ދަރިން ބައިވެރިކޮށްގެން ދެމަފިރިންއެކުގައި އަދި ސުންނަތް ނަމާދުކޮށް ދުޢާކުރުން: ޢާއިލާއަށް ދެދުނިޔޭގަވެސް އެންމެ ފައިދާކުރާނެ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ދަރިން ބައިވެރިކޮށްގެން ދެމަފިރިންއެކުގައި އަދި ސުންނަތް ނަމާދުކޮށް ދުޢާކުރުން: ޢާއިލާއަށް ދެދުނިޔޭގަވެސް އެންމެ ފައިދާކުރާނެ ޢަމަލެއް!

ޢާއިލާއެކުގައި ރެސްޓޯރަންޓްތަކަށް ގޮސް ކައި ހެދުމަކީ ގުޅުން ބަދަހިވާ ކަމެކެވެ. ޕާކްތަކަށް ގޮސް ވަޤުތު ހޭދަކޮށް ކުޅިވަރުކުޅުމަކީ ލޯބި އިތުރުވެ ގުޅުން ބަދަހިވާ ކަމެކެވެ. ދައްކަން މިއުޅެނީ އެހުރިހާ ކަމަކަށްވުރެވެސް ފައިދާކުރާނެ، އަދި ކިތަންމެ ފަޤީރު ނަމަވެސް އެކަމެއް ކުރުން މާމުހިންމު ކަމެއްގެ ވާހަކައެވެ.

ދިރިއުޅެންކުރާ މަސައްކަތުގައިވެސް އެންމެ ބާރަށް ކުރިއަރައިދަނީ އަދި އެންމެ ބޮޑަށް ކާމިޔާބުކުރެވެނީ ޢާއިލާގެ ގިނަ ބައަކު ގުޅިގެން އެކުގައި މަސައްކަތްކުރުމުންނެވެ. އަޅުކަންކުރުމުގައިވެސް ޢާއިލާގެ އެންމެން ބައިވެރިވެގެން، ޚާއްޞަކޮށް ފިރިންނާއި އަނބިދަރިން ބައިވެރިވެގެން ކުރުމަކީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާކަމެކެވެ.

މިސްކިތުގެ ޖަމާއަތުގައި ފަރުޟު ނަމާދުތައް ކުރިނަމަވެސް ސުންނަތް ނަމާދުތައް ކުރުން އެންމެ ރަނގަޅީ ޢާއިލާ އާއިއެކު ގޭގައިކަމަށް ޙަދީޘްފުޅުގައި އޮތީ އެސަބަބަށްޓަކައެވެ. ޚާއްޞަކޮށް ރޭގަނޑުގެ ފަހު ދަންފަޅީގައި ޢާއިލާ އާއިއެކު ސުންނަތް ނަމާދު ކުރުމަކީ ވަރަށް މަތިވެރި ހެޔޮ އަމަލެކެވެ. ވީމާ ވަގުތު އޮތް ވަރަކުން ޢާއިލާ އާއިއެކުގައި ސުންނަތް ނަމާދުތައް ކުރާށެވެ.

ދުޢާ އިޖާބަ ކުރުން އެންމެ ގާތް ވަގުތަކީވެސް ރޭގަނޑުގެ ފަހު ދަންފަޅިއެވެ. ސުންނަތުގައި އޮތީ އަނބިން ދަރިން ހޭލައްވާށެވެ. އަދި އެކަމުގައި އަނބިން އިސްނެގުމަކީ އެކަމުގެ ޘަވާބު އެމީހަކަށް ލިބިގެންދާނެވެސް ކަމެކެވެ. ޢާއިލާއެކުގައި ސުންނަތް ނަމާދުތައް ކުރުމަށްފަހު ޚާއްޞަކޮށް ދަމުނަމާދުކުރުމަށްފަހު ގިނަ ގިނައިން ހެޔޮ ދުޢާކުރާށެވެ. އެކަމުގެ ފައިދާ މުޅި ޢާއިލާއަށް ލިބިގެންދާނެއެވެ. އަދި އެއިރުން ދަރިންނަށްވެސް އެކަން ދަސްވާނެއެވެ. މައިން ބަފައިން އެކަމަށް ދިން ސަމާލުކަން ދަރިންނަށް އެނގުމަކީ އެކުދިންވެސް އެކަމަށް އިތުރަށް ޝައުޤްވެރިވާނެ ކަމެކެވެ.

ފިރިން އަނބިންނަކީ ޞާލިޙް އަޅުން ކަމުގައި ލައްވަވާތޯ ދުޢާކުރާށެވެ. އަނބިން ފިރިންނަކީ ވެސް ޞާލިޙް އަޅުން ކަމުގައި ލައްވަވާތޯ ދުޢާކުރާށެވެ. ދަރިންނަށްޓަކައިވެސް ހެޔޮދުޢާކުރާށެވެ. ދަރިން ލައްވައިވެސް ދުޢާކުރުވާށެވެ! ރަނގަޅު ތައުލީމާއި ތަރުބިއްޔަތާއި ތަްްވާވެރިކަން އަދި އިސްލާމް ދީނުގައި ސާބިތު ކުރެއްވެވުން އެދި ދުޢާކުރަން ހިތްވަރުދޭށެވެ. ދަރިން ބައިވެރިކޮށްގެންވެސް ދުޢާކުރުން ގިނަކުރާށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން