވާނެއެވެ. އެހެނީ އެހައިކުރީކޮޅުގައި ފަޅާޢަރަން ެދުވެރިކުރެއްވެވި ސަބަބަކީ އޭނާދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާތީ އެކަން ހުއްޓުވުމަށް މަގުފަހިކުރައްވަވަން ކަމަށްވެސް ވެދާނެއެވެ.
އެފަދަ ޙާލަތުގައި ބައިވެރިޔާ ހުރީ ކުރެވުނު އަމަލަށް ދެރަވެ ތައުބާވެ ޢަމަލުތައް އިޞްލާޙްކުރަން ކަމުގައިވާނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމަށް ފުރުޞަތު ދިނުމެވެ. ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބުރަވެ ޔަޤީންކަމާއިއެކު ބުނަމެވެ. ކޮންމެ މީހަކީ އެއްފަހަރު ކުރެވުނުކުށް އަލުންތަކުރާރުކުރާނެ މީހެއް ނޫނެވެ. ކިތަންމެ ބޮޑު ޚިޔާނާތެއްވުމުންވެސް ދީލަތިކަމާއިއެކު މާފުކޮށް އިޞްލާހްވުމުގެ ފުރުޞަތު ދިނުމުން ކުރިއަށްވުރެ މާލޯބިގަދަވެ ވަފާތެރިކަން އިތުރުކޮށް ޙަޔާތަށް މާބޮޑަށް އުފާވެރިކަން ހޯދައިދޭ މީހުން މަދެއް ނޫނެވެ.
ހިތާމައަކީ މިފަދަ އެއްވެސް ކަމަކަށް ނުވިސްނައި ވަގުތުން ކައިވެނި ރޫޅައިލަން ނަޞޭޙަތްދީ ހިތްވަރިދެވޭކަމެވެ. އެމީހުންގެ ބަސް ޤަބޫލުކޮށް ކައިވެނި ރޫޅައިލުމަށްފަހު މުޅި އުމުރަށް އެކަމާއި ދެރަވެ ހިތާމަކުރަން ޖެހިފައި ހުރީއަކީ މަދަކުންނޫނެވެ. ވީމާ އަހަރެންގެ ނަޞޭޙަތަކީ ބައިވެރިޔާ ކުރާ އެފަދަ ކަމެއް އެނގޭއިރަށް ވިސްނާނުލައި ފިޔަވަޅު ނޭޅުމެވެ. ޚާއްޞަކޮށް ދަރިން ލިބިފައި ތިބިނަމަ ކައިވެނި ރޫޅައިނުލުމެވެ.
އޭނާ އިޞްލާޙްވާން ހުރިނަމަ މާފުކުރާށެވެ! އިން ޝާ ﷲ. ﷲ ތަޢާލާއީ ގިނަގިނައިން ޢަފޫކުރައްވަވާ ރަސްކަލާނގެއެވެ. ކުށް އެތައް ފަހަރަކު ތަކުރާރުކޮށްފައި ތައުބާވުމުންވެސް ފާފަފުއްސަވައި ދެއްވަވާ ރަސްކަލާނގެއެވެ. ވީމާ އަހުރެމެންވެސް މަސައްކަތްކުރަންވީ ގިނަގިނައިން މާފުކުރާ ބައަކަށްވުމަށެވެ. އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެތައް ގުނައެއް އިތުރަށް ލިބިގެންދާނެއެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން
ބައިވެރިޔާއަށް މަކަރުހެދުމަށްފަހު ބައިވެރިޔާގެ ކުށްދެއްކުމަކީ ވައްކަންކޮށްފައި އެކަންކުރީ އިންޞާފުންކަމަށް ބުނުން: މުފްތީ މެންކް
ޢަބްދުއްލަޠީފް
ވަރަށް ގިނަފަހަރު ކުރިމަތިވާ ކަމެކެވެ. ހަޔާތުގެ ބައިވެރިޔާ އަނެކާއަށް މަކަރުހަދަނިކޮށް ފަޅާއަރަނީއެވެ. އެހިށާބުން ދެން ދައްކަނީ އަނެކާގެ ކިބައިގައި ހުންނަ އުނިކަންތައްތަކުގެ ވާހަކައެވެ. ވަގުތުނުދޭވާހަކައާއި އަޅައިނުލާވާހަކައާއި ކަންކަމުގައި ފަރުވާކުޑަކުރާވާހަކައާއި މިފަދަ އެތައް ބައިވަރު ކަންކަމުގެ ވާހަކަތަކެވެ.
ޙަޤީޤަތުގައިވެސް އެއީ ހަމަ ހުރި މައްސަލަތައްކަމުގައިވެދާނެއެވެ. ނަމަވެސް އެކަންކަމުގެ ވާހަކަތައް ދައްކަންޖެހޭނީ ކުރާކުށެއް ފަޅާއެރުމަކުންނޫނެވެ. އެއިގެމާކުރިންނެވެ. ނޫނީ އެވާހަކަތައް ވެގެންދާނީ ވަގަކު ވައްކަންކުރަނިކޮށް އަތުލައިގަނެވުމުން އޭނާ ވައްކަންކުރީ އިންޞާފުންކަމަށް ދައްކަން ބުނާ ބަސްތައް ފަދަ ވާހަކަތަކަކަށެވެ.
ރަނގަޅަށް ވިސްނާށެވެ! އެއްވެސް ފާފައެއް ކުރުމަށްފަހު އެފާފަކުރީ އިންޞާފުންކަމަށް ބުނެ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެއްކޭނެ އެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ. ޙާލަތު ނިޔާކުރާގޮތަކުން ކުރުން ހުއްދަ ކަންކަން ދީނުގައި ވަނީ ބަޔާންވެގެންނެވެ. ބަނޑަށްމަރުވެދާނެޙާލަތުގައި މުޅަތަކެތިކެއުން، މަޞްލަހަތަށްޓަކައި ދޮގުބުނަން މަޖުބޫރުވާ ޙާލަތުގައި އެފަދަ ކަންކަމުގައި ދޮގުބުނުން ފަދަ ކަންކަމެވެ. ފާހިޟް ޢަމަލުކުރުން ފަދަ ފާފަތައް ކުރުން ހުއްދަވާނެ އެއްވެސް ސަބަބެއް ނެތެވެ.
އެއްވެސް ފާފައެއް ކުރެވިއްޖެނަމަ އެކަމަށް ޢަޛާބު ދެއްވެވުމާއި ފާފަ ފުއްސަވައިދެއްވެވުން ވަނީ ﷲ ތަޢާލާއަށެވެ. އެހެންކަމުން އަދި އެއްވާހަކަ ބުނެލާނަމެވެ. ބައިވެރިޔާގެ ކިބައިން ކުށެއް ފެނުނު ނަމަވެސް މާފަށް އެދެން މަޖުބޫރު ނުކުރުވާށެވެ! މަޖުބޫރުން މާފަށް އެދުވުމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ފައިދާކުރާނީ އެމީހަކަށް ކުރެވުނު ކުށް އެމީހަކަށް ޤަބޫލުކުރެވި އަމިއްލައަށް މާފަށް އެދިއްޖެ ނަމައެވެ.
--މުފްތީ މެންކުގެ ދަރުސަކުން