ބައްދަލުވުމުން ސަލާމްގޮވާތީ ގޭންގްލީޑަރެއްގެ ހިތުގަ މީހެއްގެ މައްޗަށް ލޯބި އުފެދުނު ގޮތުގެ ވާހަކަ: ޝައިޚް މުޙައްމަދު ޝާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ބައްދަލުވުމުން ސަލާމްގޮވާތީ ގޭންގްލީޑަރެއްގެ ހިތުގަ މީހެއްގެ މައްޗަށް ލޯބި އުފެދުނު ގޮތުގެ ވާހަކަ: ޝައިޚް މުޙައްމަދު ޝާހިދު

އޭނާއަކީ ބޭރު ޤައުމެއްގައި އިސްލާމްދީން ޙާޞިލްކުރަމުން ދިއަ ދަރިވަރެކެވެ. ޗުއްޓީއެއްގައި މާލެއައިސްހުރިއިރު މިސްކިތަށްދާއިރު ވަރަށް ގިނަފަހަރު ކަންމަތިން "ގޭންގަކާ" ބައްދަލުވެއެވެ. ލީޑަރު އިންނަނީ ސައިކަލްމަތީގައެވެ.  

ދަރިވަރު ނަމާދަށް ދަމުންވެސް އެނބުރި އަންނަމުންވެސް ލީޑަރަށް އަމާޒުކޮށް އެންމެންނަށް "އައްސަލާމް ޢަލައިކުމް" ކިޔައި ސަލާމްގޮވައެވެ. ލީޑަރު ބައެއް ފަހަރު ޖަވާބުދެއެވެ. އަނެއްބައި ފަހަރު ޖަވާބެއް ނުދެއެވެ. ޖަވާބުނުދިންނަމަވެސް ދަރިވަރު ސަލާމް ގޮވައެވެ.  

ކޮންމެއަކަސް ދަތުރު ނިންމައި ދަރިވަރު ފުރައިގެންދިއައީއެވެ. އެއިގެ އަހަރުތަކެއް ފަހުން ދަރިވަރަށް އެނބުރި ރާއްޖެއަށް އައުދެވުނީ މާލެތެރެ ވަރަށް "ހަލަބޮލި" ދުވަސްވަރެއްގައެވެ. މީހުންނަށް މަގުމަތިން ހަމަލާދެމުންދިއަ ދުވަސްވަރެއްގައެވެ.  

އެއްދުވަހަކު ދަރިވަރު މަގުމަތިން ދަނިކޮށް ލީޑަރަށް ދަރިވަރު ފާހަގަކުރެވިގެން ހުއްޓުވާފައި ބުންޏެވެ. "ތިއައީ ކާކުކަން އެބަ އެނގެއެވެ. ތިހެން އުޅޭއިރު އެއްވެސް ދިމާލަކުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އަހަރެންނަށް ގުޅާށެވެ. ނަމްބަރު މިއޮތީއެވެ."

މިވީ ކިހިނެއްހެއްޔެވެ؟ އޭނާއަށް ދަރިވަރު ކެނޑިނޭޅި ސަލާމްގޮވުމުގެ ސަބަބުން އޭނާގެ ހިތުގައި ދަރިވަރުގެ މައްޗަށް ލޯބި އުފެދުނީއެވެ. ލީޑަރަކީ ދީނުގެ ކަންކަމަށް އެހައިބޮޑަށް ސަމާލުކަން ނުޑޭ މީހަކު ނަމަވެސް އެކަން އެގޮތަށް މެދުވެރިވެދާނެއެވެ. ސަބަބަކީ ބައްދަލުވުމުން ސަލާމް ގޮވުމަކީ ހިތުގައި ލޯބި އުފެދޭ ކަމެކެވެ. އަދި އެހައިމެ ގިނަ ޘަވާބު ދެއްވަވާ ކަމެކެވެ. މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެއްވެސްމެއެވެ.

- ޝައިޚް މުޙައްމަދު ޝާހިދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން