ދަރިންނަށް ޤުރްއާން އުނގަންނައިދޭން ބޮޑު ހޭދައާ ބުރަމަސައްކަތްކުރާއިރު ތިމާމެންނަށް ޤުރްއާން ނުއެނގުމަކީ ސުވަރުގެ ނުލިބިދާނެކަމެއް ކަމަށް ބިރުނުގަންނަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ދަރިންނަށް ޤުރްއާން އުނގަންނައިދޭން ބޮޑު ހޭދައާ ބުރަމަސައްކަތްކުރާއިރު ތިމާމެންނަށް ޤުރްއާން ނުއެނގުމަކީ ސުވަރުގެ ނުލިބިދާނެކަމެއް ކަމަށް ބިރުނުގަންނަނީ ކީއްވެ؟

ގިނަ ބެލެނިވެރިން އެމީހުންގެދަރިންނަށް ޤުރްއާން އުނގަންނައިދޭން އެމީހުންގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ބޮޑެތި ޚަރަދުތައް ކުރެއެވެ. ބުރަ މަސައްކަތްތައްވެސް ކުރެއެވެ. އެއީ ވަރަށް ރަނގަޅު ކަންކަމެވެ. 

ހިތާމައަކީ ތިމާ ޢަމިއްލައަށް އުނގެނެން ކުރަންޖެހޭ މަސައްކަތް ނުކުރެވޭކަމެވެ. އަހުރެންގެ ނަޒަރުގައި ފުރަތަމަ އޮތީ ތިމާ އުނގެނުމެވެ. އުނގެނެން މަސައްކަތްކުރުމެވެ. 

ހިތާމައަކީ މިކަންކަން އެނގޭ އިރުވެސް އުނގެނެން އެބަ ލަދުގަނެއެވެ. ތިމާއަށް ނުއެނގޭކަން އެހެން މީހަކަށް އެނގިދާނެތީ އެބަ ލަދު ގަނެއެވެ. ނިކަން ބުނެބަލާށެވެ! ތިބާ ދެރަވެ އަސަރުކުރާނީ ތިބާއަށް ކަމެއް ނުއެނގޭކަން މިއަދު ބައަކަށް އެނގުމުން ހެއްޔެވެ؟ ނޫން ނަމަ ތިބާ އުނގެނެން ޖެހޭ އެއްޗެއް ދަސްނުކޮށްގެން ސުވަރުގެ ނުވަދެވިއްޖެ ނަމަ ހެއްޔެވެ؟ 

އުނގެނުމަކަށް އުމުރެއް ނެތެވެ. އުމުރުން 90 އަހަރުވެފައިވާ މީހުން މާސްޓަރސް ޑިގްރީ ހާޞިލުކުރަމުން ގެންދާ ވާހަކަ ޚަބަރުތަކުން އަޑު ނުއަހަމު ހެއްޔެވެ؟ ނޯލާ އޮކްސްގެ ވާހަކަވެސް އަޑެއް ނުއަހަމުހެއްޔެވެ؟ އޭނާ ވަނީ 2007 ވަނަ އަހަރު، އުމުރުން 95 އަހަރުގައި ޑިގްރީ ހާޞިލުކޮށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. 

ދެން އިސްލާމީ ތާރީޚަށް ބަލައިފިނަމަ  ބައެއް ޞަހާބީން ކީރިތި ޤްރްއާން އުނގެނިވަޑައިގަތީ މުސްކުޅި އުމުރުފުޅުގައި ނޫން ހެއްޔެވެ؟ ޤަބޫލުކުރަން ޖެހޭނެ ކަމަކީ ކީރިތި ްްރްއާން ފުރިހަމަ ގޮތުގައި ކިޔެވޭނީ ކިޔަވަން ދަސްކޮށްގެން ކަމެވެ. 

އެއްވެސް ޒަމާނެއްގައި އެންމެންނަކީ ޢިލްމުވެރިންނެއް ނޫނެވެ. އަދި އެއްވެސް މީހަކީ ދުނިޔެއަށް އުފަންވާއިރު ޢިލްމުވެރިއެއް ނޫނެވެ. ޢިލްމުވެރިންނަށް ވަނީ އެމީހަކު އެކަން އެދިގެން ކުރާ މަސައްކަތުންނެވެ. އެކަމަށްޓަކައި ތަކްލީފްތަކެއްވެސް އުފުލައިގެންނެވެ. 

ދުނިޔޭގެ ގިނަ ޤައުމުތަކުގައި މުސްލިމުން ކަންބޮޑުވެގެން އުޅެނީ އެމީހުންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދޭނެ މީހަކު ނުލިބިގެންނެވެ. ގަދައަޅައި މަސައްކަތްކުރަނީ އޮންލައިންކޮށް ނަމަވެސް ތަޖްވީދުވަގުން ޤުރްއާން ކިޔަވަން ދަސްކުރެވޭތޯއެވެ! ސުވާލަކީ ޤާރީކްލާސްތަކާއި ޙިފްޡް ކްލާސްތަކަށް ފަސޭހައިން އުނގެނެވެން ހުރި ޤައުމުތަކުގައި މުސްލިމުން އެކަންކުރަން ފަސްޖެހިފައި މިތިބެނީ ކީއްވެގެންހެއްޔެވެ؟ 

އުނގެނުމުގެ ވަސީލަތްތައް ފަސޭހައިން ލިބެންހުރި ޤައުމުތަކުގެ ގިނަ އަދަދެއްގެ މީހުންނަކީ ތަޖުވީދުމަގުން ކީރިތި ޤްރްއާން ކިޔަވަން އެނގޭ ބައެއް ނޫނެވެ. އެންމެ ކުޑަމިނުން އަކުރުތައް ކިޔަންވީ މަޚްރަޖް ވެސް އެނގޭ ބައެއް ނޫނެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް މިއީ ކަމުގެ ޙަޤީޤަތެވެ. ކަން އޮތް ހާލަތެވެ. 

މިހާލަތު މެދުވެރިވީ އެމީހާގެ ކުށަކުން ކަމަށްވެސް ނުވެދާނެއެވެ. އެމީހާގެ ކުށުން ނޫން ނަމަވެސް ތަޖްވީދުމަގުން ޤުރްއާން ކިޔަވަން ދަސްނުވެ ހުރުމަކީ އެމީހާގެ މައްސަލައެކެވެ. އެމީހަކަށް އޮތީ އެއީ ކޮންމެ އުމުރެއްގެ މީހަކު ނަމަވެސް އުނގެނި ދަސްކުރުމެވެ. އެކަމަށް މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން