ލިބޭ އާމްދަނީން ޚަރަދުކުރުމުގަ މިގޮތް އިޚްތިޔާރުކުރާނަމަ ބޭނުންތައް ފުދި އިތުރުވެސްވާނެ! ދިރިއުޅުމުގަ ބަރަކާތް ލައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ލިބޭ އާމްދަނީން ޚަރަދުކުރުމުގަ މިގޮތް އިޚްތިޔާރުކުރާނަމަ ބޭނުންތައް ފުދި އިތުރުވެސްވާނެ! ދިރިއުޅުމުގަ ބަރަކާތް ލައްވަވާނެ! އިން ޝާ ﷲ: މުފްތީ މެންކް

އެންމެންނަށް ތަނަވަސްކަން ދެއްވަވަނީ އެއްވަރަކަށް ނޫނެވެ. ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ނުހިފާނަމަ އެންމެ ތަނަވަސްމީހުންނަށްވެސް އުޅެންޖެހެނީ މަދުވެ ނުފުދިގެންނެވެ. ނަމަވެސް ދެއްވެވި މިންވަރަށް ޝުކުރުކޮށް، ހެޔޮގޮތުގައި ބޭނުންހިފާނަމަ މަދުން ލިބޭ މީހުންވެސް ދިރިއުޅެނީ އުފަލުގައެވެ. ފުދިގެންނެވެ.

ޢާންމުކޮށް ލިބޭ ޝަކުވާތަކަށްބަލާއިރު ބައެއް އަންހެނުން ބުނަނީ ދރިއުޅުމަށް ޚަރަދުކުރާނެ ފައިސާ ފިރިމީހާއަށް ލިބޭކަމަށާއި ފިރިމީހާ ދަހިކަމުން ޚަރަދުނުކުރާ ކަމަށެވެ. ބައެއް ފިރިހެނުން ބުނަނީ އަނހެނުން ބޭކާރުކަންކަމަށް ޚަރަދުކޮށް އިސްރާފްކުރާ ކަމަށެވެ. 

މިދެކަމަކީވެސް ރަނގަޅު ކަންކަމެއް ނޫނެވެ. ދަހިވެތިވެ ފައިސާ ޚަރަދުނުކުރުމެއްވެސް ނެތެވެ. އަދި ކިތަންމެ ގިނައިން ލިބުނު ނަމަވެސް އިސްރާފް ކުރުމެއްވެސް ނެތެވެ. އަލްފުރްޤާން ސޫރަތުގައި ﷲ ތަޢާލާ ވަހީކުރައްވަވާފައިވަނީ ދަހިވެތިނުވުމަށާއި ބޭކާރުކަންކަމަށް ޚަރަދުނުކުރުމަށެވެ. މެދުމިނުގައި ހިފެހެއްޓުމަށެވެ. 

ވީމާ ފައިސާ ނުވަތަ މުސާރަ ލިބުމުން ފުރަތަމަ ދެމަފިރިން މަޝްވަރާކޮށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރަން ފައިސާ ނަގާށެވެ. އެއަށްފަހު ދަތިވެދާނެ ދުވަހަކަށް ރައްކާކުރަން ކޮންމެވެސް މިންވަރެއް އަތުގައި ބަހައްޓާށެވެ. ރައްކާކުރާށެވެ. އެއަށްފަހު ފައިސާހުރިނަމަ އެކަށީގެންވާ މިންވަރަކުން ބޭނުންވާ އެހެންކަން ކުރާށެވެ. 

ގިނަފަހަރަށް ފައިސާ އަތަށް އެރުމުން ފުރަތަމަ ކުރެވެނީ ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ކުރުމެވެ. އެގޮތަށް ޚަރަދުކުރުމުން ދެންމިވާގޮތަކީ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރާނެ ފައިސާ އަތުގައި ނުހުންނަނީއެވެ. ފައިސާއަށް ދަތިވެ ދަރަނިވެރިވެސްވާންޖެހެނީއެވެ. 

ޢާއިލާއެކުގައި ރެސްޓޯރަންޓްތަކަށް ނުދާކަށް ނުބުނަމެވެ. ނަމަވެސް ދާންވާނީ ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރުމަށް ފައިސާ ބަހައްޓާފައި އިތުރަށް އަތުގައި ހުރިނަމައެވެ. އިތުރަށް ހުރުމަކީ ފަޤީރުންނަށް ޞަދަޤާތްކުރަންވެސް ބައެއް އެޅުމަށްފަހު އިތުރަށް ހުރުމެވެ. އެއީ ކިތަންމެ މަދުން ލިބުނުނަމަވެސް އަޅަންޖެހޭ ބައެކެވެ. 

ދެން ފާހަގަކޮށްލަން ބޭނުންވަނީ މިހާރުގެ "ލޯގޯ ބޭގް" އެވެ. އެއީ ވަކިލޯގޯއެއް ޖެހިތަކެތި ބޭނުންވުމެވެ. ހަމަ އެތަކެތި ލޯގޯނުޖަހައި މާއަގުހެޔޮކޮށް ހުންނައިރުވެސް ބޮޑުއަގުގައި ވަކިލޯގޯއެއް ޖެހިތަކެތި ބޭނުންވާކަމެވެ. އަހަރެންގެ ސުވާލަކީ ވަކިލޯގޯއެއް ޖެހުމުން އެއިން އިތުރަށް ހިފެނީ ކޮން ބޭނުމެއް ހެއްޔެވެ؟

އަތުގައި އެވަރަށް ފައިސާހުރިނަމަ ހިތްހަމަޖެހޭ ލޯގޯއެއްގެ ނުވަތަ މަރުކާއެއްގެ އެއްޗެއް ބޮޑުއަގުގައި ގަތުން އިސްލާމް ދީން މަނައެއް ނުކުރެއެވެ. ނަމަވެސް ސުވާލަކީ އަތުގައި އެވަރަށް ފައިށާ އެބަހުރިހެއްޔެވެ؟ ނެތްނަމަ އެހެން މީހުންނަށް ތިމާގެ ހައިޞިއްޔަތު ދައްކަން އެފަދަ ތަކެތި ބޮޑުއަގުގައި ގަތުން އިސްލާމް ދީން ހުއްދައެއް ނުކުރެއެވެ. އެހެނީ އިސްލާމް ދީނުގައި ދެއްކުންތެރިކަން ޙަރާމެވެ. ވީމާ މީހުންގެ ލޯތަކަށް ދައްކަން ބޮޑުއަގުގައި ތަކެތި ގަތުން ހުއްދައެއް ނޫނެވެ. 

މިކަންކަމަށް ބަލައިގެން މިބުނެދިން މަގުން ޚަރަދުތައް ބަހާލައިގެން ކަންކަންކުރާނަމަ ފުދުންތެރި ދިރިއުޅުމެއ އުޅެވޭނެއެވެ. އެބައެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން