ބައިވެރިޔާގެ ސިފަ ރީތިކަމަށް ފޮނިވެފަ ހުތުރުކަމަށް ކަންވޮޑުވާ މީހުންނަށް މިއީ އަމިއްލަ ދިރިއުޅުމުގަ ވަރަށް ފައިދާކުރާނެ ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބައިވެރިޔާގެ ސިފަ ރީތިކަމަށް ފޮނިވެފަ ހުތުރުކަމަށް ކަންވޮޑުވާ މީހުންނަށް މިއީ އަމިއްލަ ދިރިއުޅުމުގަ ވަރަށް ފައިދާކުރާނެ ފިލާވަޅެއް!

 

"ބައެއް ފޮތްތަކަކީ އޭގެ ބޭރުގަނޑު ވަރަށް ރީއްޗަސް، އެތެރޭގައި މާ އޮއްޓަރުހުރި ވާހަކަތަކެއް ހުންނަ ފޮތްތަކެއް ނޫނެވެ. އަނެއް ބައި ފޮތްތަކަކީ ބޭރުގަނޑު އެހާ ރީތި ނޫނަސް، އެތެރޭގައި އަންތަރީސްކުރުވަނިވި ވާހަކަތަކާއި ފައިދާތައް ހިމެނޭ ފޮތްތަކެކެވެ. އިންސާނުން ވެސް ހަމަ މިފަދައެވެ."

ޝައިޚް ޝަފީޢު ޢަބްދުﷲ ގެ މިބަސްފުޅު އަމިއްލަ ދިރިއުޅުމާ ގުޅުވާލަމާހިނގާށެވެ! ބައެއް މީހުން އެމީހުންގެ ބައިވެރިޔާގެ ބޭރުފުށުގެ ސިފަ ރީތިވުމުން ފޮނިވެ ބޮޑާވެ އަދި ފަޚުރުވެރިވެސްވެއެވެ. އެކަމަކު އޭނާގެ ކިބައިންލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ ސިފަރީތިކަން ކަމުގައި ވެއްޖެނަމަ ދިރިއުޅުމަށްވާނީ ކިހިނަކުންތޯއެވެ؟ ރިވެތި އަޚްލާޤެއް ނެތިއްޖެނަމަ ޙާލަކީ ކޮބައިތޯއެވެ؟

ދިރިއުޅެން ކުރަންޖެހޭ ކަންކަން ކުރުމުގައި އޭނާގެ ސިފައިން ކުރާނީ ކޮންފައިދާއެއްތޯއެވެ؟ މިޘާލަކަށް ފިރިއަކު ނަމަ ކިތަންމެ ސިފަރީތި ނަމަވެސް ދިރިއުޅެން މަސައްކަތް ނުކުރާނަމަ ޢާއިލާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އަނބިމީހާގެ ސިފަ ކިތަންމެ ރީތިނަމަވެސް ގޭގެ މަސައްކަތްނުކުރާނަމަ، ފިރިމީހާއަށާއި ދަރިންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްނުދެވޭނަމަ ޢާއިލާގެ ޙާލަކީ ކޮބައިހެއްޔެވެ؟

އަދި ދެމަފިރިންގެވެސް ބޭރުފުށުގެ ސިފަ ކިތަންމެ ރީތި ނަމަވެސް ތެދުވެރިކަމާއި ވަފާތެރިކަން، ލޯތްބާއި އަޅައިލުން، ޒިންމާދާރުވުން ނެތިއްޖެ ނަމަ، ޚާއްޞަކޮށް ތިމާގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އަޚްލާޤީ ސިފަތައް ނެތިއްޖެނަމަ އެކައިވެނި ވާނީ ބޮޑު ބިލާހަކަށް ނޫންތޯއެވެ؟

ދެން އޮތީ ސިފަހުތުރު ބައިވެރިންގެ ވާހަކައެވެ. ބޭރުފުށުގެ ސިފަ ކިތަންމެ ހުތުރުނަމަވެސް ފަސްމީރު ކުރިރުކެއް ފަދަ އަނބިންވެސް ފިރިންވެސް މަދެއް ނޫނެވެ. އެންމެ އުފަލުގައި ދިރިއުޅެނީވެސް ސިފަހުތުރު ބައިވެރިޔާގެ އަގު ވަޒަންކުރާ ޢާއިލާތަކުންނެވެ. އެމީހުންގެ ހިތުގެ ޠޯހިރުކަން ބޮޑުވީމާ ތަޤްވާވެރިކަމާ ތެދުވެރި، ވަފާތެރި، ރިވެތި ދިރިއުޅުން އެމީހުންގެ ބޭރުފުށުގެ ސިފަ ހަނދެއްފަދައިން އުޖާލާކޮށްދެއެވެ.

ޝައިޚް ޝަފީޢުގެ ބަސްފުޅާއިމެދު ތަފާތު ދާއިރާތަކުން މިގޮތަށް ވާހަކަދެއްކިދާނެއެވެ. ނަމަވެސް މިބަލައިލީ ހަމައެކަނި ޒަވާޖީ ޙަޔާތުގެ މައްޗަށެވެ. ދެމަފިރިންގެ ސިފަ ހުތުރުވުމާއި ރީތިވުމުގެ މައްޗަށެވެ.

 

މިއަދު އޮންލައިން